ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
04 މެއި 2025 - 23:04
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރު ގުޅިގެން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) އަކީ ދުނިޔޭގެ މާލީ މުސްތަގުބަލު ބައްޓަން ކުރުމަށް ރާއްޖޭން އިސް ނެގުމުގެ ރަމްޒެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
ރައީސް މުއިއްޒު އާއި އެމްބީއެސްގެ ޝެއިހް ނާއިފް ބިން އީދު އަލް ސާނީގެ ހާޒިރުގައި މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި، 8.8 ބިލިއަން ޑޮލަރުގެ މި ސެންޓަރު ގާއިމުކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސެންޓަރަކީ ހަމައެކަނި ކޮންކްރީޓު ބިނާއެއް ނޫން ކަމަށާއި އެތަނަކީ ޒަމާނުއްސުރެ ރާއްޖޭގެ އިގުތިސާދި ބަރޯސާވެފައި އޮތް ސިނާއަތްތަކުގެ ބޭރަށް ނެރެ، ސިންދަފާތު ކުރުމުގެ ގައުމީ ވައުދެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމުގެ ތަސައްވުރު ހާސިލުކުރުމުގެ ބިންގަލަކަށް މި ސެންޓަރު ވެގެންދާނެ އެވެ.
"އެމްއައިއެފްސީ އާއެކު އަޅުގަނޑުމެން މި އެކުލަވާލަނީ މާދަމާގެ ދިވެހިރާއްޖެ. އެއީ އާ އީޖާދުތަކުގެ ނަމޫނާއަކަށްވެ، ގައުމީ ފަހުރުވެރިކަމުގެ ނިޝާނަކަށްވެ، ގުދުރަތާ އެއްހަމައެއްގައި ކުރިއަރައިގެންދާނެ ތަނެއް،" ރައީސް ވިދާޅުވި އެވެ.
”މި ފައިނޭންޝަލް ސެންޓަރަކީ އިގުތިސާދީ ގޮތުން ވަރުގަދަކަމުގެ ނިޝާނަކަށްވެ، އަންނަން އޮތް އެތައް ޖީލުތަކަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ، އާ މިންގަނޑެއް ކަނޑައަޅައިދޭނެ ތަނަކަށް ވެގެންދާނެ."
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
މާލޭގައި ގާއިމުކުރާ ޖުމްލަ 780,000 އަކަމީޓަރުގެ މި ސަރަހައްދުގައި 6,500 އަށްވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މާލީ ފްރީޒޯނެއްގެ ގޮތުގައި ގާއިމުކުރާ އެމްއައިއެފްސީގައި ކުންފުނިތަކުން ޓެކްސް ދައްކަންނުޖެހޭ ގޮތަށް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރީގެ މިލްކުވެރިކަން ލިބިގެންދާއިރު، ރެސިޑެންސީ ޝަރުތުތަކެއް ނުހިމެނެ އެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފައިސާގެ އެކި ގޮތްގޮތުން މުއާމަލާތްކުރެވޭ ބޭންކިން ހިދުމަތާއި އޮފްޝޯ ޕްރައިވެޓް ބޭންކިން ހިދުމަތް ލިބޭނެ އެވެ. މީގެ އިތުރުން، މުސްތަގުބަލަށް އެކަށައަޅާފައިވާ ގަވާއިދުތަކުން ޑިޖިޓަލް އެސެޓްތަކާއި ގްރީން ފައިނޭންސްއަށް އެހީތެރިވެދޭނެ އެވެ.
ރައީސް ވިދާޅުވީ މި ސެންޓަރަކީ ދުނިޔޭގެ މާލީ މުސްތަގުބަލު ބައްޓަންކުރަން ރާއްޖޭން އިސް ނެގުމުގެ ރަމްޒަކަށް ވެގެންދާނެ ކަމަށެވެ. އަދި ހަމައެކަނި ކޮންކްރީޓު ބިނާއެއްގައި ބަދަލުގައި، މި ސެންޓަރު ވެގެންދާނީ މުޅި ދުނިޔެއަށް ކަނޑައަޅައިދޭ ރާއްޖޭގެ ލެގަސީ ނުވަތަ މީރާސް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއިން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް
"ހަމައެކަނި ގަލާއި ދަގަނޑުގެ މީރާސެއްގެ ބަދަލުގައި، މި ކަން ވެގެންދާނީ އީޖާދީ ނިންމުންތަކާއި ހިތްވަރުގަދަ ގުޅުންތަކާއި ގައުމީ އަޒުމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މީރާސްއަށް،" ރައީސް ވިދާޅުވި އެވެ.
މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރޭވިފައިވާއިރު، މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރު އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ހޯދުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
05 May 2025
ތިޔަލަންތައްވެސް ނިމޭނީ ތިނަދޫގައި އަޅަން ބުނި އެއާޕޯޓަށްވީގޮތް، މިސަރުކާރުން ބުނި ބޭންކަށްވި ގޮތް، އިންޓަނޭޝަނަލް ބަންކަރިންގ އަށްވި ގޮތް. 30 ބުޅަލަށްވި ގޮތް. އައްޑޫގައި އަޅާ ބްރިޖަށްވި ގޮތް. ހުސް ގަނޑުގާ ސޮއިކޮށްލަނީ ދައްކަން ދެއްކުންތެރިކަމުން. އަންނަނީ. އަންނަނީ. ރާއްޖޭގެ ގަމާރުންނަށް ދައްކަން. އަންނަނީ. އަންނަނީ. ކޮބައިތަ ވީ ވައުދުތައް. އޮޔާދިޔައީ ދޯ؟
ރާވެރިބެ
05 May 2025
މިހާރު އެއްކަލަ ޑެވެލޮޕްމަންޓް ބޭންކުން ކިތަށް ބިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފިތަ؟ މިބޭންކުން ލޯނު ލިބުނު މީހެއް އެގޭތަ؟ ވަރަށް ރީތި އިމާރާތެއް. ރަށްޓިއްސެއް ބުނި އެތަން ހިންގަން ބޮޑު މުސާރަދީފަ ގެނައި ދޮންމީހާ އިސްތިއުފާ ދީފަ ގޮސްފިޔޭ! ކާކުބާ މިހާރު މިތަން ހިންގަނީ؟ މިނިސްޓަރު ބާ؟
އާދިލް ސަލީމް
05 May 2025
ރައީސް މުއިއްޒް މިއީ ހުސްވައުދު ވާނެ މީހެއް ނޫންކަން މިފެންނަނީ. އިގްތިސާދުގައި ބުންވަރު ޖައްސާ އިގްތިސާދު ކުރިއެރުވުން އެހެން ލެވެލްއެއްގައި މިދަނީ ކުރިޔަށް.
ނިހާލް ސަލީމް
05 May 2025
ފަހުރުވެރިވަން މިވަރުގެ އިންވެސްޓެއް މިގައުމަށް ގެނެވުމުން. މީގެ ސަބަބުން ދެން އިގްތިސާދަށް އަންނާނީ ދުވަހަކު ނާންނަ ކުރިއެރުން.
އަމީން ފައިސަލް.
05 May 2025
މުއިއްޒް ގަދަ. ރާއްޖޭގެ އިގްތިސާދު އެހެން ލެވެލްއަކަށް ގެންދަން މުއިއްޒް މިދަނީ އެހެން ލެވެލްއެއްގައި މަސައްކަތް ކުރަމުން.
ރިހުލާ އަލީ
05 May 2025
މީގެ ސަބަބުން ހަމަ ގައިމުވެސް ރާއްޖޭގެ އިގްތިސާދު ދެގުނަ ތިންގުނަ ވެގެން ދާނެ. ޖީޑީޕީ އެތައް ގުނައެއް އިތުރުވެގެން ދާނެ
ރަންނަ
05 May 2025
އެއޮށްބޮޑު ރަސްމާލެ މަދު މަސްކޮޅެއްތެރޭ ބައިރުފިޔާއެއްވެސް ބަޖެޓުން ހަރަދުނުކޮށް ނިންމާ، ބަންކަރިންއިން 400 މިލިއަން ޑޮލަރު އަހަރަކު، ޑިވެލޮޕްމެންޓް ބޭންކުން ބިލިއަނުން އަދި މި ޕްރޮޖެކްޓުން 8.8 ބިލިއަން ޑޮލަރު. މީވާރައީސެއް. ދެން ބުނާނެ ތިމަންނަ ބުނީމަ ވަނީ ދޮގަށްހެއްޔޭ؟ މީހަކު އަންތަރީސްވެދާނެ