އޭޝިއާގެ އެތުލެޓިކްސްގެ ކޮންގްރެސްގައި ތޮލާލް (ކ) އަށް އެވޯޑް ހަވާލުކޮށް ދެނީ: އެތުލެޓިކްސް އަށް އޭނާ ކޮށްދިން ހިދުމަތް އޭޝިއާގެ އެތުލެޓިކްސްއިން ވަނީ އަގުވަޒަން ކޮށްފަ --- ފޮޓޯ: އޭއޭއެމް
25 މެއި 2025 - 17:43
އެތުލެޓިކްސް އަށް މިހާރުގެ ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ކޮށްދެއްވާފައިވާ ހިދުމަތް އޭޝިއާގެ އެތުލެޓިކްސްގެ މައި ޖަމިއްޔާއިން އަގުވަޒަންކޮށް ޝަރަފުވެރި އެވޯޑެއް އަރުވައިފި އެވެ.
ދެކުނު ކޮރެއާގެ ގޫމީ ސިޓީގައި އިއްޔެ ބޭއްވި އޭޝިއާ އެތުލެޓިކްސް އެސޯސިއޭޝަންގެ ކޮންގްރެސްގައި ތޮލާލް އަށް ވަނީ ލީޑާޝިޕްގެ އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.
ތޮލާލްގެ ހިދުމަތް އޭޝިއާގެ އެތުލެޓިކްސްއިން އަގުވަޒަން ކުރުމުން، އެތުލެޓިކްސް އެސޯސިއޭޝަނުން ކުރި ޕޯސްޓްގައި ބުނީ އޭޝިއާ އާއި ރާއްޖޭގެ އެތުލެޓިކްސް އަށް ތޮލާލް ކޮށްދެއްވި ހިދުމަތް އޭޝިއާގެ އެތުލެޓިކްސްއިން ފާހަގަ ކުރާ ކަމަށެވެ.
ނޮވެމްބަރު 2023 ގައި ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ތޮލާލް ހުންނެވީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަމުގައި އޭނާގެ ތިންވަނަ ދައުރުގަ އެވެ.
އެ އެސޯސިއޭޝަންގެ ރައީސްކަމުގައި ތޮލާލް ހުންނެވި ދުވަސްވަރަކީ ރާއްޖޭގެ އެތުލެޓިކްސްގައި އެންމެ ކާމިޔާބު ދުވަސްވަރެވެ.
ރާއްޖޭން ވާދަކުރާ ސަރަހައްދީ ކުޅިވަރު ދެ މުބާރާތުގައިވެސް ރާއްޖޭގެ ފުރަތަމަ ރަން މެޑަލް ހޯދީ އެތުލެޓިކްސްއިންނެވެ.
ރީޔޫނިއަންގައި 2015 ވަނަ އަހަރު ބޭއްވި އިންޑީއަން އޯޝަން އައިލެންޑް ގޭމްސްގައި ސްޕްރިންޓް ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދާފަ އެވެ. އެ ކާމިޔާބު ރާއްޖެ އަށް ސާއިދު ހޯދައި ދިނީ ތޮލާލްގެ ފުރަތަމަ ދައުރުގަ އެވެ.
އޭނާގެ ދެ ވަނަ ދައުރުގެ ފަހު ކޮޅުގައި ޑިސެމްބަރު 2019 ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ އެ ގޭމްސްއިން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައި ދީފަ އެވެ.
ސްޕޯޓްސް ކޮމިޝަނަރު ކަމަށް ވަޑައިގެންނެވުމާ ހަމައަށް ތޮލާލް ވަނީ ވޯލްޑް އެތުލެޓިކްސްގެ އެގްޒެކެޓިވް މަގާމެއް ވެސް އަދާކޮށްފަ އެވެ. އަދި މަގާމަށް ވަޑައިގެންނެވި އިރު އޭނާ ހުންނެވީ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމުގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy