ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި އޮންނަ ވިލެޖެއްގައި ގާއިމުކޮށްފައި ޗެކް ޕޯސްޓެއްގައި ހުރި ޕާކިސްތާނު ސިފައިންގެ މީހަކާ އާންމުންގެ މީހަކު ސަލާންކުރަނީ: ރެޔަކީ ބޯޑަރު ހުރަސްކޮށް މި ފަހުން ހަމަލާ ބަދަލު ނުކުރާ ފުރަތަމަ ރޭ. -- ފޮޓޯ: އޭއެފްޕީ
12 މެއި 2025 - 09:56
އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި ރެޔަކީ އެތައް ދުވަހަކަށް ފަހު ހަމަލާއެއް ނުދޭ، ހަމަހިމޭން ރެއެއް ކަމަށް އިންޑިއާ ސިފައިން މިއަދު ބުނެފި އެވެ.
ކަޝްމީރުގައި މިދިޔަ މަހު އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭ ކަމަށް ބުނެ އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކަށް ފަހު ޕާކިސްތާނުން ވެސް ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން ހަނގުރާމައެއްގެ ބިރު ބޮޑުވި އެވެ. އަދި ކަޝްމީރުގައި ދެ ގައުމުން ކޮންޓްރޯލްކުރާ ސަރަހައްދު ވަކިކުރާ އިން ހުރަސްކޮށް ކޮންމެ ރެޔަކު އެއްބަޔަކު އަނެއް ބަޔަކު ހަމަލާ ދެމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
މި ނުތަނަވަސްކަމަށް ފަހު ހޮނިހިރު ދުވަހު މެންދުރު ފަހު، ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަން ކުއްލި ގޮތަކަށް އިއުލާނުކުރި ނަމަވެސް އެ ރޭ ވެސް ހަމަލާތަކެއް ދިނުމުން އެ އެއްބަސްވުމާ މެދު ސުވާލު އުފެދުނެވެ.
"ރެޔަކީ ޖުމްލަ ގޮތެއްގައި މުޅި ކަޝްމީރުގައި ވެސް އަމާން ރެއެއް ... އަދި އެހެން ސަރަހައްދުތަކާއި އިންޓަނޭޝަނަލް ބޯޑަރުގައި ވެސް [އަމާން ރެއެއް]،" އިންޑިއާ ސިފައިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އެއްވެސް ހަމަނުޖެހުމެއްގެ ރިޕޯޓެއް ނެތި، ރެޔަކީ މި ފަހުން އައި ހިމޭން ރެއެއް،" ބަޔާނުގައި ބުނެފައިވެ އެވެ.
ރެޔަކީ ދެ ގައުމުގެ ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވާ، ކަޝްމީރުން އިންޑިއާ ފަޅީގެ ބޯޑަރު ކައިރީ އޮންނަ ޕޫންޗް ސަރަހައްދުގައި ވެސް ބަޑީގެ އެއްވެސް ހަމަލާއެއް ބަދަލު ނުކޮށް ދިޔަ ދެ ވަނަ ރެ އެވެ. އެ ސަރަހައްދުން އެކި ހަމަލާތަކުގައި އާންމުންގެ 12 މީހަކު މަރުވެފައި ވާއިރު 60،000 މީހުން ވަނީ ރައްކާތެރިކަން ހޯދަން އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވީ އެއްބަސްވުމާ އެކު ލިބުނު ހިތްހަމަޖެހުމުގައި މިހާރު ވަނީ ގެދޮރު ދޫކޮށް ދިޔަ މީހުން ވެސް އެނބުރި އަންނަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެލިއުޓް
12 May 2025
ޢިންޑިޔާ އިން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް.. ހަނގުރާމަ އަކީ ދެފަރާތައް ވެސް ބޮޑު ގެއްލުން..ޕމ މޯދީ އަށް ސެލިއުޓް އަރުވަން...
ހުމާރު
12 May 2025
ޕާކިސްތާނުންދިން ހަމަލާ ވަަރުގަދަކަމުން އިންޑިއާ ބިރުން ޓްރަމްޕްގެ އެހީއަށް އެދުނީ..އޭރުވެސް ޕާކިސްތާނުން ބުނި ރައްދު ވަރުގަދަވާނޭ.އިންޑިއާއިން ބެލީ ސަރުކާރު ކޮންޓްރޯލް އޮންނަ މީޑިއާތަކުން ދޮގު ހަބަރު ފަތުރަން..