ފްރިމްޕޮންގް (ވ) ޖަރުމަން ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅެނީ. -- ފޮޓޯ: އޭއެފްޕީ
18 މެއި 2025 - 11:03
ޖަރުމަނުގެ ބެޔާ ލެވަކޫސަންގެ ކަނާތު ބެކް ޖެރެމީ ފްރިމްޕޮންގްގެ ސޮއި އިންގްލެންޑުގެ ލިވަޕޫލުން ހޯދައިފި އެވެ.
ނެދަލެންޑްސް ގައުމީ ޓީމުގެ ކުޅުންތެރިޔާ ލިވަޕޫލުން މި ގެނައީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ އިނގިރޭސި ޑިފެންޑަރު އެލެކްސެންޑާ ޓްރެންޓް-އާނޯލްޑް ނެތްތަން ފޫބެއްދުމަށެވެ.
މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ލިވަޕޫލުން ވަނީ ފްރިމްޕޮންގް ގަތުމަށް 35 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ. ލެވަކޫސަންއާ އެކު ފްރިމްޕޮންގް ހަދާފައިވާ ކޮންޓްރެކްޓް ބުނާ ގޮތުން އެ އަދަދު އެއްވެސް ކްލަބަކުން ދައްކައިފި ނަމަ އޭނާ ރިލީޒްކުރަން ޖެހޭނެ އެވެ.
ފްރިމްޕޮންގް ވަރަށް އަވަހަށް ލިވަޕޫލުގެ މެޑިކަލް ޓެސްޓް ހަދައި އޭނާއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. ބެލެވޭ ގޮތުގައި އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ލިވަޕޫލް ސްކޮޑުގައި އޭނާ ހިމެނޭނެ އެވެ.
މެންޗެސްޓާ ސިޓީގެ އެކަޑަމީން ތަމްރީންވި ފްރިމްޕޮންގް ސީނިއާ ކެރިއަރު ފެށީ ސެލްޓިކުންނެވެ. އޭނާ ލެވަކޫސަން އަށް ބަދަލުވީ 2021 ގަ އެވެ. ފްރިމްޕޮންގް އަކީ ޒަބީ އޮލޮންސޯގެ ކޯޗުކަމުގައި ލެވަކޫސަނުން މިދިޔަ ސީޒަނުގައި ޖަރުމަން ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
އޭނާ އަކީ އަރިމަތިން ޑިފެންސަށް ކުޅުނު ނަމަވެސް، އެޓޭކުގައި ވަރަށް ބޮޑަށް ބައިވެރިވާ ކުޅުންތެރިއެކެވެ. އެގޮތުން ގޯލާ ރައްޓެހިވުމުގެ އިތުރުން ގޯލު ޖަހަން އޭނާ އެސިސްޓް ވެސް ކުރެ އެވެ. ފްރިމްޕޮންގް އަކީ ލިވަޕޫލުގެ ގޭމް ޕްލޭނަށް ފިޓްވާނެ ފަދަ ސްޕީޑް ބާރު ކުޅުންތެރިއެއް ވެސް މެ އެވެ.
ފްރިމްޕޮންގް ގެންދަން ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ސިޓީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، ބާސެލޯނާ، އަދި ޗެލްސީ ހިމެނެ އެވެ. އޭނާގެ ސޮއި ލިވަޕޫލަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ ނެދަލެންޑްސް ކޯޗު އާންސް ސްލޮޓް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy