"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓުގައި އެކުލަވައިލި ގައުމީ ޑިޖިޓަލް އިގުރާރާ އެކު ރައީސް މުއިއްޒު އަދި ސަމިޓުގެ އެހެން ބައިވެރިން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.--- ފޮޓޯ: ރައީސް އޮފީސް
11 މެއި 2025 - 22:24
މި ވެރިކަން ފެށިއިރު، ދިވެހި ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް، އާދަޔާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ޑިޖިޓަލް ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އިފުތިތާހުކުރި "މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް ކަމަށެވެ.
އިހުސާން ވިދާޅުވީ ދައުލަތުގެ ގިނަ އިދާރާތަކުގައި ހުރީ އެތަނަކުން ދޭ ހިދުމަތް ޕޯޓަލްއެއް މެދުވެރިކޮށް ނުވަތަ ފޯމުތައް ފުރައި އީ-މެއިލް މެދުވެރިކޮށް ހިދުމަތަށް އެދެވޭ ގޮތް ހަދައިފައި ކަމަށެވެ. އެއް އިދާރާއަކުން ދޫކުރާ ހުއްދަ ނުވަތަ ސެޓްފިކެޓުގެ ކޮޕީ އަނެއް އިދާރާގެ ޕޯޓަލްއަށް އަޕްލޯޑު ކުރަން ޖެހޭ ކަމަށާއި އަދި އެ ވެރިފައި ކުރުމަށް ދެ އިދާރާގެ މެދުގައި އަނެއްކާ މުއާމަލާތްތައް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިދުމަތަށް އެދުމަށް ފަހުގައި ދަންނަ މީހާ ނުވަތަ ފައިސާ އަށް އަވަސްކޮށްދީފާނެ ކަމަށް ގަބޫލުކުރެވޭ މީހާއަށް ގުޅަން ޖެހޭ ސިޔާސަތެއް އޮތީ ފުޅާ ދާއިރާއެއްގައި ހިނގާފައި،" އިހުސާން ވިދާޅުވި އެވެ.
"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
އިހުސާން ވިދާޅުވި ގޮތުގައި، ދައުލަތުގެ ކޮންމެ އިދާރާއެއްގައި ހުންނަނީ ވަކި ޑޭޓާބޭސްއެކެވެ. ކޮންމެ އިދާރާއެއްގައި ވަކި ފިޒިކަލް ސާވާތަކާއި ޑޭޓާ ސްޓޯރޭޖުގެ ނިޒާމުތައް ހުރީ ހަދައިފަ އެވެ. ދައުލަތުގެ ޑިޖިޓަލް ނިޒާމުގެ ދޯދިޔާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވިގޮތުގައި މައުލޫމާތު ރިޕީޓުވެ، ގިނަ ސިސްޓަމްތަކަށް ވަކިވަކިން ޔޫސާނޭމް ހަދައިފަ އެވެ. އެކި މީހުން އެކި ފަހަރު މަތިން އެ ޔޫސާ އެކައުންޓްތައް ބޭނުންކޮށްގެން ސިސްޓަމްތަކަށް ވަންނަމުން ދެ އެވެ. އެ ނިޒާމުގެ ޓްރޭސިބިލިޓީ އަދި ޒިންމާދާރު އޮޑިޓެއް ނުކުރެވެ އެވެ.
"ސިސްޓަމްތަކުގެ ހުރިހާ ޑޭޓާއެއް ރައްކާތެރިކަމާއި ސަލާމަތްތެރިކަމާ އެކު ހުރިކަން ކަށަވަރެއް ނުކުރެވޭ. ސިސްޓަމްތަކުގެ ސްޓެބިލިޓީ އަދި ސެކިއުރިޓީ ގާއިމްކުރެވިފައި ހުރީ އެ ތަނެއްގައި އެ ވަގުތަކު މަސައްކަތްކުރަމުން ދިޔަ މީހުން ގާބިލުކަން ހުރި ވަރަށް،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް 2.0 ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިހުސާން މިރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
"މުޅި ދައުލަތުގެ ވަކި ސްޓޭންޑާޑެއް ނެތް، ކުރުކޮށް ދަންނަވާ ނަމަ ހުރީ ވަކިވަކި ސައިލޯތަކެއް، ވަކިވަކި ނިޒާމުތަކެއް އަދި ވަކިވަކި ސިސްޓަމްތަކެއް. މިއީ ހަރަދު ބޮޑު، އަދި ދެފުށް ނުފެންނަ، ސަލާމަތީ ގޮތުން ބަލިކަށިކޮށް އޮތް ނިޒާމެއް. މިއީ ކޮރަޕްޝަނަށް އާދަޔާ ހިލާފަށް މަގުފަހިވާ ގޮތަށް އޮތް ނިޒާމެއް. އަދި މިއީ މިއަދުގެ ގަބޫލުކުރާ މިންގަނޑެއް ނޫން. މިއީ ޒަމާނަށް ފެތޭ ނިޒާމެއް ވެސް ނޫން."
އިހުސާން ވިދާޅުވީ ރައީސް މުއިއްޒު "މޯލްޑިވްސް 2.0"ގެ ސިޔާސަތު ގެންނެވީ އަދި މި ތަންފީޒުކުރަން ފެއްޓެވީ އެ ސަބަބުތަކާ ހެދި މިހާރުގެ ހާލަތު ބަދަލުކުރުމަށް ކަމަށެވެ.
"މޯލްޑިވްސް 2.0"ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ނިންމުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
"މި ސިޔާސަތު ދިވެހިރާއްޖެއަށް އަދި ދިވެހި ރައްޔިތުންނަށް ކޮންމެހެން މުހިންމު ވަނީ މިހެންވެގެން. މޯލްޑިވްސް 2.0 ގައި އަޅުގަނޑުމެން ގާއިމްކުރާނީ ދެފުށް ފެންނަ ހާމަކަން ބޮޑު ނިޒާމެއް. އެއްވެސް ރަށެއް ފަރުދެއް ބާކީ ނުވާ ހިދުމަތް ދޭ ސިސްޓަމްތަކެއް. ދައުލަތުގެ ހުރިހާ ހިދުމަތެއް އެއް ސިސްޓަމަކުން ގުޅިފައިވާ، އެއް މައުލޫމާތެއް ދައުލަތުގެ އިދާރާތަކަށް ތަކުރާރުކޮށް ހުށަހަޅަން ނުޖެހޭ ނިޒާމެއް،" އިހުސާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހް
12 May 2025
މިނިސްޓަރ އިހްސާނު ޑިސްކަރައިބް ކުރި ވަކިވަކި ޔޫސަރނޭމް ހަދައިގެން އެކްސެސް ވި ބޭފުޅާ މިދިޔަ ސަރުކާރުގަ ކަނޑާލީމަ މިހާރު އޭންދީ ހަމަ އެޑޭޓާބޭސް ހިފާއިގެން ސްޓޭޓް މިނިސްޓަރުކަންދީފަ
އައިޑީކާޑް
12 May 2025
ދައުލަތުގެ ކޮންނިޒާމެއްތޯ ރަގަޅަށް އޮތީ... އަމިއްލަފުޅަށް ވިސްނަވާ އައި ޑީ ކާޑުގެ މައްސަލަ
ށސ11
12 May 2025
ރައްތަކުގެ އަސާސީ ހިދުމަތްތައްނެތް އިރު ކޮން ޑިޖިޓައިޒޭޝަން އެކޭކިޔާކަށް؟!
މަރުޖާނު
12 May 2025
ކީކޭތަ މިކިޔަނީ؟ ވޯޓާކުޅެން ގަންނަގަނޑުތީ. މާވަރަކަށް ޑިޖިޓަލް ނުވެގެން ތިއުޅެނީ ސްކޫލްތަކަށް އެލިބޭތަ؟ ޓީޗަރުން އަމިއްލަޑޭޓާ ބޭނުންކުރަނީ. ސްކޫލްތައްއަދިވެސް އޮތީ 1950ގަ. މޮޔަގޮވާ ތިބެގެން. ބަޔަކު ނޫޅޭ ނޭނގިގެނެއް ތިކީއްކުރަން ކުރާކަމެއްކަމެއް. 2.0 އޭކިޔާއިރު 1.0ވެސް ނުވޭ. ހީހީމަރުވެދާނެ
ބޮލިރަވާއަލީސޭޓު
12 May 2025
ދަންނަވަންތޯ ދައުލަތުގެ ކޮންނިޒާމެއްތޯ ރަގަޅަށް ނުވަތަ ގަބޫލު ކުރެވޭ އެންމެ ދަށްމިންގަޑަކަށްވެސް އޮތީ. ނެތޭ އެއްކަމެވެސް އިގޭތޯ. މިއީ މީގެ ސާޅީސް ފަންސާސް އަހަރު ކުރިންފެށިގެން ވެރިކަމުގައި ހުންނަމީހަކު އަބަދަށް ދެމިހުރުމެބޭނުމުގައި މީހުން ރުއްސަން ގާނޫނާއިގަވާއިދު ތަންފީޒު ނުކޮށް ތިބުމުގެ ނަތީޖާ. މިހާރު މިއޮތީ އެއްގޯސްވެފަ. ގާނޫނަށް ތަބާނުވާމީހުން މަތަކުރާކަށް ނުކެރޭ. ނިމިދިޔަ ސަރުކާރުންވެސް ބަންދުގައި އޮތް ހަތަރުޓަނުގެ ކުށްވެރިއަކު ދޫކޮށްލި.
