މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދު--
05 މެއި 2025 - 18:30
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސް ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައި އޮންނަ ނ. މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް މިއަދު ފޮނުވީ އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފު ވެފައިވާތީ ކަމަށް އެގްރިކަލްޗަރު މިނިސްޓްރީން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދައިދޭނެ ބަޔަކު ހޯދަން ވެސް އޭރު އިއުލާން ކުރި އެވެ.
އެކަމަކު، އޭގެ ފަހުން ވެސް މިނާވަރު ބޭނުން ކުރަމުން އަންނަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުށްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ.
މިނާވަރު ސަރުކާރަށް ނަގަން 14 ދުވަހުގެ ނޯޓިސް ދިނުމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު، "މިހާރު" އިން ސުވާލު ކުރުމުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރަށް ސިޔާމްގެ ކުންފުންޏަށް ކުއްޔަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުން ތިން ވިޔަފާރިއެއް ކުރަންޖެހޭ ކަމަށެވެ. އެއީ
- ދަނޑުވެރިކަން
- ޕްރޮސެސިން
- ވެލިއު އެޑިޝަން (ޖޫސް ކަހަލަ އެއްޗެހި ތައްޔާރު ކުރުން)
ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް މޮނީޓާ ކުރުމުގެ މަސައްކަތް މިދިޔަ އަހަރު އެގްރިކަލްޗާ މިނިސްޓްރީން ކުރި އެވެ. އެ މަސައްކަތުގައި ވެސް އެ މިނިސްޓްރީން ވަނީ މިނާވަރު މޮނީޓާ ކޮށްފަ އެވެ.
ނ.އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ މޮނިޓަރިންގ މަސައްކަތް ނިންމާލައިފި.
— Ministry of Agriculture and Animal Welfare (@MAAWmv) August 14, 2024
1/1 pic.twitter.com/kvw3XkcrXQ
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިގޮތުގައި މިނާވަރުގައި އި ކުރާ މަސައްކަތްތަކުގެ އެސެސްމަންޓެއް އެ މިނިސްޓްރީން މި އަހަރު ވެސް ހެދި އެވެ. އެ އެސެސްމަންޓުން ފާހަގަވީ އެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްބަސް ވުމާ އެއްގޮތަށް އަމަލު ނުކުރަންޏާ ރަށް އަތުލުމުގެ ބާރު އޮވޭ. އޭގައި ނޯވޭ ބަދަލު ދޭން ޖެހޭނެ ކަމަކަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
އެހެންވެ ރަށް ހުސްކުރަން ދިނީ އެއްބަސްވުމުގައިވާ ގޮތުން ދެވޭނެ އެންމެ ދިގު މުއްދަތު ކަމަށްވާ 14 ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ސިޔާމްގެ ޕާޓީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިގޮތުގައި، އެއްބަސްވުން ބާތިލުކުރަން ސަރުކާރުން ނިންމީ ބަދަލު ދިނުމަކާ ނުލަ އެވެ.
އޭނާ ވިދާޅުވިގޮތުގައި 25 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ މިނާވަރުގެ އެއްބަސްވުން ބާތިލް ކުރުމުގެ ނޯޓިސް ފޮނުވިއިރު ބާކީ 8 އަހަރު އަދި އެބައޮތެވެ.
މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފަ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.
ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިން ސުވާލު ދެންނެވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
06 May 2025
ސިޔާމްގެ ޕާޓީގެ ކޯލިޝަން ރޫޅުމާއި ސިޔާމްގެ ރަށް ސަރުކާރަށް ނެގުމާއި މި ދެކަންތައް އެއްފަހަރާ ދިމާވުމަކީ ރައީސް ވިދާޅުވާކަހަލަ އިއްތިފާގެއް. އެކަން ގަބޫލްކުރަން ޖެހޭ.
ޢ.ޖީޒާން
06 May 2025
ނ.ދިގުރަށުގަ އެއަރޕޯޓު އަޅަން ސަރުކާރުން ޕްލޭންކޮށް ހުރިހާ ކަމެއް ނިންމާފައިވަނިކޮން، ރ.ޔާމީނު ބޮލަށް އެރިގެން އެރަށް ދަމައިގަނެ ސިޔާމް ވޯލް ރިސޯޓު ހެދީ. މީހުން ހަޅޭލަވާތީ އެއްރޕޯޓު ބަދަލުކޮށްލީ މާފަރަށް. އޭގެ ސަބަބުން، އަތޮޅުގެ އަނެއްބިތުގެ ރަށްތަކަށް އެއަރޕޯޓު ބޭނުންކުރުމުގައި ވ ބޮޑެތި ދަތިތައް ދިމާވަމުންދޭ. ޚާއްސަކޮށް، ވެލިދޫ، ހޮޅުދޫ، މިލަދޫ މަގޫދު އަދި މަނަދޫގެ ރައްޔިތުންނަށް.
