ކުޑަކުދިން ބާރުވެރިކުރަން މުޅި މުޖްތަމައުގެ އެއްބާރުލުން ބޭނުން: މިނިސްޓަރު

ކުޑަކުދިން ބާރުވެރިކުރަން މުޅި މުޖްތަމައިން މުހިންމު ރޯލެއް އަދާ ކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.


މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ މި އަހަރުގެ ޝިއާރަކީ "ކުޑަކުދިން ބާރުވެރިކުރުން" ކަމަށާއި، އެ ޝިޔާރާ އެއްގޮތަށް އެ މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި މި މަސައްކަތުގައި ދައުލަތުގެ އިތުރުން މުޖްތަމައުގެ ޒިންމާ ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާ މިއަދު ދެއްވި ހިތާބު

ކުޑަކުދިން ބާރުވެރިކުރަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުޑަކުދިންނާ ގުޅޭ ސިޔާސަތުތައް ހަދާ އިރު އެ ކުދިންގެ ހިޔާލު ހޯދަމުން އަންނަ ކަމަށެވެ. އަދި އެ ކުދިންނަށް ވެވޭ އިހުމާލާއި އަނިޔާގެ އަމަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވެސް އެ މިނިސްޓްރީން އަންނަނީ ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ ކަންކަމުގައި ފުރިހަމަ ނަތީޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ. އެ ގޮތުން، އާއިލާތެރޭގަ އާއި ތައުލީމީ މާހައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، މުހިއްމު ކަން އެ ކުދިންނަށް އިހްސާސްކޮށްދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ދަމަހައްޓަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އާއިލީ ލޯބި ލިބޭނެ ގޮތް ފަސޭހައިން ހެދުމަށް އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާންތަކެއްގެ ގޮތުގައި ބިނާ ކުރުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި މުޅި ގައުމުގެ ތަރައްގީ އަަށް ލިބޭ ކުރިއެރުމެއް ކަން ޔަގީން،" މިނިސްޓަރު ޝިދާތާ ވިދާޅުވި އެވެ.