ކުޅިވަރު / ބަޔާ ލޭވަކޫސަން

ޓެންހާގްގެ މަސައްކަތް ރަނގަޅުވުމުން ލެވަކޫސަނުން މަގާމު ދީފި

ޓެން ހާގް ލެވަކޫސަންގެ ދަނޑުގައި ފޮޓޯއަކަށް ހުއްޓިލައިގެން

އަޔެކްސް އާއި މެންޗެސްޓާ ޔުނައިޓެޑްގައި އެރިކް ޓެން ހާގް ކޮށްފައި ވަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށާއި ބަޔާ ލެވަކޫސަންގެ ކޯޗުކަން އޭނާ އަށް ދިނީ މަސައްކަތްތަކަށް ބެލުމަށް ފަހު ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިދިޔަ ތިން ސީޒަނުގައި ޒަބީ އަލޮންސޯ ކާމިޔާބުކަމާ އެކު އަދާކުރި މަގާމު ޓެން ހާގާ ހަވާލުކުރީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރުގެ ބުންޑެސް ލީގާ އާއި ޖަރުމަން ކަޕް ލެވަކޫސަނަށް ކާމިޔާބުކޮށް ދިން އަލޮންސޯ މިހާރު ވަނީ ރެއާލް މެޑްރިޑާ ހަވާލު ވެފަ އެވެ.

ލެވަކޫސަންގެ ކޯޗުކަމާ ހޯމަ ދުވަހު ހަވާލުވި ޓެން ހާގް ހުރީ މިދިޔަ އޮކްޓޯބަރުން ފެށިގެން ވަޒީފާއެއް ނެތިފަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކި ކުރީ އެ މަހުގަ އެވެ.

ޓެން ހާގް ލެވަކޫސަންގެ ޕްރެސް ރޫމްގައި

އުމުރުން 55 އަހަރުގެ ޓެން ހާގް މަގާމަށް ހަމަޖައްސާފައިވާކަން އިއުލާންކޮށް، ލެވަކޫސަނުން ނެރުނު ބަޔާނުގައި ބުނީ އުނދަގޫ ހަލަތެއްގެ ތެރެއިން ވެސް ޔުނައިޓެޑްގައި ޓެން ހާގް ކޮށްފައި ވަނީ ރަނގަޅު މަސައްކަތެއް ކަމަށެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕް، ޔުނައިޓެޑަށް ކާމިޔާބުކޮށް ދިން ކޯޗު އެ ޓީމުން ވަކި ކުރި ފަހުން އެ ޓީމުގެ ހާލަތު ދިޔައީ އިތުރަށް ގޯހަށެވެ. ސްޕޯޓިން ލިޒްބަންގައި ކާމިޔާބު މަސައްކަތެއް ކުރި ރުބެން އަމޯރިމްއާ ކޯޗުކަން ހަވާލުކޮށްގެން ވެސް އެ ޓީމުގެ ހާލަތު ރަނގަޅެއް ނުވި އެވެ. ސީޒަން ނިންމާލަނީ ރެލިގޭޝަން ޒޯނާ ކައިރީގައި އޮވެގެންނެވެ. އެއީ ޕްރިމިއާ ލީގު ނަމަށް އިނގިރޭސި އެންމެ މަތީ ލީގުގެ ނަން ބަދަލު ކުރި ފަހުން ޔުނައިޓެޑްގެ އެންމެ ދަށް ސީޒަނެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ޓެން ހާގް ސިފަ ކުރެވިފައި ވަނީ ކާމިޔާބު ކޯޗެއްގެ ގޮތުގަ އެވެ. އޭނާގެ ކުރީގެ ކްލަބް އަޔެކްސް އަށް ތިން ފަހަރަށް ޑަޗް ލީގުގެ ތަށި ހޯދައި ދިނެވެ.

އޭނާގެ އާ ޓީމު ލެވަކޫސަނަކީ ޖަރުމަނުގައި އޭނާގެ ފުރަތަމަ ތަޖުރިބާއެއް ނޫނެވެ. ސީނިއާ ފުޓްބޯޅައިގައި ކޯޗުކަން ކުރަން ފެށުމުގެ ކުރިން ޓެން ހަގް ވަނީ ބެޔާން މިޔުނިކްގެ ބީ ޓީމުގައި ކޯޗުކަން ކޮށްފަ އެވެ.

ލެވަކޫސަނުން ބުނީ ޓެން ހާގް މަގާމަށް ހަމަޖެއްސީ އޭނާގެ މަސައްކަތް ރަނގަޅަށް ބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

"އެރިކް ޓެން ހަގާ އެކު އަހަރެމެން މި ގެނައީ ތަޖުރިބާކާރު ކޯޗެއް. އަޔެކްސްގައި އޭނާ ތިން ފަހަރަށް ހޯދި ޑަޗް ލީގުގެ ކާމިޔާބަކީ ފާހަގަކުރަން ޖެހޭވަރުގެ މަސައްކަތެއް،" ލެވަކޫސަންގެ ސްޕޯޓިން ޑިޕާޓްމެންޓްގެ މެނޭޖިން ޑިރެކްޓާ ސައިމަން ރޯލްފްސް ނެރުނު ބަޔާނުގައި ބުންޏެވެ.

"ތިން ފަހަރު ލީގުގެ ތަށި އަދި ޑޮމެސްޓިކް ކަޕް ދެ ފަހަރަށް ކާމިޔާބުކޮށް އޭނާ އާއި އަޔެކްސް ވަނީ 2018 އިން 2022 އަށް ނެދަލެންޑްސްގެ ފުޓްބޯޅަ ޑޮމިނޭޓްކޮށްފަ. އަދި ގޮންޖެހުން ބޮޑު ހާލަތްތަކުގައި ތެރެއިން ވެސް މެންޗެސްޓާ ޔުނައިޓެޑްގައި ހޯދި ކާމިޔާބުން އެރިކް [ޓެން ހާގް] ވަނީ ކޯޗެއްގެ ގޮތުގައި އޭނާގެ ފެންވަރު ސާބިތުކޮށް ދީފަ."

ލެވަކުސަންގެ މަސައްކަތް ޓެން ހާގް ފަށަން ޖެހޭނީ ޓީމުގެ މިޑްފީލްޑް އަލުން ބިނާ ކުރުމުގެ މަރުހަލާއިންނެވެ. އަލޮންސޯގެ ކާމިޔާބުގައި ވެސް އެންމެ މުހިންމު ހިއްސާއެއްވި ސްޓާ މިޑްފީލްޑަރު ފްލޯރިއާން ވިޓްޒް ވަނީ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ. އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ލިވަޕޫލަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454