މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އާއި މެމްބަރުން ކައުންސިލްގެ ބައްދަލުވުމެއްގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
14 މެއި 2025 - 15:54
މާލެ ސިޓީ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ވެސް ކުޑަ އަގުތަކެއްގައި ކައުންސިލުން ކުއްޔަށް ތަންތަން ދޫކޮށްފައިވާ ކަމަށެވެ. އެ ތަންތަނުގެ ކުލި ދެއްކި ނަމަވެސް ފެން ބިލާއި ކަރަންޓު ބިލު ނުދައްކާ މީހުން ވަރަށް ގިނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގައި ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ކަރަންޓް ބިލަށް ނުދައްކާ ހުރި އަދަދު 723،000ރ. އަށް އަރާ ކަމަށެވެ. އަދި ވިލިމާލެއިން ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓު ބިލަށް 172،000ރ. ނުދައްކާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް، ކައުންސިލްގެ ބައްދަލުވުމެއްގައި-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މީގެ އިތުރުން މާލެއިން ދޫކޮށްފައި ހުރި ތަންތަނުން ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 309،000ރ. އަށްވުރެ މަތި ކަމަށާއި އަދި ވިލިމާލޭގައި ދޫކޮށްފައި ހުރި ތަންތަނުން 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެން ބިލްތަކަށް ނުދައްކާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ އެތައް އަހަރެއް ވީއިރު ވެސް އަޅާނުލައި ދޫކޮށްލުމުން އަރާފައި ހުރި އަދަދުތަކެއް ކަން ފާހަގަ ކުރައްވައި، މޭޔަރު ވިދާޅުވީ އެ ތަންތަނުން ފެނާއި ކަރަންޓްގެ ހިދުމަތް މިހާތަނަށް އައިއިރު ވެސް ކަނޑާލާފައިނުވާ ކަމަށެވެ.
"މިއީ އެންމެ ދުވަހެއްގެ ކަމެއް ނޫން. އެތައް ޒަމާނެއްގެ ކަމެއް،" މޭޔަރު ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ) ކަންބޮޑުވުން ފާޅު ކުރެއްވީ ކައުންސިލުން ކުއްޔަށް ދޭ ތަންތަނާއި އެތަންތަން ކުއްޔަށް ނަގާ މީހުންގެ މައުލޫމާތު ނުލިބޭތީ އާއި އާންމު ނުކުރާތީ އެވެ.
"އެކި ގޮތްގޮތުން އެކި މުނާސަބަތުގައި އަޅުގަނޑު ދަންނަވައިފިން، ފްލޯގަ ވެސް ކޮމެޓީތަކުގައި ވެސް މިތަނުން [މާލެ ސިޓީ ކައުންސިލުން] ކުއްޔަށް ދީފައި ހުރި ހުރިހާ ތަނަކީ މިއީ ބޮޑު ސިއްރެއް ނޫނޭ. އަދި ދީފައި ހުރި އަދަދުތަކާއި ދީފައި ހުރި މުއްދަތުތަކާއި އެ ދޫކޮށްފައި ހުރި މީހުންނަކީ ވެސް ދައުލަތުގެ ބޮޑު ސިއްރެއް ނޫނޭ. އެއީ އަޅުގަނޑުމެން ހާމަ ކުރަން ޖެހޭނެ އެއްޗެއް،" ސައިފް ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު، ސައިފް ފާތިހް (އައިކޮ)
އޭނާ ވިދާޅުވީ ކައުންސިލް މެމްބަރުކަމުގައި އޭނާ އުޅުއްވި ހަތަރު އަހަރު ތެރޭގައި ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަން ނޭނގޭ ކަމަށެވެ.
އާޒިމް ވިދާޅުވީ މީގެ ކުރިން ހުރީ އެ ކަންކަން އެއްވެސް ވަރަކަށް ނުބަލައި ދޫކޮށްލާފައި ކަމަށެވެ. އެހެންވެ، މައުލޫމާތު ލިބޭ މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުލި ނުދައްކާ 10 އަހަރު ވެފައި ހުރި ތަންތަން ވެސް އެބަހުރި. އެ ބޭފުޅުން އެބަ އާދޭ މުއްދަތު އިތުރު ކުރަން،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޔާއި ފެން ބިލާއި ކަރަންޓް ބިލު ނުދައްކާ ހުރި ތަންތަން ފާހަގަކޮށް، އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ކަރަންޓު ބިލުތަކުގެ އެ ފައިސާ ހޯދުމަށް ސްޓެލްކޯއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރުން މިހާރަށް ޚިދުމަތް މެދުކަނޑާލާ!
