ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ ޝަރީފު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
28 މެއި 2025 - 21:34
ބޭންކްތަކުގައި ހުރި ޑިޕޮސިޓްތަކުގެ ތެރެއިން 58 ޕަސެންޓް މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްއަށް ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ޝަރީފު ވިދާޅުވީ، އެ ބޭންކުގައި ކަސްޓަމަރުގެ ޑިޕޮސިޓް 32 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އޭނާ ވިދާޅުވީ، ޑިޕޮސިޓްގެ އިތުރުން ބޭންކުން ދޫކޮށްފައިވާ ލޯނުގެ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
"ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލައަށްވުރެ ގިނައިން، ޖުމްލަ ލޯނުގެ 51 ޕަސެންޓް ލޯނު ދޫކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ ކާމިޔާބީތައް މިއަހަރުވެސް ބޭންކުން ހިފަހައްޓާނެ ކަމަށާއި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި އެބޭންކުން އާންމުންނާއި ވިޔަފާރިތަކަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 72 ޕަސެންޓުގެ ކުރިއެރުމެކެވެ.
"މި ނަތީޖާތަކަކީ އަޅުގަނޑުމެންގެ ސްޓްރެޓެޖީ ތަންފީޒުކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލާއި ރިސްކު މެނޭޖްކުރުމާއި އަދި ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ. ބޭންކުން 21 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަރީފު ވިދާޅުވީ، އެ ބޭންކު އުފެދުނު ފަހުން ބޭންކްގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
"ރައުސުލްމާލު އިތުރުކުރުމަކީ މާލީ މުއައްސަސާއެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް. ބީއެމްއެލް ފަދަ ސިސްޓެމިކަލީ މުހިންމު ބޭންކަކަށް، ވަރުގަދަ ރައުސުލްމާލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމުކަމެއް. އެއީ ޑިޕޮސިޓަރުން ރައްކާތެރިކުރުމަށާއި، ވަރުގަދަ މާލީ ބިންގަލެއް އެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، އަދި ދިގު މުއްދަތަކަށް ފައިދާ ދެމެހެއްޓުމަށް މަގުފަހިކުރަން ނުހަނު މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފައިދާ އަލުން އިންވެސްޓްކުރުން މުހިންމުވަނީ ބޭންކެއް ކުރިއެރުމުގައި ކެޕިޓަލް އިތުރުކުރުން މުހިންމުވާތީ ކަމަށެވެ.
މިދިޔަ އަހަރު ބޭންކުން ވަނީ 643 މިލިއަން ރުފިޔާގެ ޓެކްސް ދައްކާ، ސާފު ފައިދާގެ ގޮތުގައި 2.25 ބިލިއަން ރުފިޔާ ހޯދާފަ އެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދުު
29 May 2025
ކަލޭމެން ރަނގަޅު ނަމަ %58 ނޫން ވާނީ 70 އަށްވުރެ މަތީގަ އުޅޭނި.... އެހެން ބޭންކްކަތުގަ ނެޓްވާރކް އަދި ދަށްވީމަ ތިވަރުވެސް ތިވަނީ. މއބ ކަލޭމެން ޖަހާލާނެ 8 ނޫނީ 10 ވަރަކަށް އަހަރު ތެރޭ. އެމީހުންގެ ގްރޯވްތު ރޭޓް ހުރީ މާ ކުރީގަ.
ވާނުވާ01
29 May 2025
<< ބޭންކްތަކުގައި ހުރި ޑިޕޮސިޓްތަކުގެ ތެރެއިން 58 ޕަސެންޓް މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްއަށް ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.>> މީގައި މިިބުަނީ އަޅެ ކީކޭބާ؟ މިޖުމްލައިގާ "ފައިސާ ޖަމާކުރުން" އެމާނަކުރަނީ ކިހިނެއްބާ! ޑިޕޮސިޓް އަކީ ފައިސާ ޖަމާކުން، ނަމަވެސް އެޑިޕޮސިޓްގައ އެކުލެވޭ ޖުމްލަ މީހުން ކިހިނެއްް ކޮންކަމެއް ކޮއްގެންބާ 'ފައިސާ ޖަމާކުރާކަމަށް' ވަނީ!
ރަންނަ
28 May 2025
ބޮޑުތަނުން ވެއްޓިއްޖެތާ
ސަމްތިންގ
28 May 2025
ނޯޓްކޮށްލާ.ކުރިއަތް 10 އަހަރުތެރޭގަ ތިޔަބުނާ %58 ދަށަށްދާނެ % 30 އަށް.މީ ޔަގީންކަމެއް