ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުންނެވި ޑީސީޕީ ނަވީން.
30 މެއި 2025 - 23:53
ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ރަނގަޅު ކުރެވޭނީ ކޮންމެ ފުލުހަކު ވެސް އެ ފުލުހެއްގެ ޑިއުޓީ އަދާކުރާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނަ ކަންކަން ދެނެގަނެ އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކޮށްގެން ކަމަށް އެ މުއައްސަސާ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި 196 ފުލުހެއްގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
އައްޑޫ ޓްރެއިނިން ސްކޫލުން ގްރެޖުއޭޓުވި ފުލުހުންނަށް ސެޓްފިކެޓު ދިނުމުގެ ހަފުލާގައި ނަވީން ވިދާޅުވީ، ފުލުހުންގެ ތަސައްވުރު ރަނގަޅު ކުރެވޭނެ ދެވަނަ ކަމަކީ ރައްޔިތުންނާ ރީތި ބަހުން މުއާމަލާތްކޮށް، ރައްޔިތުން އެދޭ ގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަން ކޮށްގެން ކަމަށެވެ.
"ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބޭ ބަޔަކަށް ވެގެން. އޯގާތެރި ބަޔަކަށް ވެގެން،" ޑީސީޕީ ނަވީން ވިދާޅުވި އެވެ.
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ކޮންސްޓެބަލް ހުސެއިން ތާއިމްއަށް ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން ހަނދާނީ ފިލާ ހަވާލު ކޮށްދެއްވަނީ..-- ފޮޓޯ: ޕޮލިސް
އޭނާ ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ފުލުހުންގެ އިދާރާ ހެދުމަށް ކޮންމެ ފުލުހަކު ވެސް ގަދައަޅައި މަސައްކަތް ކުރަން ވާނެ ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން ނަވީން އެދިވަޑައިގަތީ ރާއްޖެ އާއި ފުލުހުންގެ މުއައްސަސާ އަދި ފުލުހުންގެ އާއިލާތަކަށް ވެސް ހުތުރު ނަމެއް ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.
"ގައުމުގެ ފަހުރުވެރި ދަރިއަކަށް، ހިދުމަތްތެރި ފުލުހަކަށް ވުމަށް އަޒުމް ކަނޑައަޅާ. މި ހިދުމަތުގައި މަސައްކަތް ކުރުމަކީ ހަމައެކަނި ވަޒީފާއެއް ނޫން. މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި. ގައުމީ ހިދުމަތެއް،" އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި ނަވީން ވިދާޅުވި އެވެ.
އައްޑޫ ޓްރެއިނިން ސްކޫލުން މިރޭ ދަސްވެނިވުނު ފުލުހުންނަށް ނަވީން ދެއްވި ނަސޭހަތުގެ އުސްއަލިތައް:
- ފުލުހުންގެ ތަމްރީނަކީ އަމިއްލަ ދިރިއުޅުމަށް ވެސް އަޅާ އިތުރު ހަރުފަތަކަށް ހެދުން މުހިންމު.
- ކޮންމެ ފުލުހަކީ ވެސް މުޖުތަމައުގެ ސަލާމަތާއި މަސްލަހަތު ހިފަހައްޓާ މީހަކަށް ވުން މުހިންމު.
- ނަޒާހަތްތެރި، މަސައްކަތުގައި ޒިންމާދާރު އަދި ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ފުލުހަކަށް ވުމަށް ގޮވައިލެއްވި.
- ފުލުހުންގެ ދާއިރާ އިން ކުރިއަށް ދާނެ ލަނޑުދަނޑިތަކެއް ކަނޑައަޅަން އަޒުމް ކަނޑައަޅަން ޖެހޭ. ތައުލީމާއި ތަޖުރިބާ ހޯދުން މުހިންމު.
- ފުލުހުންގެ ހިދުމަތަކީ ކުރިއަށް ދެވޭނެ ފުރުސަތު ބޮޑު އެކަމަކު ވާދަވެރި ހިދުމަތެއް. ފުލުހުންގެ ކުރިއެރުމަށް ފުލުހުންގެ މުއައްސަސާ އިން ކުރާ މަސައްކަތްތަކާ އެއްވަރަށް ފުލުހުންގެ ހިތްވަރާއި ގާބިލްކަން ދައްކުވައިދޭން ވާނެ. އެފަދަ ފުރުސަތުތައް ހޯދަން އަބަދު އެދި ތިބި ބަޔަކަށް ފުލުހުން ވާން ވާނެ.
- ރާއްޖޭގައި ގާއިމް ކޮށްފައިވާ ކޮންމެ ފުލުހުންގެ މަރުކަޒެއްގައި މަސައްކަތް ކުރެވޭނެ ބަޔަކަށް ވާން ވާނެ. އިހުލާސްތެރި ފުލުހަކަށް ވުމަށް މަސައްކަތް ކުރަން ވާނެ.
ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުންގެ ގްރެޖުއޭޝަން ހަފުލާގެ ޝަރަފުވެރި މެހުމާން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް އަދި ޑީސީޕީ ނަވީން މިރޭގެ ހަފުލާގައި.-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނީ އައްޑޫގައި ބޭއްވި 39 ވަނަ އަސާސީ ތަމްރީން ކޯހުގައި 200 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވި އިރު، އޭގެ ތެރެއިން ކޯސް ފުރިހަމަކުރީ 196 ފުލުހަކު ކަމަށެވެ. ހަތަރު މަސްދުވަހަށް ކުރިއަށް ގެންދިޔަ އެ ތަމްރީނު ކޯސް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކި
01 June 2025
ކޮމެންޓުތައް ކިޔާލައިފިން. އާއްމުންގެ ކަންބޮޑުވުންތައް ހުލާސާކޮއްލާނަން؛ 1. ފުލުހުންގެ އަހުލާގާ އުޅުމާ ބަސްމަގުގެ މައްސަލަ(ޔުނީފޯމުގައި ތިބޭއިރުއާ އޮފް ޑިއުޓީގައިވެސް). 2.ފުލުހުންގެ ގަވައިދުތަކާ ހިލާފަތް ވިޔަފާރިކުރުން. 3. އަންޕުރޮފެޝަނަލްވުން. 4. ތައުލީމީ ފެންވަރު ދަށްވުން. 5. މުޖުތަމައުގައި އުޅޭއިރު އިޖުތިމާއީ މިންގަނޑުން ބޭރުވުން. 6. ވިސްނުން ނެރޯވުން. 7. ކުރިމިނަލް ކަންކަމުގައި އުޅުން-ކުރައިމްސް/ބުލެކް ބިޒްނަސް/މަކަރާ ހީލަތް/ޑުރަގްސް
ކްރޮޕްޓް ޕޮލިސް
01 June 2025
އެމްއެމްޕީއާރސީ އަދި ޕޮލްކޯ ކްރޮޕްޝަން ބަލާފައި އިތުރު އެއްޗެކޭ ކިޔާބަލަ ތަސައްވަރޭ ކަހައިރުވަކޭ
ހުޝޫމާ
31 May 2025
ފުލުހުން އޮފްޑިއުޓީގަ ހަލާލު މަސައްކަތްކޮއްގެން އިތުރު އާމްދަނީ ހޯދީމަ ހާދަ ވަރެކޭ ތިވަނީ ކޮމެންޓޭމެން. އެ ހެވެއްނު ކަންމަތީ ފިހާރަޔަސް، ގުޅަ ބަޖިޔާ ވިއްކިޔަސް؟ ހަލާލު މަސައްކަތް، ހަލާލު އާމްދަނީ. ފުލުހުންގެ އެ ހިއްވަރު ހުރީމަ ކުރަނީ. ބޭކާރު ކޮމްންޓު ކުރަން ނުތިބެ ވަޒީފާއެއް އަދާކޮއްބަލަ.
ކުދިގުޅަ
01 June 2025
ބޭފުޅާ ހީކުރީ ނޫހަށް ކޮމެންޓު ކުރާ ކޮންމެ މީހަކު ޖޮބުލެސް ކަމަށްތޭ؟ ލޮލް. ތިހިރީ ކައެމެންގެ ވިސްނުން ކޮށިކަން. ހަލާލު ނުވެގެނެއް ނޫން ދޮ ވަކި ބާވަތެއްގެ ޖޮބު ކުރާ މީހުން އެހެން މަސައްކަތަތްތައް ކުރުން މަނާ ވަނީ ގާނޫނުންނާ ގަވައިދުތަކުން؟ މަސްލަހަތު ފުށުއަރާތީ އެއީ ބޭފުޅާ. ރުފިޔާ ގިނަކުރަން އިތުރު މަސައްކަތްކުރަންޔަ ޔުނިފޯމް ބާލާފަ ކޮންމެސް އެހެން ވަޒީފާއެއް އަދާކުރޭ.
ޔުނިފޯމުގެ އަގު
31 May 2025
ފުލުހުން ހިންގާ ނުކިއްސަރު ވިތަފާރިތައް ހުއްޓުވާ ފުރަތަމަ. ފުލުހުން ނުޖެހޭ ޓެކްސީކޮށް ސައިހޮޓާ ހިންގާ ހެދިކާ ވިއްކާ ޝެއިން ސޭލު އަޅުވާކަށް. ބަންގާޅު މީހެއް ނުވަތަ އާއްމު މީހެއްގެ ފަހަތުގައި ފޮރުވި ހުރެގެން ކުރިއަސް މިޒަމާނު ފަސޭހަކަމާއެކު ފުލުހުން ކުރާ އެބާވަތުގެ ކަންކަންވެސް ބެލޭނެ ޕޮލިސް އަށް. ވަކި ޔުނީފޯމެއް ލައްވާފަ ހާއްސަ އިނާޔަތް ތަކެއް ދީފަ ތިބެނީ ކަމަކު!!!!.
އިޖުރާތީ
31 May 2025
ފުލުހުންނަށް ގާނޫނޫ ގޮތުން އެފަދަ ކަންކަމުގައި އުޅުން މަނާވެފަ އޮންނަ މަހުފޫމަކީ ފުލުހުންނަކީ ތަންފީޒީ މުއައްސަސާއަކަަށް ވެފާ ދައުލަތާ އަމިއްލަ ވިޔަފާރިތަކުގެ މައްސަލަތައް ބައެއް ފަހަރު ފުލުހުންނަށް ހުށަހެޅޭ ހާލަތުގައި އެފަދަމައްސަލަތަކުގައި ފުލުހުންގެ އަމިއްލަ މަސްލަހަތު ހިމެނުމަކީ ސަބަބުވެރިގޮތެއް ކަމަށް ނުވުމާއި މައްސަލައިގެ މަސްލަހަތާ އިންސާފަށް ހުރަސް އެޅޭނެތީއެވެ.
ދޫނިރާއްޖެ
01 June 2025
މި ކުޑަކުޑަ ގައުމެއް. ކޮންމެ ފުލުހަކުވެސް އުޅޭ ގޮތާ ކުރާ ކަންތައް އިގޭ ބަޔަކު ތިބޭނެ. އެމީހުން ފަރާތުން އެހެން އެތައް ބަޔަކަށް އެކަންތައްތައް އިގޭނެ. އެހެންވީމަ ފުލުހުންގެ ތަސައްވަރު ހިފެހެެއްޓުމަކަި ފުލުހުންގެ ކަމެއް
ތަސައްވަރު
31 May 2025
މިއާޓޮކަލްގެ ކޮމެންޓުތަކުން އެކަނިވެސް ކޮމިޝަނަރަށް ތަސައްވަރުގެ ނުސާފުވާ ސަބަބުތައް ސާފުވާނެ.
