އިސްލާމިކް މިނިސްޓަރު ޝަހީމް: އަސްކޮއި ގުރޫޕަށް ވަނީ ފިޔަވަޅު އަޅާފައި
15 މެއި 2025 - 17:29
އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔަ އަސްކޮއި ހައްޖު ގްރޫޕު ޖޫރިމަނާކޮށްފި އެވެ.
އުމްރާއަށް ތައްޔާރުވި ފަހުން ނުގެންދެވޭނެ ކަން އެންގީ އަސްކޮއި ހައްޖު ގްރޫޕްގެ ހަވާލުގައި ދާން އުޅުނު ހަ މީހަކަށެވެ.
މައިންބަފައިންނާއި އާއިލާގެ އިތުރު ބަޔަކާ އެކު އުމްރާއަށް ދާން ތައްޔާރުވި އެ އާއިލާ އިން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އުމްރާއަށް ދިއުމަށް އަސްކޮއި ގްރޫޕަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފައިސާ ދައްކަމުން ގޮސް މިދިޔަ ޖެނުއަރީ 24 ގައި އެއްކޮށް ފައިސާ ދައްކައި ނިންމާފައިވާ ކަމަށެވެ.
އެ ގްރޫޕަށް ފައިސާ ދެއްކީ މީހަކަށް 42،000ރ. ގެ ރޭޓުން 252،000ރ. އެވެ. ފުރަން 10 ދުވަހަށް ވެފައި އޮއްވައި، ދަތުރު ކުރެވެން ނެތް ކަން އެންގީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އޭރު އެ އާއިލާ އިން ތިބީ މާލެ އައުމުގެ އިންތިޒާމް ވެސް ހަމަޖައްސައިގެންނެވެ.
އެކަމާ ގުޅިގެން ގުރޫޕަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވެފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ އަސްކޮއި އިން ހިލާފުވެފައިވާތީ ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގުރޫޕް ޖޫރިމަނާކޮށްފައިވަނީ 130،000ރ. އިންނެވެ. އެ ފައިސާ 30 ދުވަސް ތެރޭ ދައްކަން ވެސް ވަނީ އަންގައިފަ އެވެ.
އުމްރާ ދަތުރަށް ފައިސާ ދައްކާފައިވާ ނުވަ މީހުންގެ ރިފަންޑް އެ މީހުންނަށް އަނބުރާ ހަވާލުކުރަން ވެސް އިސްލާމިކް މިނިސްޓްރީން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
17 May 2025
ދައްކަން ނުޖެހޭ، ނުދެއްކިޔަސް ފިޔަވަޅު ނޭޅޭ ބޭކާރު ޖޫރިމަނާ،
ޑެރަ
17 May 2025
ފަރީ އަސްކޮއި، އާއި އަސްކޮއި މީދެބައެއްތޯ، ވަރަށް އުވޭ ދެނަމެއް
ކަސްގޮއި
15 May 2025
ދެން އަސްކޮއިގެ ޖުރިމަނާއަށްވާ ފައިސާ ޒަކާތު ފަންޑުން ހަމަޖައްސާލާ އެއިރުން އެބައިވެސް ނިމުނީ!
ސުބު
15 May 2025
އަސްކޮއި ޖަމާއަތުގެ ބޮޑުމީހާ ދެން އަލުން ޖަމަލުކޮއިގެ ނަމުގައި ޖަމާއަތެއް ހަދައިގެން ބަޔަކުންނަށް ދޯކާ ދިން ޚަބަރު އިވޭނެ ދެ އަހަރެއް ފަހުން
ޑެބީ
15 May 2025
ޖޫރިމަނާ ނުވެސް ދައްކާނެ. މީހުން އުމްރާއަށް ގެންދަން އަދިވެސް ލާރި ނަގާނެ. ޝަހީމު ހަމަ ގަދަބަސް ބުނެބުނެ ހުންނާނީ. މީކީ ލޯ އެންޑް އޯޑާއެއް އޮންނަ ގައުމެއްތަ؟
ކޮރަލް
15 May 2025
ތިޔަ ނިންމުން މުޅިއެކު ކަމަކު ނުދެ އެވެ. ހުއްދަ ވަކި މުއްދަތަކަށް ސަސްޕެންޑް ކުރަން ވީ އެވެ. ނޫނީ ހުއްދަ ބާތިލް ކުރަން ވީ އެވެ. މިހާރު
ޑރ ވާންޗޯ
15 May 2025
ހަމައެކަނި އެންގީމަ ނިމުނީތޯ، މަކަރާ ހީލަތުގެ ކުށުގަ ގްރޫޕްގެ ވެރިމީހާ ހައްޔަރުކޮށް ސަރީއަތްކުރާކަށް ނުޖެހޭތޯ؟.
ވާންޗޯ
15 May 2025
މަށް ޓީވީ ބަލާ އިރު ފެނޭ އަސް ކޮއެއް އިސްތިހާރު ތައް، ބޮޑު މަންފާ އެއް ދޯ، ދިވެހިން ނޫޅޭ އެއް އިރަކުވެސް ސުންނަތަކަށް
ައެބެޅާ
15 May 2025
ލާރިނަގާފަ އުމުރާއަށް ނުގެންދިއަބަޔަކު ޖޫރިމަނާދައްކާނެ ގޮތެއްއޮންނާނެތަ! ގުޅިގެން ހިންގާ ޖަރީމާތައް މިއީ!
ރަދީފްއޮފިޝަލް / އުމްރާއަށް ދެވޭތޯ ނިޔަތް ގަނެގެން
15 May 2025
އަސްކޮއި ހެހެހެހެހެ.އަޅުކަމުން ވެސް މަކަރުހަދަން މިމިީހުންއުޅެނީ.