26 މެއި 2025 - 12:11
މި ސީޒަނުގައި ނަޕޯލީއާ ހަވާލުވެ އެ ޓީމަށް ހުކުރު ދުވަހުގެރޭ އިޓާލިއަން ލީގު ކާމިޔާބުކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ އެ ޓީމުން ވަކިވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެންމެ ސީޒަނަކަށް ފަހު ކޮންޓޭ އެ ޓީމު ދޫކޮށްލާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އެއީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޖޯޖިއާގެ ވިންގާ ކިވިޗާ ކްވަރަސްހޭލިއާ، ޖެނުއަރީ މަހު ޕީއެސްޖީ އަށް ވިއްކާލުމުން އުފެދުނު ހިތްހަމަނުޖެހުމުގަ އެވެ. ބަދަލުގައި ރަނގަޅު ކުޅުންތެރިއެއް ވެސް ނަޕޯލީ އަށް ނުގެނެވުނެވެ. އަނެއްކޮޅުން ޓްރެއިނިން ފެސިލިޓީ ތަރައްގީކުރުން ލަސްވާތީ ވެސް ކޮންޓޭ ހުރީ ހިތްހަމަނުޖެހިފަ އެވެ.
ކޮންޓޭ ވަނީ އެ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް، މިދިޔަ ސީޒަނުގައި 10 ވަނައިގައި ލީގު ނިންމާލި ޓީމު ވަރުގަދަކޮށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު ލީގު ކާމިޔާބުކުރެވުނަސް ކޮންޓޭގެ ހިޔާލު ބަދަލުނުވާ ކަމަށްވެ އެވެ. އަނެއްކޮޅުން ކޮންޓޭގެ ޝަރުތުތައް ގިނަ ކަމުން އެ ޓީމުގެ ވެރިޔާ އޯރެލިއާ ޑި ލޯރެންޓިސް ވެސް ހުރީ ކޮންޓޭ ދޫކޮށްލަން ބޭނުންވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮންޓޭގެ ބަދަލުގައި ނަޕޯލީ އަށް ގެންނަން މަސައްކަތްކުރަނީ މެކްސް އެލެގްރީ އެވެ. އެ ޓީމުން އެލެގްރީއާ އެކު މިހާރު ވެސް އެއްބަސްވުމަކަށް އައިސްވާ ކަމަށްވެ އެވެ. އަނެއްކޮޅުން ކޮންޓޭ ދާނެ ކަމަށް ބެލެވެނީ ޔުވެންޓަސް އަށެވެ.
ކޮންޓޭ އަކީ އަބަދުވެސް އެއް ޓީމެއްގައި މާގިނަ ދުވަހު ހުރެވޭ ކޯޗެއް ނޫނެވެ. އަދި ވަރަށް ގިނައިން ޓީމުތަކުގެ ވެރިންނާ އޭނާއާ ހިޔާލު ތަފާތުވެ މައްސަލަ ނުކުމެ އެވެ.
ނަޕޯލީން ގެންނަން މަސައްކަތްކުރާ އެލެގްރީ އަކީ، ކުރިން ކޮންޓޭ ހަމަ މިފަދަ މައްސަލައެއްގައި ޔުވެންޓަސް އިން ވަކިވުމުން އެ ޓީމުން ބަދަލުގައި ގެނައި ކޯޗެވެ. އެލެގްރީ ވަނީ އެ ފަހަރު ޔުވެންޓަސްގައި، ކޮންޓޭގެ ކާމިޔާބީ ތަކުރާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy