އެތުލެޓިކޯގެ ސޯލޯތު: އޭނާ ވަނީ ފުރަތަމަ 11 މިނެޓް ތެރޭ ހެޓްރިކް ހަދާފަ
11 މެއި 2025 - 10:19
މެޗުގެ ފުރަތަމަ 11 މިނެޓްތެރޭ ހެޓްރިކް ހަދައި އެތުލެޓިކޯ މެޑްރިޑްގެ އެލްގްޒެންޑާ ސޯލޯތު، ލަލީގާގެ ރެކޯޑް މުގުރާލައިފި އެވެ.
ރެއާލް ސޮސިއެޑާޑާ ދެކޮޅަށް އިއްޔެ 4-0 ން އެތުލެޓިކޯ މޮޅުވި މެޗުގައި ނޯވޭގެ ފޯވާޑް ހެޓްރިކް ހަދަން ހޭދަވީ ފަސް މިނެޓެއްހާއިރު އެވެ. އެ ޓީމުގެ އަނެއް ލަނޑު ވެސް ޖެހީ އޭނާ އެވެ.
އޭނާގެ ފުރަތަމަ ލަނޑު ޖެހީ ހަތްވަނަ މިނެޓްގަ އެވެ. ދެވަނަ ލަނޑު 10 ވަނަ މިނެޓްގަ އެވެ. އޭގެ މިނެޓެއް ނުވަނީސް އޭނާ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަ ކުރި އެވެ.
ސޯލޯތު މުގުރާލީ 84 އަހަރުވީ ރެކޯޑެކެވެ. ވެލެންސިއާ އަށް ކުޅުނު އެޑްމުންޑޯ ސުއަރޭޒް 1941 ގައި ހެދި ރެކޯޑާއި ބާސެލޯނާގެ ކާލޭސް ބެސްޓިޓް 1929 ގައި ހެދި އަވަސް ހެޓްރިކްގެ ރެކޯޑަށް ވުރެ ސޯލޯތު ހެދި ހެޓްރިކް ހަތަރު މިނެޓް އަވަހެވެ.
އަހަރެންނަށް ހުރިހާ ކަމެއް ވެސް ރަނގަޅަށް ދިޔަ ދުވަސްތަކުގެ ތެރެއިން އެއް ދުވަސް މިއީ،" އޭނާ ހެދި ރެކޯޑާ ބެހޭގޮތުން ސޯލޯތު، 29، ބުންޏެވެ.
"އަހަރެމެންގެ ކުޅުންތެރިން އަހަންނަށް ތަނަވަސްކޮށް ދިން ހުރިހާ ބޯޅައެއް ވަނީ (ގޯލްގެ) އެތެރެއަށް. އަހަރެމެންގެ ޓީމުގެ ކުދިންނަށް އެނގޭނެ އަހަރެން އޭރިއާ ތެރެއަށް ވަންނާނެކަން. އެމީހުން ނުޖެހޭނެ ބަލާކަށް ވެސް. ބޯޅަ ހުރަސްކުރީމަ ނިމުނީ."
މިއީ އެތުލެޓިކޯގައި އޭނާގެ ފުރަތަމަ ސީޒަނެވެ. އާންމުގޮތެއްގައި އޭނާ އަށް ފުރުސަތު ދެނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މިދިޔަ ސީޒަނުގައި ވިޔަރެއާލް އަށް ކުޅުނު ސޯލޯތު ބުނީ ޑިއޭގޯ ސިމިއޯނީގެ ޓީމުގައި އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy