"ފައިނަލް ޑެސްޓިނޭޝަން" ދައްކަމުން ދަނިކޮށް އާޖެންޓީނާގެ ސިނަމާއެއްގެ ސީލިންގުން ބައެއް ވެއްޓިފައި.
26 މެއި 2025 - 15:37
"ފައިނަލް ޑެސްޓިނޭޝަން"ގެ އާ ފިލްމު އާޖެންޓީނާގެ ސިނަމާއެއްގައި ދައްކަމުން ދަނިކޮށް އެތަނުގެ ސީލުންގު ވެއްޓި ބަޔަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގީ އާޖެންޓީނާގެ ސިޓީއެއް ކަމަށްވާ ލާ ޕްލާޓްގައި ހުންނަ ސިނަމާ އޯކޯގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ "ފައިނަލް ޑެސްޓިނޭޝަން: ބްލަޑްލައިންސް"ގެ ޝޯއެއް ދައްކަމުން ދަނިކޮށެވެ.
ބޭރުގެ ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކުރި ގޮތުގައި، ސީލިންގުން ބައެއް ވެއްޓި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބުނު ނަމަވެސް، ބައެއް މީހުންނަށް ލިބުނު ކުދި އަނިޔާތަކަށް ހޮސްޕިޓަލުގައި ވަނީ ފަރުވާދިފަ އެވެ.
އެ ހާދިސާ ހިނގި ވަގުތު ސިނަމާގައި ތިބި ބައެއް މީހުން ބުނީ ސީލިންގު ވެއްޓުނީ ކުއްލިއަކަށް ވަރަށް ބާރު އަޑެއް އިވިފައި އޭގެ އިރުކޮޅެއް ފަހުން ކަމަށެވެ. އަދި ފުރަތަމަ ހީކުރީ އެއީ ފިލްމުން އިވުނު އަޑެއް ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ސުޕަނެޗުރަލް ހޮރޯ ފިކްޝަންގެ "ފައިނަލް ޑެސްޓިނޭޝަން"ގެ ފިލްމުތަކަކީ އާދަޔާ ހިލާފު ކަމަކުން މަރުގެ ތުންފަތްމައްޗަށް ހުށަހެޅޭ ބަޔަކު އެކަމުން ސަލާމަތްވާން އުޅުމުގެ ތެރޭގައި ދިމާވާ ބިރުވެރި އެތައް ކަމެއް ދައްކާ ފިލްމެކެވެ.
"ފައިނަލް ޑެސްޓިނޭޝަން"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2000 ވަނަ އަހަރު އެވެ.
އެ ފްރެންޗައިޒްގެ ހަ ފިލްމެއް މިހާތަނަށް ގެނެސްދީފައިވާއިރު، ކޮންމެ ފިލްމެއް ނިމެނީ ފޭނުން ލޯބިވާ އެތައް ކެރެކްޓާއެއްގެ އާދަޔާ ހިލާފު މަރުންނެވެ.
"ފައިނަލް ޑެސްޓިނޭޝަން: ބްލަޑްލައިންސް" ޕްރިމިއާކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޫޤީ
26 May 2025
އެއީ ކުލެސިފިކޭޝަން ބިއުރޯއިން ފިލްމުގައި ހިމަނަން ގަބޫލުނުވެ ސެންސަރުކުރި މަންޒަރެއް. އިއްތިފާގުން ފިލްމު ބަލަންތިއްބާ ބެލުންތެރިންނަށް އެމަންޒަރު ފެނި އިހުސާސްވެއްޖެ. ޝުކުރިއްޔާ!