ރެއާޅްގެ ކޯޗު ކާލޯ އަންޗެލޮޓީ: މި މަހު ބްރެޒިލްގެ ކޯޗު ކަމާ އޭނާ ހަވާލު ވާނެ
12 މެއި 2025 - 22:27
ޒަމާނީ ފުޓްބޯޅައިގެ ބްރެޒިލާ ހަވާލުވާ ފުރަތަމަ ބިދޭސީ ކޯޗުގެ ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީގެ ނަން އިއުލާން ކޮށްފި އެވެ.
ކްލަބް ފުޓްބޯޅައިގައި ގިނަ ކާމިޔާބުތަކެއް ހާސިލުކޮށްފައިވާ އަންޗެލޮޓީ އިންޓަނޭޝަނަލް ފުޓްބޯޅައިގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތަށް އެ ނުކުންނަނީ މުޅިން އަލަށެވެ.
އޭނާ ވެގެންދާނީ 100 އަހަރަށް ފަހު ބްރެޒިލްގެ ގައުމީ ޓީމަށް ކޯޗުކޮށްދޭ ގައުމުން ބޭރުގެ ފުރަތަމަ ކޯޗަށެވެ.
ރަސްމީ މެޗުތަކެއްގެ ގޮތުގައި ބްރެޒިލަށް މީގެ ކުރިން ކޯޗުކޮށް ދިން އެ ގައުމުން ބޭރުގެ ކޯޗަކީ 1925 ގައި ކޯޗުކޮށް ދިން ރަމޯން ޕްލެޓޭރޯ އެވެ. އުރުގުއޭ އަށް ނިސްބަތްވާ ކޯޗު ވަނީ ހަތަރު މެޗުގައި ބްރެޒިލަށް އިރުޝާދު ދީފަ އެވެ. ނުރަސްމީ މެޗުތަކުގައި ޕޯޗުގަލްގެ ޖޮރެކާ އާއި އާޖެންޓީނާގެ ފިލިޕޯ ނުނެޒް ބްރެޒިލްގެ ޓީމަށް އިރުޝާދު ދިނެވެ.
ވޯލްޑް ކަޕް ބާއްވަން ފެށި ފަހުން ބްރެޒިލުގެ ޓީމުގައި ގައުމުން ބޭރުގެ އެއްވެސް ކޯޗަކު މަސައްކަތްކޮށްފައެއް ނުވެ އެވެ.
އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު އަންޗެލޮޓީ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވާން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ރެއާލްގެ ކޮންޓްރެކްޓްގައި އެއް އަހަރު ބާކީ އޮއްވައި އޭނާ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން ފުރުސަތު ދިނުމުން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.
"ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދައްކައިދިން ކުޅިވަރުގެ ރީތި ސިފަ އަށް އަހަރެމެން ޝުކުރު އަދާކުރަން،" ސީބީއެފްގެ ބަޔާނުގައި ވެ އެވެ.
އިޓަލީ، އިންގްލެންޑް، ފްރާންސް، ޖަރުމަން އަދި ސްޕެއިންގެ ލީގު ތަށި ކާމިޔާބުކޮށްފައިވާ އަންޗެލޮޓީއަކީ ޔޫރަޕްގެ ފަސް ލީގުގެ ތަށި ކާމިޔާބު ކުރި ފުރަތަމަ ކޯޗެވެ. އޭނާ ވަނީ އޭސީ މިލާނާއި ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ޖުމުލަ ފަސް ފަހަރު އޭނާ އެ ތަށި ކާމިޔާބު ކުރި އެވެ.
ދުނިޔޭގެ ޗެމްޕިއަން ރެކޯޑް އަދަދު ކަމަށްވާ ފަސް ފަހަރަށް ހޯދާފައިވާ ބްރެޒިލުން އަންޗެލޮޓީ، 65، ސިފަ ކުރީ "ފުޓްބޯޅައިގެ ލެޖެންޑެއް" ގެ ގޮތުގަ އެވެ.
ބްރެޒިލްގެ ޓީމާ އޭނާ ހަވާލު ވާނީ މި މަހު 26 ގަ އެވެ. އެއީ މި ސީޒަނުގައި ރެއާލްގައި އޭނާގެ ފަހު މެޗުގެ އެއް ދުވަސް ފަހުންނެވެ. މި ސީޒަންގައި އޭނާ ވަނީ ދެ ތަށި ރެއާލް އަށް ހޯދައި ދީފަ އެވެ. ޔޫއެފާ ސުޕަ ކަޕާއި އިންޓަ ކޮންޓިނެންޓަލް ކްލަބް ކަޕް އޭނާ ހޯދައި ދިނެވެ. ލަލީގާގެ ތަށި ހޯދުމުގެ ފުރުސަތު ރެއާލަށް ކުޑަ އެވެ.
އޭނާ އެ ކްލަބް ދޫކޮށްލުމުން އެ ޓީމުގެ ކޯޗުކަމާ ހަވާލު ވާނެ ކަމަށް ބެލެވެނީ ބެޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އެވެ. އޭނާ ވަނީ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެކަން އިއުލާން ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާޕާ ޕެރޭޒް
12 May 2025
އަންޗެލޮއްޓީ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިން ހޮވާލެވޭނެ އެންމެ މޮޅު އެއް ކޯޗް. އޭނާ ވަނީ އެކަން ސާބިތުކޮށްދީފައި. ފުރިހަމަ ކާމިޔާބީއަކަށް އެދެން
ޗާޗާ ޕެރެޒެގެ ބަފާ
13 May 2025
އަހަރުމެންގެ ސުޒޭނު ބޭބެ އެއީ 1 ވަނަ.އޭގެ ފަހުން ކާލޯ ، ގާޑި ، އިންޒާ ، ސްލޮޓާ ، ކްލަފް ، ޢާޓޭ ، ރޮޖާސް އަންނާނީ.