ކުޅިވަރު / ސްޕޯޓްސް މިނިސްޓްރީ

ތަހުގީގުކުރަން އެންގި ދެ މައްސަލައާ ގުޅުމެއް ނެތް: މަހުލޫފު

އެމްޑީޕީ ސަރުކާރުގައި ރައީސްކަންކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (ކ) އާއި އޭރުގެ ސްޕޯޓްސް މިނިސްޓަރު މަހުލޫފު: އޮޑިޓް ރިޕޯޓުން ހާމަވީ އޭނާގެ ދައުރުގައި މަސައްކަތްކޮށްފައިވަނީ ރަނގަޅަށް ކަމަށް މަހުލޫފު ވިދާޅުވި. -- މިހާރު ފައިލް ފޮޓޯ

އޮޑިޓް އޮފީހުން ނެރެފައިވާ ސްޕޯޓްސް މިނިސްޓްރީގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ތަހުގީގުކުރަން އަންގާފައިވަނީ އޭނާ ހަވާލުވުމުގެ ކުރީގެ މައްސަލައަކާއި، މިނިސްޓްރީއާ ގުޅުން ނެތް މައްސަލައެއް ކަމަށާއި، އެއީ އޭނާގެ ދައުރުގައި މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެއް ކަމަށް، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުން ހޯމަ ދުވަހު ޝާއިއުކުރި ސްޕޯޓްސް މިނިސްޓްރީގެ 2018-2023 ގެ ރިޕޯޓުގައި ދެ މައްސަލައެއް ތަހުގީގުކުރަން އެންގުމުގެ އިތުރަށް ވަނީ، މިނިސްޓްރީން ޕްރޮޖެކްޓްތައް ހިންގާއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށާއި، ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާތީ އެކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ތަހުގީގުކުރަން އެންގި އެއް މައްސަލައަކީ، މަހުލޫފު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 2018 ވަނަ އަހަރު ރައީސް އޮފީހާއި، ސްޕޯޓްސް މިނިސްޓްރީ، އަދި އެފްއޭއެމް ގުޅިގެން ހިންގި ފުޓްބޯޅަ ޓްރެއިނިން ސްކޫލުގެ މައްސަލަ އެވެ. ދެން ފާހަގަކޮށްފައި އޮތީ މިނިސްޓްރީ އަށް ގަނެފައިވާ ވެހިކަލެއްގެ މައްސަލަ އެވެ.

އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މަހުލޫފު ފޭސްބުކުގައި ލިޔުއްވި ގޮތުގައި ފުޓްބޯޅަ ސްކޫލަކީ، އެމްޑީޕީ ވެރިކަމާ ހަވާލުވުމުގެ ކުރިން ފަށާފައިވާ މަސައްކަތެއް ކަމަށް އެކަމާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ވެހިކަލުގެ މައްސަލައަކީ ވެސް ކޮންޓްރެކްޓަރުގެ އޮޅުވާލައިގެން ހިންގި ކޮރަޕްޝަނުގެ އަމަލެއް ކަމަށާއި، އެކަން ފުލުހުންނަށް އެންގީ ވެސް މިނިސްޓްރީން ކަމަށް މަހުލޫފު ލިޔުއްވާފައިވެ އެވެ.

"(އަޅުގަމޑުމެންނަކީ) އެންމެ ގިނަ ޕްރޮޖެކްޓް ހިންގި އެއް މިނިސްޓްރީއަށް ވެފައި، ތަހުގީގު ކުރަންޖެހޭ އަދި އެއީ އަޅުގަނޑުމެންނާއި ގުޅުމެއް ވެސް ނެތް އެންމެ ދެ މައްސަލަކަމަށްވީ ކަމީ، މިނިސްޓްރީގެ މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަމުގެ ހެއްކެކެވެ،" އޭނާ ލިޔުއްވި އެވެ.

އެއް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ މަޝްރޫތައް ބައިބަޔަށް ބައިކޮށް، ތަފާތު އެކި ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކުރި ކަމަށް ރިޕޯޓުގައި އޮތް އޮތުމާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ އެގޮތަށް އެކަންކުރީ ގާނޫނުން ޖާގަ ލިބޭތީ ކަމަށެވެ.

"އަދި އެ ދެ މަސައްކަތް އެއްކޮށް ކުރަން އިއުލާނު ކުރުމުން ލިބުނު އަގަށްވުރެ ހެޔޮއަގުގައި ދައުލަތަށް ފައިދާވާގޮތަށް ވަކިވަކިން މަސައްކަތްކުރެވޭތީ އެވެ. އަދި ގިނަ މަސައްކަތްތަކެއް އަވަހަށް ކުރެވޭތީ (ވެސް މެ) އެވެ. މި ސަރުކާރުން ވެސް ވަކިވަކިން އެމަސައްކަތް ކުރިއަށް އެގެންދަނީ އެސަބަބާ ހެދިކަމަށް ގަބޫލުކުރެވެ އެވެ،"

މިނިސްޓްރީން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ފޯރުކޮށްދޭން ހިއްސާކުރި އެކްސެލް ފައިލުގައި މައުލޫމާތު ފުރިހަމަނުވާތީ އެއީ އިހުމާލެއްގެ ގޮތުގައި ރިޕޯޓުގައި ފަހަގަކޮށްފައިވެ އެވެ. މަހުލޫފު ވިދާޅުވީ އެކްސެލް ޝީޓުގައި މައުލޫމާތު ނެތުމުގެ މާނައަކީ "ޕްރޮޖެކްޓެއް ހިންގަން ބޭނުންވާ ލިޔެކިޔުން ފުރިހަމަ ނުވުމެއްނޫން ނުވަތަ ނޫނީ ލިޔެކިއުން ނެތުމެއް ވެސް ނޫން" ކަމަށެވެ.

"ލިޔެކިއުން ގަސްތުގައި ފުރިހަމަނުކޮށް މުވައްޒަފުން މަސައްކަތެއްކޮށްފައި ހުންނާނެ ކަމަަށް އަޅުގަނޑު ގަބޫލެއްނުކުރަމެވެ،"

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: މަހުލޫފު ވިދާޅުވަނީ އެ އޮފީހުން އަހަރުން އަހަރަށް ރިޕޯޓް ނެރޭ ނަމަ ކަންކަން އިސްލާހުކުރަން ފުރުސަތު ލިބޭނެ ކަމަށް. -- މިހާރު ފައިލް ފޮޓޯ

ކުޅިވަރު އެސޯސިއޭޝަންތަކަށް ދޭ ފައިސާ އަށް ކުރާ ހަރަދުގެ ތަފްސީލު އެސޯސިއޭޝަންތަކުން ނުބަލަހައްޓާތީ އެކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މަހުލޫޫފު ވިދާޅުވީ ރިޕޯޓުގައި ފާހަގަކޮށްފައިވާ، އެ ހަރަދުތަކަކީ އޭނާ ހަވަލުވުމުގެ ކުރީގެ ހަރަދުތަކެއް ކަމަށެވެ.

"މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރަމުން ގެންދާނީ، ހަރަދު ތަފްސީލު މިނިސްޓްރީއަށް ހުށައަޅާގޮތަށެވެ. އެތަފްސީލު ލިޔުމުން ފެންނަން ހުންނާނެ އެވެ،"

މަހުލޫފު ވިދާޅުވީ އަހަރުން އަހަރަށް އޮޑިޓް ރިޕޯޓް ނެރުމުގެ ބަދަލުގައި އެތައް އަހަރެއް ފަހުން ނެރޭތީ ކަންކަން އިސްލާހުކުރަން ފުރުސަތު ނުލިބޭ ކަމަށެވެ.

"ފުރަތަމަ ކަމަކަށް އޮޑިޓް ރިޕޯޓް އަހަރުން އަހަރަށް ނެރެން އެބަޖެހެ އެވެ. ފަހަރުގައި އެކަން ނުވަނީ ބަޖެޓު ނެތިގެން ނަމަވެސް، ހަތް އަހަރު ފަހުން 576 ޕްރޮޖެކްޓު ހިންގި މިނިސްޓްރީއެއްގެ އޮޑިޓް ރިޕޯޓު ނެރޭނަމަ، ކަމެއް އިސްލާހުކުރަން ވެސް ފުރުސަތު ނުލިބޭނެ އެވެ. ރައީސް ނޫނީ ވަޒީރަށް ފިޔަވަޅެއް އަޅަން ފުރުސަތެއް ނުލިބޭނެ އެވެ،"

އަދި ރިޕޯޓް އެހާ ލަހުން ނިންމާއިރު މައުލޫމާތު ދޭން ތިބޭނީ އަލަށް އުފެދޭ ސަރުކާރުގެ ބޭފުޅުން ކަމުން އެންމެ ފުރިހަމަ މައުލޫމާތު ދެއްވާނެ ކަމަށް ނުވަތަ ލިޔެކިއުން ފުރިހަމަކޮށްދެއްވާނެ ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އޭނާގެ ދައުރުގައި އޮޑިޓަރުންނާ އެކު މިނިސްޓްރީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި "ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް" އޮޑިޓަރުން ވިދާޅުވި ކަމަށެވެ. އަދި އޭނާގެ ދައުރުގައި، އޮޑިޓް އޮފީހުން އެންމެ ފަހަރަކު ވެސް އެއްވެސް ކަމެއް އިސްލާހުކުރަން ރަސްމީކޮށް ވެސް ނުރަސްމީކޮށް ވެސް ލަފާ ދީފައިނުވާ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލް ސްޕީޑުގައި 500 އަށް ވުރެ ގިނަަ ޕްރޮޖެކްޓް ކުރިއަށް ގެންދިޔައިރު އިސްލާހުކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި ކޮރަޕްޝަނުގެ މައްސަލައެއް އޮތް ނަމަ ތަހުގީގުކުރަން ގޮވާލައްވާ ކަމަށެވެ.

4 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޅި އަލީ

29 May 2025

އެއްގޮތަކަށްވެސް ގުޅުމެއް ނެތް! މަކިންފާނު ވަޑައިގަންނަވާ ހުރިހާ ތަކުން ކޮރަޕްސަންގެ ވާހަކަ އެ ފެންމަތިވަނީ އެއްވެސް ވަރަކަށް އެކަމާ ގުޅުމެއް ނެތީމަ! އަދީބު ފައިސާ ދިނީމަވެސް ވިދާޅުވީ އެކްސްޗޭންގް ކުރިއޭ! ތިޔައީ އަޅެ ފަހެ ބެންކެއްތަ!

The name is already taken The name is available. Register?

ޒަވިޔަނި

29 May 2025

މަހުލޫފު ކެޔޮކެވުނުވަރު އެގޭނީ ބިތުފަންގި ނެގީމައޭ މޫސްކުޅި ބަހުގަ އޮވޭ، ބާރާއި ނުފޫޒު އޮންނައިރު ގިނަފަރަށް ވެރިންގެ ބިތު ފަންގި ނެގުމަކީ އެއީ ވަރަށް ނާދިރު ކަމެއް.

The name is already taken The name is available. Register?

އުނބުށޭމު

29 May 2025

ކާކުތަ ގަސްތުގައި އެމީހަކު ބެދޭގޮތަށް ކޮރަޕްޝަން ހިންގާނީ. ހިސާބަށްވުރެ ބޮޑަށް ދަހިވެތިވެ ހައްދުފަހަނައެޅީމާ އެތައްކަމެއް އަތްދޮށުން ދޫވެ ބޭޒާރުވަނީއެވެ. އަހަރެން ދަންނަ މީހަކު ވަނީ ތިޔަތަނުގެ ވަރަށް އިސްމަގާމެއްދިންތާ ކުރީކޮޅު ތިޔަތަނުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކުގެ ސަބަބުން އޭނާއަށް ދެރައެއް ލިބިދާނެތީ ވަރަށް ކުރީކޮޅު މަގާމު ދޫކޮށްލާފައެވެ. މިއިން ޔަގީންވަނީ ކިތަންމެ ނޫންކަމަށް ހެދުނަސް ތިޔަބުނާ ދުަވަސްވަރުވެސް ކޮރަޕްޝަން ހިންގާފައިވާކަމެވެ

The name is already taken The name is available. Register?

ސަސި

28 May 2025

އަދި މިރާއްޖޭގަ ވެރިއަކަށް ހުރި މީހަކު ޒިންމާވާން ޖެހޭ ކަމެއް ހިނގާފައެއްނެތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454