ސާރީ (ކ) އާއި ގަސްޕެރީނީ.
02 ޖޫން 2025 - 08:58
އިޓަލީގެ އޭއެސް ރޯމާގެ ކޯޗަކަށް ޖިއަން ޕިއޭރޯ ގަސްޕެރީނީ އަދި، ލާޒިއޯގެ ކޯޗަކަށް މައުރީޒިއޯ ސާރީ ހަމަޖައްސަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ނުވަ އަހަރު އެޓަލާންޓާ އަށް ކޯޗުކޮށްދީ، ވަރުގަދަ ޓީމެއް ބިނާކޮށްދީފައިވާ ގަސްޕެރީނީ ވަނީ އެ ކްލަބް ދޫކޮށްލާކަން ކަށަވަރުކޮށްދީފަ އެވެ.
މިދިޔަ އަހަރު އެޓަލާންޓާ އަށް ޔުރޮޕާ ލީގު ކާމިޔާބުކޮށްދިން ގަސްޕެރީނީ ބުނީ އެ ކްލަބް ދޫކޮށްލަން ނިންމުމުގައި ކްލަބުގެ ވެސް އަދި ޑިރެކްޓަރެއްގެ ވެސް މައްސަލައެއް ނެތް ކަމަށާއި، މިއީ އަމިއްލަ ނިންމުމެއް ކަމަށެވެ.
"އަހަންނަށް ވިސްނުނީ މި ފިޔަވަޅު އަޅަންވީ ވަގުތު ޖެހިއްޖެކަން،"
ރިޕޯޓްތައް ބުނާ ގޮތުގައި އިޓަލީގެ މެދުފަންތީގެ އެ ކްލަބާ ވާސިލްވެވޭނެ އެންމެ މައްޗަކަށް ދެވުމުން، ގަސްޕެރީނީގެ މޯޓިވޭޝަން ދިޔައީ އެވެ. އޭނާ މިހާރު ވަނީ ރޯމާއާ އެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމައިފަ އެވެ.
އެގޮތަށް އެއްބަސްވެފައި އޮއްވާ ޔުވެންޓަސް އިން އޭނާ އަށް އޮފާކުރުމުން ގަސްޕެރީނީގެ ހިޔާލު ބަދަލުވާ ގޮތްވި ކަމަށް ވެސް ވެ އެވެ. އެންޓޯނިއޯ ކޮންޓޭ ނުލިވުމުން ޔުވެންޓަސް އިން ވަގުތުން ގަސްޕެރީނީ އަށް ގުޅީ އެވެ. އެ ކްލަބުގައި މަސައްކަތްކުރުމަކީ ގަސްޕެރީނީގެ ހުވަފެނެއް ކަމަށްވީ ނަމަވެސް، ފަހުން އޭނާ ނިންމީ އެއްބަސްވެފައިވާ ގޮތަށް ރޯމާއާ އެކު ކުރިއަށް ދިއުމަށެވެ.
ރޯމާއާ މިދިޔަ ނޮވެމްބަރު މަހު ހަވާލުވެ އެ ޓީމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިން ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ އަންނަ ސީޒަނުގައި ހުންނާނީ އެޑްވައިޒަރެއްގެ ގޮތުގަ އެވެ. ގަސްޕެރީނީ ގެންނަން ނިންމުމުގައި އޭނާގެ ދައުރު ބޮޑެވެ.
ރޯމާއާ ވާދަވެރި ލާޒިއޯ އިން ގެންނަން ނިންމި ސާރީ އެ ކްލަބުގެ ކޯޗުކަމުން އިސްތިއުފާ ދިނީ މީގެ ދޮޅު އަހަރު ކުރިންނެވެ. އޭގެ ފަހުން މަސައްކަތެއް ނެތި ހުރެފައި ސާރީ އެ ކްލަބަށް އެނބުރި އަންނަން ނިންމީ، ޓްރާންސްފާގެ ކަންކަމުގައި ބާރު ލިބޭ ގޮތަށެވެ.
ލާޒިއޯ އަށް މި ސީޒަނުގައި ކޯޗުކޮށްދިން މާކޯ ބަރޯނީ ވަކިވާން ނިންމީ ޔޫރަޕުގެ އެއްވެސް މުބާރާތަކަށް ކޮލިފައިކޮށްނުދެވުމުންނެވެ.
ސާރީ އަކީ ނަޕޯލީ އާއި ޔުވެންޓަސް' އަދި، އިންގްލެންޑުގެ ޗެލްސީއާ އެކު ކާމިޔާބު މަސައްކަތްތަކެއްކޮށްފައިވާ ކޯޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy