އިންޑިއާގެ މާއޮއިސްޓުންގެ ލީޑަރު ނަންބަލާ ކޭޝަވް ރާއޯގެ ކުރީގެ ފޮޓޯއެއް
21 މެއި 2025 - 20:18
އިންޑިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާތާ 60 އަހަރު ވެފައިވާ މާއޮއިސްޓުންގެ ލީޑަރު ނަންބަލާ ކޭޝަވް ރާއޯ އާއި އެ ޖަމާއަތުގެ އިތުރު 26 ހަނގުރާމަވެރިޔަކު އިންޑިއާގެ ކޮމާންޑޯއިންގެ ހަމަލާތަކެއްގައި މިއަދު މަރާލައިފި އެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ވަނީ މިއީ ޒަމާންވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގައި ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެފަ އެވެ.
ގެރިއްލާ ހަނގުރާމައިގެ ލީޑަރު މަރާލާފައި މި ވަނީ މީގެ 60 އަހަރު ކުރިން ހަނގުރާމަ އިއުލާނުކުރި މާއޮއިސްޓުންނާ ދެކޮޅަށް އިންޑިއާ ސިފައިން "އޯލް-އައުޓް" ހަމަލާތަކެއް ފެށުމަށް ފަހުގަ އެވެ.
މަދު އަވަށްތަކެއްގެ ބަޔަކު 1967 ވަނަ އަހަރު އެ މީހުންގެ ހީލަތްތެރި ލީޑަރުންނާ ދެކޮޅަށް ތެދުވެ ފެށި ހަނގުރާމައިން އުފަންވި މި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަނގުރާމަވެރިންނާއި ސިފައިންނާއި އާންމުންގެ 12،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މާއޮއިސްޓުންގެ ބާރު އެންމެ ގަދަވި 2000 ގެ މެދުތެރޭގައި އިންޑިއާގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއް ބައި އެ މީހުންގެ 15،000-20،000 ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސިފައިންގެ މި ކާމިޔާބީއާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މާއޮއިޒަމްގެ ނުރައްކަލުން ގައުމު ސަލާމަތްކޮށް އަމާންކަމުގައި ބޭއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.
އެންމެ ފަހުގެ ކުރިމަތިލުމުގައި އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ ޗައްތިސްގަރުގައި ހަނގުރާމަވެރިންގެ 27 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި މަނާކޮށްފައިވާ ކޮމިއުނިސްޓް ޕާޓީ އޮފް އިންޑިއާ-މާއޮއިސްޓް ޖަމާއަތުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުރި ނަންބަލާ ކޭޝަވް ރާއޯ (ބަސަވަރާޖޫ) ވެސް ހިމެނޭ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ ނަކްސަލިޒަމާ ދެކޮޅަށް ބާރަތު [އިންޑިއާ] އިން ކުރި ހަނގުރާމައިގެ ތިރީސް އަހަރުގެ ތެރޭގައި، ޖެނެރަލް ސެކްރެޓަރީ ރޭންކުގެ ލީޑަރަކު އަޅުގަނޑުމެންގެ ސިފައިންގެ ހަމަލާއެއްގައި މަރާލި ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ހިންގި އޮޕަރޭޝަންތަކުގައި 54 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު 84 ނަކްސަލިސްޓުން ޗައްތިސްގަރް، ތެލަންގަނާ އަދި މަހާރާޝްތުރާ ސްޓޭޓްގައި އަމާން ދީފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޭ ސޮބާ
21 May 2025
ތީ ޕާކިސްތާނު އަތުން ލަދުވެތި ގޮތަކަށް މެޅުނީމަ މީޑިއާ ޑައިވާރޓްކޮށް އިންޑިޔާ ރައްޔިތުން ލޮލުގަ އެޅުވި އަނދިނެއް