28 މެއި 2025 - 12:03
ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ކޯޗުކަން ކުރުމަކީ ޝަރަފެއް ކަމަށާއި، އުއްމީދަކީ އެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުން ކަމަށް ބްރެޒިލްގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ވޯލްޑް ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލަށް ފަހަކަށް އައިސް އެދެވޭ ކާމިޔާބެއް ނުހޯދެ އެވެ. ބްރެޒިލް ފެޑެރޭޝަނުން އަންޗެލޮޓީއާ ޓީމު ހަވާލުކުރީ އެކަން ބަދަލުކުރެވޭތޯ އެވެ.
"ހަމައެކަނި އަމާޒަކީ 2026 ގެ ވޯލްޑް ކަޕް ކާމިޔާބުކުރުން،" އަންޗެލޮޓީ ބުންޏެވެ.
އިޓަލީ އާއި ބްރެޒިލަކީ ފުޓްބޯޅައިގެ ވާދަވެރި ދެ ގައުމުކަމުން އިޓަލީ ކޯޗަކު ބްރެޒިލާ ހަވާލުވުމުން އެއް ބަޔަކު ފާޑުކިޔަ އެވެ. އެކަމަކު އަންޗެލޮޓީ އަށް އެއީ މައްސަލައެއް ނޫނެވެ. ބްރެޒިލް އަތުން 1994 ގެ ވޯލްޑް ކަޕުގެ ފައިނަލުން އިޓަލީ ބަލިވިއިރު އެސިސްޓަންޓް ކޯޗުކަންކުރި އަންޗެލޮޓީ ބުނީ އިޓަލީ އޭނާ އަށް ނުގުޅާ ކަމަށެވެ.
"އިޓަލީގައި ވަރަށް މޮޅު ކޯޗެއް މިވަގުތު އެބަހުރި (އެހެންވެ) އެ މީހުން އަހަންނަށް ނުގުޅާ ވަޒީފާ ދޭކަށް،" އަންޗެލޮޓީ ބުންޏެވެ.
"އަހަރެން ވަރަށް ފަހުރުވެރިވޭ ބްރެޒިލުގައި މަސައްކަތްކުރަން. ތާރީހު ފޮތްތައް ބުނަނީ ބްރެޒިލަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް. މިއީ ބޮޑު ޒިންމާއެއް ވެސް މެ."
އަންޗެލޮޓީ ބުނީ ހުނަރުން އެކަނި ކާމިޔާބު ނުލިބޭނެ ކަމަށާއި، އޭގެ ހެއްކަކީ 1982 ގެ ވޯލްޑް ކަޕް ކަމަށެވެ. އެ ފަހަރު ބްރެޒިލުގައި މޮޅު ޓީމެއް އޮތް ނަމަވެސް، އިޓަލީ އަށް ކާމިޔާބު ލިބުނީ ބުރަ މަސައްކަތާއި، ހިތްވަރުން ކަމަށް އަންޗެލޮޓީ ބުންޏެވެ. އެހެންވެ ބްރެޒިލުން ވެސް ކާމިޔާބާ ދިމާލަށް ދާން ބޭނުން ނަމަ އެކަންކަން ފުރިހަމަކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އަންޗެލޮޓީ ބުނީ އިޓަލީ މީހަކަށް ވިޔަސް އޭނާއާ ބްރެޒިލާ ގުޅުން އެބައޮތް ކަމަށެވެ. އެގޮތުން ބްރެޒިލް ކުޅުންތެރިންނާ އެއްކޮށް ކުޅެ، ބްރެޒިލް ވަރަށް ގިނަ ކުޅުންތެރިންނަށް ކޯޗުކޮށްދީފައިވާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. އޭގެ ތެރޭގައި އޭސީ މިލާނުގައި އޭނާ ކޯޗުކޮށްދިން ރޮނާލްޑޯ، ކަކާ، ރޮނާލްޑީނިއޯ، ރިވާލްޑޯ، ކަފޫ އަދި ފަހުން ރެއާލް މެޑްރިޑުގައި ކޯޗުކޮށްދިން ވިނީ ޖޫނިއާ އާއި، ރޮޑްރީގޯ ހިމެނެ އެވެ.
އަންޗެލޮޓީ އަކީ ކްލަބް ލެވެލްގައި ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ ކުރިން މިލާނާއި، ބެޔާން މިއުނިކާއި، ޗެލްސީ، އަދި ޕީއެސްޖީއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އެންމެ ފަހުން ކޯޗުކަންކުރި ރެއާލް މެޑްރިޑާ އެކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ފޯޒާ އިޓާލިއާ
28 May 2025
އަންޗެލޯޓީ އެއީ އަރިގޯ ސާޗީގެ ކޯޗިން ފިލޯސޮފީ ތަންފީޒުކުރާ މޮޅު ކޯޗެއް.މިއަދު އަންޗެލޯޓީ ހުރި ހިސާބަށް އަންނަން ސާޗީގެ ފަރާތުން ލިބުނު ގިނަ ފިލާވަޅުތަކުގެ ބޭނުން ހިފާކަމަށް ޔޫރަޕިއަން ފުޓްބޯޅަ ދިރާސާކުރާ ގިނަ މީހުން ބުނޭ. 2026 ފީފާ ވޯލްޑްކަޕްގަ ވެސް އަންޗެލޯޓީ ބްރެޒިލާއި އެކު ކާމިޔާބް ހޯދާނެ.އެހެން ނަމަވެސް އަހަރުމެން އިޓަލީގެ ފޭނުން އެދެނީ ރައުންޑް އޮފް 32 އިން ބްރެޒިލް ކަޓައިގެން ދިޔުމަށް.ވ.ވެދުން