ނަފްސް123
11 May 2025
މަނިކުފާނާ ހަވާލު ވެފައިވާ އެކްސްޕެޓް ސިސްޓަމް މިހާރު އޮތީ ކަރުތާ ފެނުގަ. މަހެއް ވެގެންދާއިރު އެޕްލިކޭޝަނެއް އަޕްޑޭޓް ވަނީކީއެއްނޫން. ކުރިން ޗެޓްކުރެވެން އިން ފީޗަރ ސިސްޓަމް އިން ރިމޯވް ކޮށްފި. މެއިލް އަކަށް ރިޕްލައި ކުރަނީއެއްނޫން. ދެން ކޯއްޗެއް ތިހަދަނީ
ރަންނަ
12 May 2025
ތިވާނީ ކުރީ ސަރުކާރުން ކުރިކަމަކަށް އެކަމަކު މިދައުރުތެރޭ
ތިކަންވެސްއޮޅުވާލަނީތަ
11 May 2025
ކިތަންމެ ވަރަކަށް ތިވާހަކަދެއްކިޔަސް ގަބޫލުކުރާނެ ބަޔަކު މިގައުމުގައި ނެތް. ސަބަބަކީ ކޮވިޑު އައިއިރު މިގައުމުގައި ފިހާރައަކުން އޮންލައިނުކޮށް އެއްޗެއް ގަތުމަކީވެސް ފަސޭހަކަމެއް ނޫން. އެކަމަކު ކޮވިޑުން ސަލާމަތްވެވުނުއިރު މިގައުމުގައި އޮންލައިނުކޮށް ނުކުރެވޭކަމެއް މަދު. ދެން އެކަންވެސް އޮޅުވާލަން ތިއުޅެނީ ހުރި ތެދުވެރިކަމާއި އިޚްލާސްތެރިކަމެއްގެ ބޮޑުކަމުންތަ.
ޖުހާ ދަރި
12 May 2025
ބްރޯ ސަރުކާރު އޮތީ އެހިސާބަކު ނޫނޭ. އެވާހަކަ އެމީހުން އެދައްކަނީ. ކިތައް ތަނަށް އައިޑީ ކޮޕީ ލާންޖެހޭ. ސަރުކާރުގެ ހުރި އިންފޯ ސަރުކާރަށް ދޭން މިޖެހެނީ އެއްޗެއް ހުށަހަޅާ ކޮންމެ ފަހަރަކު އަދި އެވެސް ކޮޕީ ހައްދާފައި. އިފ ނޯ ނޯ ޕްލީސް އެޑިއުކޭޓް ޔޯ ސެލްފް. ޖުހާ
ގަބޫރް
11 May 2025
ޑިޖިޓަލް ނުވެގެން ނޫން ވައްކަން ކުރަނީ.މިސަރުކާރުގައި ވައްކަންކުރި މީހުނަށް ފުރަތަމަ ފިޔވަޅު އަޅާބަލަ..އެމީހުނަށް މުސާރަ ދީފަ ގޭގައި ނުބައިތިއްބާ ގާނޫނު ދަމަހައްޓާ..2.0ވިޔަސް ވަގުން ނަށްް ހިމާޔަތްދޭނަމަ ކުރެވޭނެ ކަމެއްނެތް..ވޯޓަކުން ނުހޮވޭނެކަން ޔަގީންވާތީ 2.0ވާން ތިއުޅެނީ..މިހާރު ހުރީ .0ވެފަ.
އެމްސް
11 May 2025
ރާއްޖޭގަ ކޮންކަމެއްތޯ ހަރުކަށިކޮށް އޮތީ؟ ޢަދުުލުއިންސާފުގެ ނިޒާމް އާއި ސިއްޙީ ނިޒާމް އޮތީ ކިހިނެއްތޯއެވެ؟