ފުލުހުންގެ 41 ވަނަ ޕޮލިސް އިނީޝަލް ޓްރެއިނިން ކޯހުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު އިމްޝާ އަބްދުއްލަތީފަށް ހޯމް މިނިސްޓަރު އިހުސާން ރޭ އިނާމު ހަވާލު ކޮށްދެއްވަނީ. ---ފޮޓޯ: ޕޮލިސް
16 ޑިސެމްބަރ 2025 - 13:26
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު އަންހެން ފުލުހަކަށް ފުރަތަމަ ފަހަރަށް ލިބި އަދި މުޅި ކޯހުގެ އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ވެސް އަންހެން ފުލުހުން ހިމެނިއްޖެ އެވެ.
ފުލުހުންގެ 41 ވަނަ އިނީޝަލް ޓްރެއިނިން ކޯސް ނިންމައި ހުވާކުރުމަށް، އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކޯހުގެ އެންމެ ދަރިވަރަކަށް ހޮވުނީ އިމްޝާ އަބްދުއްލަތީފެވެ. ގދ. ފިޔޯރީ ސްކޫލުން 2019 ވަނަ އަހަރު އޯލެވެލް ނިންމި އިމްޝާ ފުލުހުންގެ ހިދުމަތާ ގުޅުނީ 2023 ވަނަ އަހަރު އެވެ.
އިމްޝާގެ ކާމިޔާބީ ފާހަގަ ކުރައްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުރަތަމަ ފަހަރަށް އަންހެން ފުލުހަކަށް އެ ކޯހުން އެއްވަނަ ލިބުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުން ޖާގަ ހޯދައި ތަމްރީނުގެ ތާރީހު ބަދަލުކޮށްލި ކާމިޔާބީއެއް ކަމަށެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ކޯހުގެ ބީފާން ސްކޮޑުން އެއް ވަނަ ހޯދި ސާޖަންޓް މަރިޔަމް އާދަމް އަށް ހޯމް މިނިސްޓަރު އަލީ އިހުސާން ޓްރޮފީ ހަވާލުކުރައްވަނީ. -- ފޮޓޯ: ޕޮލިސް
މިނިސްޓަރު އިހުސާން ވަނީ އިމްޝާގެ މި ކާމިޔާބީއާ ގުޅިގެން އޭނާގެ އާއިލާ އާއި އޭނާގެ ރަށް ކަމަށްވާ ފިޔޯރީގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފަ އެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި 185 ފުލުހަކު ރޭގެ ރަސްމިއްޔާތުގައި މަގާމުގެ ހުވާކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ 107 ފިރިހެން އަދި 78 އަންހެން ފުލުހުންނެވެ.
މި ކޯހުން އެންމެ ފާހަގަކުރެވޭ ފަސް ވަނަ ވެސް ހޯދީ އަންހެން ފުލުހުންނެވެ. އެއީ އިމްޝާގެ އިތުރުން މަރިޔަމް ލާޝާ އާދަމް، އައިމިނަތު ސަމްރާ، މަރިޔަމް ލޫލުއާ މުހައްމަދާ އަދި އަލްޔާ އަހުމަދެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީން ކޯހުގައި އިންޑޯ ސަބްޖެކްޓްސްގެ އެންމެ މޮޅު ދަރިވަކަށް ހޮވުނު ސާޖަންޓް މަރިޔަމް ލުއުލާ މުހައްމަދަށް ހޯމް މިނިސްޓަރު އަލީ އިހުސާން ޓްރޮފީ ހަވާލުކުރައްވަނީ. -- ފޮޓޯ: ޕޮލިސް
އަލަށް މަގާމާ ހަވާލުވި ފުލުހުންނާ މުހާތަބުކުރައްވައި މިނިސްޓަރު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު ތަމްރީނު ނުހަދާ ހާހެއްހާ ފުލުހުން ތިބި ކަމަށެވެ. އެކަމަކު، އެ އެންމެންނަށް ތަމްރީނުތައް ދިނުމަށް ހާއްސަ އިސްކަމެއް މި ސަރުކާރުން ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް 966 ފުލުހުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ ޖެނުއަރީ މަހު ފަށާ އާ ބެޗާ އެކު، މިހާތަނަށް ތަމްރީނު ނުހަދައި ތިބި ހުރިހާ ފުލުހުންނަށް ތަމްރީނުދީ، ކޮލިފައިޑް އޮފިސަރުންނަށް ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1828
16 December 2025
"މި ކޯހުން އެންމެ ފާހަގަކުރެވޭ ފަސް ވަނަ ވެސް ހޯދީ އަންހެން ފުލުހުންނެވެ." ޕޮލިސް އެތިކަލް ސްޓޭންޑާޑް ކޮމާންޑަށް މިކަން ބެލުމަށް ގޮވާލަން. ފިޒިކަލް އެކްޓިވިޓީތަކުން އަންހެނުންނަށް ވަރަށް ފިރިހެނުން ޖަހާނުލެވޭނެ. ނަމަވެސް އެކަޑަމިކް މާއްދާތަކަށް އަންހެނުން މޮޅުވެދާނެ. މިއީ ހަމަ ހިންގާފައިވާ ޖަރީމާއަކާ ވަރަށް ބޮޑަށް ވައްތަރު.