25 މެއި 2025 - 10:39
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް، ޗެމްޕިއަން ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ހޯދައިފި އެވެ.
މި ސީޒަނުގެ ޕްރިމިއާ ލީގު ތަށި ލިވަޕޫލަށް ހޯދައި ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ސަލާހެވެ.
ބާކީ ހަތަރު މެޗުގެ ކުރިން ލިވަޕޫލަށް ލީގު ހޯދައި ދިނުމުގެ ދަތުރުގައި ސަލާހް ވަނީ 28 ލަނޑު ޖަހައި އިތުރު 18 ގޯލް ޖަހަން ފުރުސަތު ތަނަވަސްކޮށް ދީފަ އެވެ.
ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މިސްރުގެ ފޯވަޑް މި ހޯދީ ދެ ވަނަ ފަހަރަށެވެ. މީގެ ކުރިން އެ އެވޯޑް ދެ ފަހަރު ހޯދުނީ ހަތަރު ކުޅުންތެރިންނަށެވެ. އެއީ މަޝްހޫރު ތިއޮރީ އޮންރީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ނިމެންޏާ ވިޑިކް އަދި ކެވިން ޑި ބްރޮއިނާ އަށެވެ.
ސަލާހް އަކީ އެ އެވޯޑް ދެ ފަހަރަށް ހޯދާ ޔޫރަޕްގެ ބައްރުން ބޭރު ފުރަތަމަ ކުޅުންތެރިޔާ އެވެ.
މި ސީޒަނުގެ ރަން ބޫޓް އެވޯޑް ހޯދުމުގެ ރޭހުގައި ވެސް ލީޑް ކުރަނީ ސަލާހެވެ. އޭނާ ވަނީ ލިސްޓްގެ ދެ ވަނައިގައި އޮތް އެލްގެޒެންޑާ އިސާކް އަށް ވުރެ އިތުރަށް ފަސް ލަނޑު ޖަހައިފަ އެވެ.
އެއް ސީޒަނުގައި 28 މެޗުން އެއްވެސް ކުޅުންތެރިޔަކަށް 46 ގޯލްގައި ހިއްސާ ވެވިފައެއް ނުވެ އެވެ. މިއަދު ކްރިޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ރެކޯޑް ސަލާހް އަށް މުގުރާލެވޭނެ އެވެ.
ލީގުގެ އެސިސްޓް ލިސްޓްގައި ވެސް އެންމެ ކުރީގައި އޮތީ ސަލާހެވެ. އެހެންވެއްޖެނަމަ އޭނާ ވެގެންދާނީ އެއް ސީޒަނުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓް އެވޯޑާއި ޕްލޭމޭކާގެ އެވޯޑް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy