26 މެއި 2025 - 11:49
ކެންސަރު ބައްޔަށް ދޭ ފަރުވާތައް މިހާރަށް ވުރެ ފުރިހަމަ ކުރުމުގެ ގޮތުން އެސްޓްރަޒެނެކާ އަދި އެސްޓީއޯ އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ "އޮންކޮލޮޖީ ނާސަސް އެކްސެލެންސް (ވަން)" ޕްރޮގުރާމުގެ ދެ ސެޝަން މިހާރު ނިމިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ އޭޕްރިލް މަހު ފެށި އެ ޕްރޮގުރާމުގެ ދަށުން ފުރަތަމަ ބޭއްވި ސެޝަނުގައި 55 ނަރުހުން ބައިވެރިވެފައި ވާއިރު ދެވަނަ ސެޝަނުގައި 59 ނަރުހުން ބައިވެރިވި ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ޕްރޮގުރާމަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އަދި އެ ޕްރޮގުރާމަކީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިއްމު ރޯލު ފާހަގަކޮށް އެކި އިދާރާތަކުގެ އެއްބާރުލުމާއެކު އޮންކޮލޮޖީ ދާއިރާއަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތަކާ އެއްވަރަށް ރާއްޖެ ތައްޔާރުކުރުމަށް ކުރިއަށް ގެންދާ މުހިންމު ޕްރޮގުރާމެއްކަން ފާހަގަކުރި އެވެ.
"ވަން" ޕްރޮގްރާމް ކުރިއަށް ގެންދަނީ ކެންސަރު ބައްޔަށް ފަރުވާދޭ މައިގަނޑު ހުރިހާ ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް އަމާޒުކޮށްގެންނެވެ.
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާ އާއި އެ މީހާއަށް ދޭ ފަރުވާއާ ދެމެދު އޮތް ގުޅުމަށް ވާއިރު އެ ފަދަ ޕްރޮގުރާމެއްގެ މުހިންމުކަން ވަރަށް ބޮޑެވެ. އަދި ނަރުހުންނަކީ ބޭސްފަރުވާގެ އިތުރުން ކެންސަރު ބައްޔާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ބަލިމީހުންނަށް ނަފްސާނީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއް ކަމަށާއި ވަން ޕްރޮގްރާމަކީ މި ފަރާތްތަކުގެ މުހިއްމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްގީކުރުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
އެސްޓީއޯގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، އެ ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy