ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުންގެ ތާއީދު އެ މަނިކުފާނަށް އޮތް ކަން ހާމަކުރަން ޕޯސްޓަރުތަކެއް ދައްކާލަނީ.---ފޮޓޯ: ރައީސް އޮފީސް
06 ނޮވެމްބަރ 2025 - 00:01
އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓު އޮޕަރޭޝަނަށް ގެނައުމާއި އެ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްގެ އިތުރުން ހަންކެޑެ ތަރައްގީ ކުރުމަށް ވެވަޑައިގަންނެވި ވައުދު ފުއްދެވުމަށް ބޮޑެތި ކާމިޔާބީތަކެއް މިހާތަނަށް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ބޮޑަށް ފަހި ވާނީ ޓޫރިޒަމާ އެކު ކަމަށެވެ. އެހެންވެ، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ސިޓީގައި ޓޫރިޒަމް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒު މީގެ ކުރިން ވެވަޑައިގެންފައިވާ އެންމެ ބޮޑު ތިން ވައުދު ހަގީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ރޭ ވަނީ އެ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އައްޑޫގެ ރައްޔިތުންނާ ހިއްސާކުރައްވައިފަ އެވެ.
އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ވަނީ އައްޑޫގައި އައްސޭރި ޓޫރިޒަމްގެ ޕްރޮޖެކްޓު ހިންގުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 600 އެނދުގެ ޓޫރިޒަމް ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު، އެކަމާ ގުޅިގެން ނިންމަންޖެހޭ ސާވޭތައް ވެސް އެމްޓީޑީސީން ހަދާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުގެ އިތުރުން ޝަންގްރިއްލާ ރިސޯޓު ހުޅުވުމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އިއްޔެ ހަވީރު އެ ރިސޯޓަށް ވަޑައިގެން މި ދަތުރުފުޅުގައި ހޯއްދެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަންދުކުރި ގޮތަށް މިހާތަނަށް ވެސް ނުހުޅުވާ އޮތް ޝަންގްރިއްލާ މަރާމާތުކޮށް އަލުން ހުޅުވާނެ ކަމަށް ސަރުކާރުން އޮތީ ކުރިން އިއުލާނުކޮށްފަ އެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ އެ ރިސޯޓު ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނައިރު ރައީސް މުއިއްޒު ވިދާޅުވީ އެ ކަން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ޝަންގްރިއްލާ ހިންގާ ކުންފުނީގެ ވެރިން އިއްޔެ ވެސް އެ މަނިކުފާނަށް ދެއްވި ކަމަށެވެ.
ރައީސް މުއިއްޒު އިއްޔެ ޝަންގްރިއްލާ ރިސޯޓަށް ވަޑައިގެން، އަންނަ މަހުގެ ނިޔަލަށް އެ ރިސޯޓު އަލުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މި އަހަރުގެ ނިޔަލަށް [ޝަންގްރިއްލާ ރިސޯޓު ހުޅުވުން] ނިންމާނެ ކަމުގެ ޔަގީންކަން ހަމަ ދިން އަޅުގަނޑުމެންނަށް މިއަދު ވެސް. އެހެންވީމަ އެގޮތަށް އެކަން ވެސް އޮތީ ހަމަޖެހިފައި. އެ އިން ވެސް އަންނާނީ ވަޒީފާގެ ފުރުސަތު،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ހަންކެޑެ ހެދުމަށް އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވީ ކުރީގެ ސަރުކާރުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ފައިސާ ހަމަނުޖެހިގެން ކަމަށާއި އެކަން ކުރެވޭތޯ ދޮޅު އަހަރު ދުވަސް ވަންދެން މި ސަރުކާރުން މަސައްކަތް ކުރި ކަމަށެވެ. އެކަމަކު، އިތުރަށް އެ މަޝްރޫއު ލަސްކުރަން ބޭނުން ނުވާތީ، އެއްބަސްވުން ބާތިލުކޮށް، އަލުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ތުރުކީގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
"އަލުން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ލައިގެން އެވޯޑު ލެޓާ ވެސް 23 އޮކްޓޫބަރުގައި ބޭރުގެ ތުރުކީގެ އިންވެސްޓަރަކަށް ވަނީ ލެޓާ އޮފް އެވޯޑު ދީފައި. އިކުއިޒިޝަން ކޯސްޓް ދައްކަން އޮތް މުއްދަތު މިހާރު މި ހިނގަމުންދަނީ،" ހަންކެޑެ ޕްރޮޖެކްޓުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމާ ހަވާލާ ދެއްވައި ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާނެ ކަމަށް ތުރުކީގެ ކުންފުނިން މައުލޫމާތު ދެ އެވެ. އެއާ އެކު، ހަންކެޑެ ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމުގެ އުއްމީދު ރައީސް ދެއްވި އެވެ.
ޖުމްލަ 3،000 އެނދުގެ ހަންކެޑެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 1،000 އެނދު އަޅާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި އެ ބޭފުޅުން އެބަ ހަދާ 1،000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް. އެއީ ފުރަތަމަ ފޭސްގައި. 3،000 އެނދުނުގެ ޕްރޮޖެކްޓެއް އެއީ. އެހެންވީމަ ހަންކެޑެ ޕްރޮޖެކްޓުން ވެސް ވަޒީފާ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ޖުމްލަ ތިން ވައުދެއް އަޅުގަނޑުވީ. ޝަންގްރިއްލާ އަލުން ހުޅުވުމުގެ މަސައްކަތް ކުރާނެ ކަމާއި އެކަން މިހާރު އެ ވަނީ މި އަހަރުގެ ނިޔަލަށް. ދެން އައްސޭރި ޓޫރިޒަމްގެ ތެރެއިން 6،000 އެނދާ ހިސާބަށް ދާނެ. އޭގެ ތެރެއިން 600 އެ ފެށީ. ދެން ހަންކެޑެ ޕްރޮޖެކްޓް."
މި ތިން ވައުދު ހާސިލް ވާއިރު، ވަޒީފާގެ އެތައް ފުރުސަތުތަކެއް ފަހިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ މީގެ 20 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން އެ މަޝްރޫއު ހިންގަން އިއުލާންކުރި ނަމަވެސް މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވި އެވެ.
ރައީސް މުއިއްޒު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަން ރޭ ހިތަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މިދިޔަ ސަރުކާރުގެ ދުވަސްވަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ވަނީ ހެންކެޑެ ތަރައްގީކުރަން ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރިޔަސް މަސައްކަތް ފަށައިފައެއް ނުވެ އެވެ.
ޓޫރިޒަމްގެ އެ ތިން މަޝްރޫއުގެ އިތުރުން ވެސް އައްޑޫގެ ތަަރައްގީއަށް ސޮއިކުރި އިތުރު އެއްބަސްވުންތަކާ އެކު ވެސް ވަޒީފާގެ ފުރުސަތުތައް ތަނަވަސްވާނެ ކަމަށް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ.
އައްޑު އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެކި ރަށްރަށުގައި ހައުސިން ޔުނިޓް އެޅުމަށް ވެސް ރޭގެ ޖަލްސާގައި ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް 30 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ތަނެއް ގާއިމުކުރަން ޖެހޭ ކަމަށާއި އެކަން ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުތަކުގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް އެކި ކަންކަން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މާލެ އަށް މީހުން ބަދަލުވާން ދިމާވާ ސަބަބުތަކާ ގުޅުވައި އެ ހިދުމަތްތައް ރަށްރަށުގައި ގާއިމުކުރުމުން މާލެ އަށް ތޮއްޖެހުން ކުޑަވާނެ ކަމަށެވެ. އަދި ރަށްރަށުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފުޅާކޮށް، ރަށަކީ ވެސް މީހުން އުޅޭ ކަހަލަ ތަނަކަށް ހެދުމުން މީހުން ބަދަލުވާން ފަށާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
08 November 2025
އެހެންވީމަ އައްޑޫއަށް ވައުދުވި ހުރިހާ މަޝްރޫއެއް ފުރިހަމަވީ!
ހުޅުދޫ
06 November 2025
ހުޅުދޫ މީދޫ އަކީ ވަރަށް މަދު މީސްކޮޅެއް ދިރިއުޅޭ ދެރަށް. އެދެ ރަށުގައި ދިރިއުޅޭ މަދު މީސްކޮޅު އަނެއް ފަޅިއަށް ބަދަލުކުރުމަށްފަހު އެދެރަށަކީ އިންޑަސްޓްރިއަލް ޒޯނަކަށް ހެދުން އެންމެ ފައިދާ ހުރި ގޮތަކީ.
ސައީދީ
06 November 2025
އަސްލު ވައުދުގެ ވާހަކަ (ބުރިޖު) ހަހަހަ. ކޮބާ؟ ވަރައްވަޅޯކޮއް ތިދުއްވާލީ. މަނިކުފާނުމެން ދެން ވެރިކަމާ ނުއުޅުއްވަންވީ. ތީހުސްބޭކާރުވާހަކަ. އިހުސާސްތަކައް ފުރުސަތުނުދިނަސް އޮއްޓަރެއްހުރި ވާހަކަފުޅަކުން އުފާކޮއްލަދިން ނަމަވެސް މިހާ ޗިސް އެއްނުވާނެ
5 އަހަރު
06 November 2025
ކޮބާތޯ އެމީހެއްގެ ދައުރުގަ ވައުދު ފުއްދުނު މީހެއް. އަދި އެބައޮތް ބާކީ 3 އަހަރު. ވައުދު ވަނީކީ ފުރަތަމަ އަހަރު ހުރިހާ ވައުދެއް ފުއްދާކައް ނޫން 5 އަހަރުތެރޭ
މަރި
06 November 2025
އެއީ ކުޑަކުދިންތަކެއްތަ ބޯޑު ހިފައިގެން ހެއްހޭ.. މީހުންތަރައްގީއެއްނުވެޔޭ.... ކީކޭދެންބުނާނީ. މީހަމައައްޑުމީހުންތަ!
ހަޖަމްބެ
06 November 2025
އައްޑޫ މީހުނައް އިނގޭނެ އައްޑޫ މީހުންކަން. އެހެންވީމާ ބޯޑު ހިފާ ހުރިހާ މީހުނަކީ ކުޑަކުދިންތޯ. ދެން ހަޖަމުކޮއްލާ
ހަންކޮޅާ
06 November 2025
މަރަދޫ އާއި އިންވެގެން އޮންނަހަންކެޑެ ؟ އެހެންވެތޯ ބުރިޖަކުން ގުޅާލާފަ އޮތީ
ބަންކަރިން
06 November 2025
ހުޅުދޫ ކަހަލަ މީހުން މަދުން އުޅޭ ރަށް ރަށުން މީހުން ބާލާ މަރަދޫ ފޭދޫ އަށް ހިޖުރަ ކުރަން ސަރުކާުން ހިތްވަރު ދޭން ޖެހޭ އެބަ. ސިޔާސީ ބޭނުމަށް 200 މީހުން ހަމަނުވާ ހޮޅުދޫއަށް އެއާޕޯރޓާއި ޕޯރޓުގެނައުމަކީ މުޅި އަށްޑޫގެ ކުރިއެރުން ލަސްވާނެ ކަމެއް.
އަފްރާސިޔާބު
07 November 2025
އެއާޕޯޓު އަޅަން ކުޑަރަށެއް ބޮޑު ރަށެއްނުބަލާނެ.
އާދަނު.
06 November 2025
ބޭކާރު ޚަރަދު!
ސަލާމަތް
06 November 2025
ތަރައްގީ ގެނައީމަ ބޭކާރު ހަރަދު އެކަމު ނުގެނެއްސިއްޔާ ދޮގު ހެދީ ނެތެއްނު ސަލާމަތެއް
ކަލޯމެން
06 November 2025
ކޮބާ ބުރިޖު؟
ނުވު
06 November 2025
ބްރިޖް އެޅުނުތޯ ނޭޅުނުތޯ ބަލާނީ ބާކީ 3 އަހަރު ނިމޭއިރު ނުވެއްޖެޔާ
އަފްރާސިޔާބު
07 November 2025
މިހާރު ބުރިޖުގެ ބޭނުމެއް ނެތެއްނުން. ހުޅުމީދޫ މީހުން ހިތަދުއަށް ކަންކަމު ދާންޖެހޭތީ ބުރިޖު އަޅަން ވައުދުވީ. ހުޅުމީދޫ ގައި އެއަރުޕޯޓެއް އެޅީމާ ނިމުނީ. އެކަމަކު އެއަރުޕޯޓު އެޅުމުގެ ވައުދެއް ނެތީމާ އެކަމެއް މިފަހަރަކު ނުވާނެ. ދެން އަންނަ 5 އަހަރުގެ ދައުރެއްގައި ހޮވައިފިއްޔާ އެއަރުޕޯޓެއްގެ ވައުދު ވާނީ.
ކޮމްޕެނީ
06 November 2025
ހުޅުދޫ އަދި މީދޫ ބޮޑަށް ބަލަންވީ އުފެއްދުންތެރިކަން ކުރިއެރުވޭތޯއޭ އެކަން ކުރަން ހުޅުދޫ އަދި މީދޫ ހުޅަނގުން އޮތް ފަޅު ހިއްކަންވީ ޗައިނާ އިން 1 ޓްރިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ލޯން ދެއްކުމަށް ޓަކައި ޗައިނާ އަށް 500 އަހަރަށް ކުއްޔަށްދޭނީ ހިއްކާ ބިމުން ބައެއް އެއިރުން ދެން ބާކީ ހުރި ބިންތައް ވިއްކާނީ ލައިޓް އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރުމަށޭ އެއަރޕޯރޓެއްވެސް އަޅާނީ ޓެލް މީ ވަޓް ޔޫ ވޮނާ އޭޒް އަ ޗޭންޖް ކޭންވީ ބީ އީޗް އަދަރސް ކޮމްޕެނީ..
ބޯޑް މެމްބަރު
06 November 2025
ގައުމުގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރައިގެން އަހަރެމެން ގައިން ހީބިހި ނަގައިގެން އުޅޭއިރު 1 ޓްރިލިއަނން ޑޮލަރގެ ލޯނެއް ނަގައިފިއްޔާ ހާޓް އެޓޭކެއް ޖެހޭނެ ނޫންތޯ،
ޢިސަ
06 November 2025
އެއަރޕޯރޓާއި ބުރިޖުގެ ވާހަކަ މިހާރު އޮތީ ވަޅުލެވިފައި؟
ފައްޓާ
06 November 2025
ނުޖެހޭ ބުނެފަ އޮތީ .މިއަންނަ އަހަރު ފައްޓާ ވާހަކަ