ކުޑަކުދިންގެ އާބާދީގެ 74 ޕަސެންޓް ކުދިންގެ ދިރިއުޅެނީ މައިންބަފައިންނާ އެކުގައި. އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގައި.
ހުޅުމާލެ ބީޗުގައި ހުރި ޖޯއްޔެއްގައި މީހަކު ކުޑަކުއްޖެއް ގޮވައިގެން މަޑުކޮއްލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
11 މެއި 2025 - 11:31
ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ދެ ޕަސެންޓް ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ރާއްޖޭގެ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައި ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ އަށް ރިއާޔަތްކޮށް 18 އަހަރުން ދަށުގެ ކުދިންގެ ދިރިއުޅުމުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލު ހިމަނައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން ކުޑަކުދިންގެ އާބާދީގެ 74 ޕަސެންޓް ކުދިންގެ ދިރިއުޅެނީ މައިންބަފައިންނާ އެކުގަ އެވެ. އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގަ އެވެ.
އެކަމަކު، ބާކީ ދެ ޕަސެންޓް ކުދިން ދިރިއުޅެނީ އެއްވެސް ބެލެނިވެރިއަކާ ނުލަ އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ "ޗައިލްޑް އިކުއިޓީ ސެންސަސް" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ އެކި ރަށްރަށުގައި ބެލެނިވެރިޔަކު ނެތި ދިރިއުޅޭ ކުޑަކުދިން އެބަ ތިއްބެވެ. އެއީ އާބާދީގެ ކުޑަ ނިސްބަތެއް ކަމަށް ވިޔަސް ފާހަގަކުރެވޭ މިންވަރެކެވެ. އޭގެ ތެރޭގައި އާއިލީ ގުޅުން އޮންނަ މީހުންނާ އެކުގައި ދިރިއުޅޭ ކުދިން ވެސް ހިމެނެ އެވެ.
އެ ނިސްބަތް ރަށްރަށުގައި ހުރީ 0.9 އާއި 3.3 ޕަސެންޓާ ދެމެދުގަ އެވެ. ބެލެނިވެރިޔަކާ ނުލައި އުޅޭ ކުދިން އެންމެ ގިނަ ބ. އަތޮޅުގައި އެ ނިސްބަތް ހުރީ 3.3 ޕަސެންޓުގަ އެވެ. ކ. އަތޮޅުގައި 2.9 ޕަސެންޓު އަދި މާލޭގައި 2.7 ޕަސެންޓެވެ. ނ. ޅ، ފ އަދި ސ. އަތޮޅުތަކުގައި އެ ނިސްބަތް ހުރީ އެއްވަރެއްގަ އެވެ. އެއީ 2.4 ޕަސެންޓުގަ އެވެ. ލ އަދި ޏ. އަތޮޅުގައި އެ ނިސްބަތް ހުރީ 2.1 ޕަސެންޓުގަ އެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދެނީ އެކި ސަބަބުތަކާ ހުރެ މައިންބަފައިންގެ ބެލެނިވެރިކަން ނެތި، އެހެނިހެން ގާތް ތިމާގެ މީހުންނާ އެކު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ހާލަތު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރަށެއްގައި ދިރިއުޅޭ ކުޑަކުދިންތަކެއް އަތިރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މިހާރު
އޭގެ މާނައަކީ ރާއްޖޭގައި 134،000 އަށް ވުރެ ގިނަ ކުދިންގެ އާބާދީއެއް އޮތްއިރު، އޭގެ ތެރެއިން 2،700 އަށް ވުރެ ގިނަ ކުދިން ދިރިއުޅެނީ ބެލެނިވެރިޔަކު ނެތި ކަމަށެވެ.
އެމްބީއެސް އިން ބުނީ އާބާދީގެ އަންދާޒާ ދައްކާ ގޮތުގައި، މި އަހަރުގެ ކުޑަކުދިންގެ އާބާދީއަކީ 134،863 ކަމަށެވެ. އޭގެ ތެރެއިން ދިވެހި ކުދިންގެ އާބާދީއަކީ 131،154 ކަމަށް އެ ބިއުރޯއިން ބުންޏެވެ.
ރާއްޖޭގެ މުޅި އާބާދީގައި ކުޑަކުދިންގެ ޕަސެންޓަކީ 21.8 އެވެ. އެންމެ ގިނަ ކުދިން ދިރިއުޅެނީ ރަށްރަށުގަ އެވެ. އެއީ 77،000 އަށް ވުރެ ގިނަ ކުދިންނެވެ.