މރ.ޗިކް
06 May 2025
މިނާވަރުގައި ކުރާ ޣައިރު ޤާނޫނީ ކަންކަން ބަލާ ޖިނާއީ ތަހުގީގެއްވެސް ކުރަންޖެހޭ. ރަށުން ރޭގަނޑުގެ ވަގުތުތަކުގައި ކޮނެގެން ވެލި ނަގައިގެން ޝިޔާމުގެ އެހެން ރަށްރަށަށް ގެންދާކަމަށް އަތޮޅުގެ މީހުން ތުހުމަތުކުރޭ. އަދި އެކި ބާވަތްކަުގެ، ރަށުގައި ތޮބީޢީ ގޮތުން ހެދިފައިވާ ގަސްތަކާއި ރުއް އުފުރައިގެން އެހެންރިސޯޓު ތަކަށް ގެންދާކަމަށްވެސް ތުހުމަތު ކުރެވޭ. ތިމާވެށްޓަބެހޭ ޤާނޫނާ ޚިލާފަށް މިރަށުގައި އީއައިއޭ ނުހަދާ އެތައްކަމެއް ކުރަމުން ގެންދޭ.
ސަމަރފީލްޑް
06 May 2025
މުޅި ނ.އަތޮޅުގެ ހުރިހާ ރަށެއް ސިޔާމަށް ދީފަ ބަހައްޓާކަށް ނުޖެހޭ. ނުވިތާކަށް މާފަރު އެއަރޕޯޓުގަނޑުވެސް ޔާމީނު ބޮލަށް އެރިގެން ހަދަން ދަމައިގަތީ ސިޔާމު. އެނމެފަހުން އެކަން ނުކޮށްގެން އަތޮޅުމީހުން ހަޅޭލަވަންފެށީމަ ދުބާއި ބަޔަކަށް ވިއްކާލީ ޕްރޮޖެކްޓް. މިނާވަރު މީނާގެ އަތުން އަތުލުން މާލަސްވެއްޖެ. އިރުފުށި ނަގާފަ ދިގުރަށް ނަގާފަ، މިނާވަރު ނަގާފަ، ނުވިތާކަށް އެކުޅިވަރާ ކެނދިވަރު ހޯދަންވެސް މަސައްކަތް ކުރި.
ވިންޓަރފީލްޑް
06 May 2025
އަޅޭ މޮޅިއްޔާ ނަގާބަލަ. ލާހިކެއް ނޫން ސިޔާމުގެ ރިސޯޓެއްގަ އަތްލާކަށް.
ކުޅަދުރު
06 May 2025
އެހެންވެގެންދޯ ކޮވިޑްތެރޭގައި އެހާގިނައިން މާމުއި ފޭބީ މިހިރީ މިމީހުންގެ އަމިއްލައެދުން ހުރިވަރު
ޗީބޯ
06 May 2025
ސިޔާމު މަޖިލިހުގައި އިންނަވަނީ އަވި އައިނު އަޅައިގެންތަ
ބަލާބަލަ
05 May 2025
އަޅެ ނޫސްވެރިން ބަލާލަބަލަ ޝިޔާމަށް ނ އަތޮޅުންނާއި ދ އަތޮޅުން ކިތައް ފަޅުރަށް ދީފައިވޭތޯ..
ޢަލީ ކުރުސީ
05 May 2025
އެހެންވިއްޔާ ތިޔަ ކޮންޑިޝަންގައި ހުރި ހުރިހާ ރަށެއް ދައުލަތަށް ނަގަން ނޯޓިސްދީ! ދަނޑުވެރިކަމަށް ދޫކުރި ގިނަ ރަށްރަށުގައި ތިޔަ ވިދާޅުވާ ޝަރުތުތަކާއި އެއްގޮތަށް މަސައްކަތެއް ނުކުރޭ. އެހެންވީމާ މީގެ ކުރިންވެސް ހަދާގޮތަކީ ޢާންމު އިޢުލާނުކޮށް ޝަރުތުތަށް ހަމަނުވާ ރަށްރަށް ވަކި މުއްދަތެއްގެ ތެރޭގައި ރަގަޅުކުރުމަށް މުހުލަތެއް ދެނީ! އެއަށްފަހު އަތުލާނީ! ހަމަ ޝިޔާމަށް ވާތީ ވަކި ގޮތެއް އޮވެގެން ނުވާނެ! ދަނޑުވެރިކަން ކުރިއަރުވަން އައި ސަރުކާރުގެ ފެންވަރު!
މިސް
05 May 2025
އާއްމު ގޮތެއްގައި ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްތަކުގެ އެގްރީމެންޓްގައި އޮންނަނީ އެރަަށުގައި ކުރެވޭނެ މަސައްކަތްތައް ފާހަގަ ކޮށްފައި، އޭގެ ތެރެއިން ހުރިހާ މަސައްކަތެއް އެތަނުގައި ކުރުމަކީ މަޖްބޫރު ކަމެއްނޫން، އަދި އޭގެ ތެރެއިން އެއް މަސައްކަތެއް ނުކުރިނަަމަވެސް އެއީ އެގްރީމަންޓާއި ޚިލާފުންކަމަށް ބެލިދާނެހެން ހިއެއްނުވޭ. މައްސަލައަކަށްވާނީ ހުއްދަނެތް މަސައްކަތެއް އެރަށުގައި ކުރުން، އެކަމަކު މިހާރު ގާޒީ ހުކުމް ކުރާނީ ސަރުކާރާ އެއްކޮޅަށް
އެމްސް
05 May 2025
ޕޮލިސީތައް ހުންނަނީ މުއްސަނދިން އިތުރަށް މުއްސަނދިކޮށް، ނިކަމެތިން އިތުރަށް ނިކަމެތި ކުރުމަށެވެ! ދަނޑުވެރިންނަށް އޮންނަންވީ ފުރުސަތުތައްވެސް މިރާއްޖޭގަ އޮންނަމުންދަނީ ރިސޯޓްވެރިންނަށެވެ!