ޖެންޒީ
31 May 2025
ގިނަ ފުލުހުން މުޖުތަމައުގައި އުޅެން ބޭނުންވަނީ އާއްމު ރައްޔިތު އުޅޭގޮތައް އަދި ބައެއް ފަހަރު އާއްމުން ވެސް ލަދު ގަންނަ ލެވަލުގައި ފުލުހުންގެ އަމަލުތައް ހުންނަނީ. އެކަމަކު މިލިޓަރީ ލެވަލުގެ މުސާރައާ އިނާޔަތް ދިނީމަ އެފާޑަށް އުޅުނީމަ ކަޑައޭ. ޑިސިޕްލަން ނުހިފެހެއްޓޭނަމަ ފުލުހުން ވަކި ކުރަންޖެހޭނެ
ކަންމަތި ބެއްޔަ
31 May 2025
ނޮންން ޕުރެކުޓިސިން އެލަވަންސް ދީފަ ތިބޭއިރު ފުލުހުން އެހެން ވިޔަފާރިތައް ކުރާކަން ހުދު ކޮމިޝަނަރަށް ވެސް އިގޭނެ. ވަގު ވިޔަފާރިވެސް ބުލެކް ވިޔަފާރިވެސް ހިންގާ. މީ ރައްޔިތުންނަށް އިގޭ ކަމެއް ހާމަކޮށް. އަމިއްލަ ނަމުގައި ނުކުރަންޔަ ގާތް މީހެއްގެ ނަމުގައި ޖައްސައިގެން ކަންމަތީ ފިހާރައާށް ދާންދެން ފުލުހުން އެބަ ހިންގަ. ގާނޫނާ ހިލާފަށް ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން އުޅުނީމަ ޕޮލިސް އޮފީހުގެ ތަސައްވަރު އޮންނާނީ ގާދޫ ކޮލުން ބޭރުގައި.
ގޯހެއް
31 May 2025
ދެން ކަސްޓަމަރަލު މައްސަލަ އެއް ޖެހިގެން ދާއިރު ޕޮލިސް ޔުނީފޯމުގައި އިންނަވާނީ ފޮރުވިހުރި ކަންމަތީ ޝޮޕް ސޭޓު ދޮގެ؟. ދެން ވިސްނާ ކަންތައް ބޮއްސުންލާފަ ހުންނާނެ ހިސާބު. މައްސަލަ ބަލަން ތިބޭ މީހުން ނުކުމެ ވިޔަފާރިތަކުގައި އުޅުމަކީ ގޯހެއް
މޫސަ އިބުރާހިމް
31 May 2025
ފުލުހުންގެ ގާނޫނާ ޕުރޮޓޮކޯލުތަކާ ހިލާފު ކަންކަން ހިންގާނަމަ އެކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ. އެހެންނޫނި ތިކަން ހައްދު ފަހަނަ އަޅާ ހިގައިދާނެ
ފަހީމު
31 May 2025
ޑުރަގު ވިޔަފާރި، ޑޮލަރު ވިޔަފާރި، ސިގިރޭޓު ވިޔަފާރި، ލިސްޓު ވަރަށް ދިގު
ނާތަހުޒީބު
31 May 2025
ޑިއުޓީ ނިމޭއިރަށް ރަށުތެރޭ ސިގިރޭޓު ވިއްކާ އުނގު ވިޔަފާރިކުރަން ފުލުހުން އުޅުނީމަ ލައްކަ ހަޑި.
ތަގޭ
31 May 2025
އަޑުއެހުމުގެ ހުނަރު ގިނަ ފުލުހުންގެ ވަރަށް ދަށް. މަގުމަތިން ދިމާވާ މަދު ޓުރެފިކް ފުލުހެއް ނޫނިއްޔާ އާއްމު މީހާ ދައްކަަ ވާހަކަ އަޑުނާހާ ވާހަކަ ހުއްޓުވާ ހަދާ. ރޮދި ކެނޑިފަ ތިބެނީ. ލިސްނިން ސްކިލް ކިލާހެއް ފުލުހުންނަށް ބާއްވަ ކަމިސަނަރު
ރަމީރަމީ
31 May 2025
މާބޮޑަށް އެނގިފަ ތިބެނީ.
އަތްބަޅޭ
31 May 2025
ޔުނީފޯމުގައި ތިބެގެންނާ ޔުނީފޯމުން ބޭރުންވެސް ގޯޅިގޯޅިއާ ކެފޭތަކުގައި ފުލުހުން ސިގިރެޓު ބޮއި ހުތުރު ބަހުން ވާހަކަ ދައްކަަ އަޑުއިވޭ. ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއްގެ އަމަލު ހުންނަނއވާ ގޮތްތަ އެއީ؟
ލޮލީޖާބިރު
31 May 2025
އެދައްކާލަނީ ރިވެތި ނަމޫނާ.