ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޝަރީފު ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 މެއި 2025 - 21:36
ބީއެމްއެލް އިން ޓޫރިޒަމް ދާއިރާއަށް މިހާރު ދޫކޮށްފައިވާ ލޯނުގެ އަދަދު 8 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޝަރީފު ވިދާޅުވީ، ރާއްޖޭގެ އެކި އިންޑަސްޓްރީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.
އޭނާ ވިދާޅުވީ، ރިސޯޓް އަލަށް ތަރައްގީކުރުމުން ފެށިގެން ތިމާވެއްޓާއި ރައްޓެހި ޕްރޮޖެކްޓް ހިންގުމާ ހަމައަށް، އެ ދާއިރާ ކުރިއެރުވުމަށް ބީއެމްއެލް އިން ބޮޑު ދައުރެއް އަދާކުރަމުން އަންނަ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ އިތުރުން ކޮސްޓްރަކްޝަން ދާއިރާއަށް އެކަނި 4.9 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިތަކަށާއި އެހެނިހެން ދާއިރާތަކަށް 3.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އާންމު ފަރުދުންނަށް މިވަނީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ވަނީ 481 ހިއްސާދާރުން ބައިވެރިވެފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަރީފު ވިދާޅުވީ، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ޕޯޓަލެއް ބޭންކުން މިދިޔަ އަހަރުތެރޭ އުފެއްދި ކަމަށެވެ. އެ އޮންލައިން ޕްލެޓްފޯމުގެ ބޭނުމަކީ ޓޫރިޒަމްގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާ އެކު އެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ތަފާތު މާލީ ވިސްނުމާއި އުއްމީދުތަކެއްގެވެރި ޒުވާން ޖީލެއްގެ ކަސްޓަމަރުންނަށް މަރުހަބާ ކިޔަމުން. އާ ޖީލުގެ އުންމީދުތައް ބިނާވެފައިވަނީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި، ވަގުތުން ހިދުމަތް ލިބިގަތުމާއި، ހިދުމަތުގައި ކަސްޓަމައިޒްޑް ކުރެވޭނެ ގޮތްތަކެއް ހުރުމުގެ މައްޗަށް. މި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަތުމާއެކު އެންމެ އެކަށޭނަ މާލީ ހައްލުތަކެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާތަނަށް 21.1 ބިލިއަން ރުފިޔާގެ ލޯނު ވިޔަފާރިތަކާއި އާންމުންނަށް ދޫކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެކަނި އެބޭންކުން ވަނީ ފަސް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy