ކެންސަރަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި

ކެންސަރު ބައްޔަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.


މި ބޭސް ތައާރަފްކޮށްދެއްވީ މިއަދު ފެށި "އޮންކޯ ސްޕެކްޓްރާ" ސިމްޕޯސިއަމްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރެވެ. މިއީ އެސްޓީއޯ އާއި އާސަންދަ އާއި އައިޖީއެމްއެޗްގެ އިތުރުން ކެއާ ސޮސައިޓީ އާއި "ޑރ. ރެއްޑީ" ގުޅިގެން ތައާރަފް ކުރި ބޭސްތަކެކެވެ.

މި ބޭސްތައް އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލްގައި ހުންނަ އެސްޓީއޯގެ ފާމަސީން އާސަންދައިގެ ދަށުން ލިބެން ހުންނާނެ އެވެ.

ދެ ދުވަހުގެ މުއްދަތަށް މިއަދު ފެށި ސިމްޕޯސިއަމް ކުރިއަށް ގެންދަނީ ހުޅުލޭ އައިލެންޑް ހޮޓަލުގަ އެވެ. މި ސިމްޕޯސިއަމްގައި އައިޖީއެމްއެޗާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ޓްރީޓޮޕުގެ 120 ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެ އެވެ.

އޮންކޯ ސްޕެކްޓްރާ ސިމްޕޯސިއަމް ފެށުމުގެ ރަސްމިޔާތުގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

ރާއްޖޭގެ ފުރަތަމަ އޮންކޮލޮޖިސްޓް ޑރ. މުހައްމަދު ޝިފާން ވިދާޅުވީ މިއީ ޑޮކްޓަރުންނާއި ނަރުހުންނަށް ތަފާތު ކެންސަރުތަކާ ގުޅޭ މައުލޫމާތު ދިނުމަށާއި ތަމްރީން ކުރުމަށް ކުރިއަށްގެންދާ ސިމްޕޯސިއަމެއް ކަމަށެވެ. މި ސިމްޕޯސިއަމްގައި ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާކާރު ޑޮކްޓަރުން މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދު ފަށާފައިވާ ސިމްޕޯސިއަމްގެ މައިގަނޑު ބައިތަކެއްގެ ގޮތުން މި ހިމެނެނީ އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނުކުރުން. ކެންސަރުގެ އެކި ވައްތަރުގެ ކެންސަރުތަކުގެ މައުލޫމާތާއި އެންމެ ފަހުގެ ދިރާސާ ދައްކާގޮތާއި އެންމެ ފަހުގެ ފަރުވާތައް ކުރިއަށްދާނެ ގޮތް އެކަމުގެ މާހިރުން ކިޔައިދޭނެ،" ޑރ. ޝިފާން ވިދާޅުވި އެވެ.

މި ސިމްޕޯސިއަމްގައި، މިއަދު ތައާރަފްކުރި ބޭސްތަކާ ގުޅޭގޮތުންނާއި އެއިން ކުރާނެ ނޭދެވޭ އަސަރުތައް ދެނެގަނެވޭނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބޭސް އެއްކުރުމާއި ބޭސް ދިނުމުގައި ހުންނަ ގަވާއިދުތައް ވެސް މި ސިމްޕޯސިއަމްގައި ނަރުހުންނަށް ކިޔައިދޭނެ އެވެ.