ކުޑަކުދިންގެ ޖުމްލަ އާބާދީގެ 52 ޕަސެންޓަކީ ފިރިހެން ކުދިންނެވެ. އަދި 48 ޕަސެންޓަކީ އަންހެން ކުދިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
12 May 2025
"އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކުގަ އެވެ." ތަފާސްހިސާބާ ބެހޭ އިދާރާގެ މަސައްކަތް ފެންވަރު ދަށް. މިއީ ވަރަށް ސަބްޖެކްޓިވް ވާހަކައެއް. މިއީ އަސް ދޭހަކޮށްދޭ އުޅެފައި އޮތް ހެން ހީވަނީ މިއީ ވަރި ނުވަތަ އެފަދަ އާއިލީ މައްސަލަތަކުގެ ސަބަބުން އާންމު ހަމަޔާއި އުސޫލުން ބޭރުން މި ފަދަ ހާލެއްގައި އުޅޭން ޖެހިފައި ތިބި ކުދިން ކަމަށް. މަންމަ ނުވަތަ ބައްޕަ މަރުވުމުން ދެން ކައިވެންޏެއް ކުރުމުގެ ގާބިލުކަން އަދި (1/2)
އޮލުން ބޮޅުން
12 May 2025
ކޮންމެ މީހަކު ބެކިޔަސް އެ ވާނީ އެކުއްޖެ ޕާރަންޓު ނޫނި ބެލެނުވެރިޔާއަށް އެވަގުތެއް ގައި. ދައްތަ މާމަ ބޭބެ ބޮޑުދައިތަ ވެސް ވެދާނެ ދަޮ ބެލެނިވެރިއަކަށް. ބެލެނިވެރިޔާ އަކީ މައިން ބަފައިން ނަށް ނުވެދާނެ. ވަރަށް މިސްލީޑިން އެއްޗެއް ތި ނެރުނީ
އޮޅުންބޮޅުން
12 May 2025
މާމަ އިން ވޭތަ ބެލެނިވެރިންނަށް؟ ތިކިޔާ ނުކިޔާ އަދި އެހާ ސާފެއް ނުވޭ
ތަހުޒީބު
11 May 2025
ބިރަކާނުލާ ތަހުޒީބު
އަޙްމަދުއަޙްމަދު
11 May 2025
މަންމަ ނޫނީ ބައްޕަ ނުލާ އުޅޭ ކުދިންވެސް ތިބޭނީ ކޮންމެވެސް ބައެއްގެ ބެލެނިވެރިކަމުގެ ދަށުގައި. ތި ސްޓެސްޓިކަށް ވުރެއް މިހިއްމީ ދިވެހިރާއްޖޭގެ ދިރިއުޅޭ ކުދިންގެ ތެރެއިން ކިތައް ކުދިންނަށް ތޯ ބެލެނިވެރިންގެ އަޅާލުމާ ލޯބި ލިބެނީ. ބައެއް ފަހަރު މަންމަ ނުނީ ބައްޕަ ނެތް ކުދިން ބަލަހައްޓާ ބައެއް އާއިލާތަކުން އެކުދިން ސިޓިންގ ރޫމް ތަޅުމުގައި ނިންދަވާ ނޯކަރުންހެން ފިހާރަތަކަށް އެއްޗެހި ގަންނަން ފޮނުވާ ހަދާ. ކާންދީ ނިންނެދެވީމަ ނިމުނީ ކަމަށް ހީކުރަނީ.
ސަންވޭ
11 May 2025
މައިންބަފައިން ކައިރީގައި ތިބެ ވަރަށް ޙާލުގައި އުޅޭ ކުދިން އެބަ އުޅޭ. ރަނގަަލަށް ކާން ނުލިބޭ ކުދިން . މައިންބަފައިން ވަޒީފާއަށް ދިޔައީމާ އެކަނި އުޅޭ ކުދިން ވަރަށް ގިނަ.
ދޮންމާމާމާ
11 May 2025
ބެލެނިވެރިޔަކު ނެތި. އެކަމަކު އާއިލީ ގުޅުން އޮންނަ މީހުންނާ އެކުގައި ދިރިއުޅޭ ކުދިން ވެސް ހިމެނޭ. ކީކޭ މިކިޔާނީ. އައިލާ މީހުންވަނީ ކޮންވެރިޔަކަށް. ފެމެލިވެރިންތައް އެއީ؟ އައިލާ މީހަކުވެސް ކުއްޖާ ބަލަހައްޓާނަމަ ވާނީ ބެލެނިވެރިޔަކަށް ދޯ. އަލުން މިޖެހުނީ ތިދިރާސާއެއް ކުރަން. ބެލެނިވެރިއެެއް ނެތި އެކަނި ދިރިއުޅޭ އުޅޭ ކުދިން އުޅޭނަމަ އެކުދިންގެ އަދަދުވެސް އެނގެން ޖެހޭ.
މުލޭ
11 May 2025
"ރާއްޖޭގެ މުޅި އާބާދީގައި ކުޑަކުދިންގެ ޕަސެންޓަކީ 21.8 އެވެ. އެންމެ ގިނަ ކުދިން ދިރިއުޅެނީ ރަށްރަށުގަ އެވެ. އެއީ 77،000 އަށް ވުރެ ގިނަ ކުދިންނެވެ." ދެންތިބި ކުދިން އުޅެނީ ޖައްވުގައިތަ!. އެހެން ޕްލެނެޓެއްގައިތަ! އެހެން ގައުމެއްގައިތަ! މާލެއަކީ ވެސް ރަށެއް.
ބަބޫ
11 May 2025
ބެލެނެވެރީންގެ މާނައަކީ ހާވާލުވެގެން ހުންނަ މީހާ. އެވެދާނެ އާއިލާ ނޫން މީހަކަށްވެސް. މައިން ބަފައިން ނަކީ މަންމައާއި ބައްޕަ. ހަބަރު ލިޔެފަ އިން ފަރާތަށް މިވަރު އެގޭހެނެއް ހިޔެއް ނުވޭ.
ޕެން
11 May 2025
"އެންމެ ގިނަ ކުދިން ދިރިއުޅެނީ ރަށްރަށުގަ އެވެ." ބާކީ ތިބިކުދިން ދިރުއުޅޭނީ ކޮންތާކުތޯ. ވިލާތަކުގަތޯ ޖައްވުގަތޯ؟