ރެއާލް މެޑްރިޑްގެ އެމްބާޕޭ، އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ޖުމްލަ 40 ގޯލު ހަމަކޮށްފަ.-- ފޮޓޯ: އޭއެފްޕީ
15 މެއި 2025 - 09:08
މެޑްރިޑް (މެއި 15) - ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އަތުން ފަހު ވަގުތު 2-1 އިން ރެއާލް މެޑްރިޑް މޮޅުވުމުން، ލީގު ހޯދަން ބާސެލޯނާ އަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
މި މެޗުން ރެއާލް ބަލިވި ނަމަ ބާސެލޯނާ އަށް ލީގު ތަށި ޔަގީން ވާނެ އެވެ. ނަމަވެސް ރެއާލް މޮޅު ވުމާ އެކު ބާސެލޯނާ އަށް އެންމެ އަވަހަށް ވެސް ލީގު ޔަގީން ކުރެވޭނީ މިރޭ އެސްޕަނިޔޯލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެންނެވެ.
މެޗުގެ 11 ވަނަ މިނިޓުގައި މާޓިން ވެލްޔެންޓް ވަނީ މަޔޯކާ އަށް ލީޑު ނަގައިދީފަ އެވެ. ރެއާލް މެޑްރިޑުން 39 ހަމަލާ ފޮނުވާލި މި މެޗުގައި އެ ޓީމުން އެއްވަރު ކުރި ލަނޑު ޖެހީ 68 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ އެވެ.
މިއާ އެކު އެމްބާޕޭ ވެފައި ވަނީ ރެއާލް މެޑްރިޑްގެ ތާރީހުގައި، ފުރަތަމަ ސީޒަނުގައި 40 ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ރެއާލް މޮޅުކޮށްދިން ލަނޑު ޖެހި ޑިފެންޑަރު ޔަކޯބޯ. -- ފޮޓޯ: އޭއެފްޕީ
މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓުގައި ރެއާލް މޮޅު ކޮށްދިން ގޯލު ޖަހައިދިނީ، އަނިޔާގެ ސަބަބުން ގިނަ ޑިފެންޑަރުންތަކެއް ކުޅުމާ ދުރުގައި ތިބެން ޖެހުމުން ފުރުސަތު ލިބުނު 20 އަހަރުގެ ސެންޓަ ބެކް ޔަކޯބޯ ރަމޯން އެވެ.
މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާގޮތަށް ޖަހަމެހިފައިވާ ލޫކަސް ވަސްގޭޒް އަށް އަނިޔާ ވެފައި ވާއިރު، ޑިފެންޑަރު އޮރޭލިއަން ޗުއަމެނީ ހުރީ ސަސްޕެންޝަނުގަ އެވެ. މީގެ އިތުރުން ޑޭވިޑް އަލަބާ އާއި އެންޓޮނީ ރުޑިގާ އަދި އެޑާ މިލިޓާއޯ އަށް ވެސް މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.
ރޭގެ ނަތީޖާއާ އެކު ރެއާލް އަށް ވަނީ 36 މެޗުން 78 ޕޮއިންޓް ލިބިފަ އެވެ. ބާސާ އެއް ވަނައިގައި އޮތީ 35 މެޗިން 82 ޕޮއިންޓް ހޯދައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާޕާ ޕެރޭޒް
15 May 2025
ބާސާ ނޫޅޭ ރެޢާލް މޮޅުވިތޯ ބަލިވިތޯ ބަލާކަށް. އެއީ މިސީޒަންގައި މުހިއްމު ކަމެއް ނޫން. ރެއާލަށް ދެން ރަނގަޅުވާނީ އާސީޒަނަށް ދޮލަނގު ހިފައިގެން ތައްޔާރުވުން. ރެފްރީންނަށް ރިޝްވަތުދޭން ނޫޅެ ރަނގަޅު ޓީމެއް ބިނާކޮށްގެން ވާދަވެރި ކްލަބަކަށްވާން ދަސްކުރަންވީ