15 May 2025
ތިހުރިހައި ގެއްލުމެއް ތިވަނީ ކައުންސިލުން ވެސް ޤަވާޢިދާއި ޤާނޫނަށް ތަބާނުވާތީ އެވެ. ބިލް ނުދައްކާ ފަރާތްތަކުގެ ޚިދުމަތް މެދުކަނޑާލާށެވެ. ރައްޔިތުންނޭ ކިޔާފައި ހިތުހުރި ގޮތަކަށް ޢަމަލު ކުރުމަށް ދޫދެވިގެން ނުވާނެ އެވެ. މަހެއް ދެމަހެއް ނޫނެވެ. އެތަކެއް އަހަރު ފާއިތުވީ އިރުވެސް ތިމާމެން ހޯދަމުންދިޔަ ފެނާއި ކަރަންޓްގެ ޚިދުމަތުގެ ބިލްތައް ނުދައްކާނީ ގޮތެއްފޮތެއް ނެތީމަ އެވެ.
ގފދ
15 May 2025
ކަނޑާލާކަށް ނުކެރޭނެ ބިލިޔަނުން އެރިޔަސް. ނިކަމެތިން ގޭގެ އިން ކަނޑާލާނެ. ރަށްޔިތުން ފެލައިގެން ތިޔަތަންތަނަށް ކަރަންޓް ދެވެނީ.
މިއައު
14 May 2025
ބުނެދެއްވަފާނަންތޯ ކާނިވާ ސަރަހައްދާ ބީޗު ސަރަހައްދުން ތަންތަން ކުއްޔަށް ދީފަ ހުރި އަގުތައްވެސް. ކެރޭނެ؟
ގުދުގުދާބެއްޔާ
14 May 2025
މިއީ ޢާއްމުރައްޔިތުންނައް ވެސް ބަލާއަކަށް ވެފައި ވާކަމެއް! ކުއްޔަށް ހިފާފަރާތްތަކުން ބިލްތައް ނުދައްކާ ތަން ދޫކޮއްލާފައި ދަނީ ނެގި އެޑްވާންސް ފައިސާއަށް ވުރެން ގިނައިން ފައިސާ އަރާފަ ބިލްތަކައް! މިކަމުގެ ހައްލަކީ ބޭރުގައުމުތަކުގަ އޮންނަގޮތައް އެތަން ކުއްޔަށްނަގައިގެން އުޅޭފަރާތުގެ ނަމަށް ކަރަންޓްބިލް ބަދަލުކުރުން. ޢޭނާ ތަންދޫކޮއްލާނަމަ ވެރިފަރާތުގެ އިޒްނަ ހޯދާގޮތައް އޮންނަންޖެހިއްޖެނަމަ މިކަމަށް ހައްލެއް ލިބިދާނެ!
ކޮލަމާހުއްޓާ
14 May 2025
އާޒިމްއާއިމެދު ކުރިން ވަރަށް ފޮނި އުންމީދުކުރިން. ކީއްވެތޯ ކަންކަން ފޮރުވަންވީ؟ ހާމަކުރަންވީމާ ރައްޔިތުންނަށް ސާފްވާނީ. ތިހެން ނަހައްދަވާ. މީ ރައްޔިތުންގެ ބިންތައް. ކާނިވާ ސަރަހައްދުގަ ވެސް ވާނުވާ އެނގޭމީހަކު ތިތާހުރިހެނެއްހިޔެއްނުވޭ. ކެފާވެސް ހިންގަނީ. ގުދަންތަކަށް މުދާވެސް ވައްދަނީ.
ކޮރަލް
14 May 2025
ގިނަ ތަން ތަން ދީފަ ހުރީ ސިޔާސީ މީހުންނަށެވެ.
ގޮނުއަނގަ
14 May 2025
މޭޔަރ މިހާދުވަސްވީއިރު އޭގެތެރެއިން ހަމަ އެކަކަށްވެސް ނޫނީ ތަނަކުން ހޯދަފައި ނުވަނީވެސް އޭރުދޫކޮށްލިގޮތަށް ހަމަ ހުނަވާތީނޫންތޯ. މިއުޅެނީ މިއުޅެނީ މީ ހަމަ "އަޅުގަނޑު ތިކަން ބަލާނަށް" ވުންނޫންތޯ. ނޫހުގެ ސުރުޚީއެއް ދައްކާލެވިއްޖެނޫންތަ. އަދިހަމަ އެމީހުންނަކީ ކުރީ ސަރުކާރު ތަކުން ކުރިކަންކަން ކަމަށް ވާއިރު އެމްޑޕީ ސަރުކާރުންވެސް އޮތީ ދޫކޮށްލާފަ ކަމަށް ޤަބޫލު ނުކުރަންތޯ. މާކުރީ ޒަމާނެކޭ ވަކިން ކިޔާނެކަމެއް ނެތެއްނު. ލާރި އަތުލަބަލަ. ނޫނީ ތަންހުސްކުރޭ