03 ޖޫން 2025 - 09:35
އެފްއޭއެމްގެ ފައިސާއިން އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތް ކަމަށް ތުހުމަތުކުރާ ދެ ޕެންޓްހައުސް އަކީ އޭނާގެ ތަނެއް ނޫން ކަމަށް ބުނެ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އޭނާ ވާހަކަ ދެއްކެވި ނަމަވެސް ދެ ޕެންޓްހައުސް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބައްސާމުކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާ އިން ބައްސާމް ސަސްޕެންޑްކޮށްފައިވާ މައްސަލަ އޭނާގެ ފަރާތުން (ކާސް) އަށް ހުށަހަޅާފައި ވާތީ ބޭއްވި އަޑުއެހުމެއްގައި ބައްސާމް ވަނީ އޭނާގެ ނަމުގައި އެފަދަ އެއްވެސް "ރިއަލް އެސްޓޭޓް ޕްރޮޕަޓީ" އެއް ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ބައްސާމް އެހެން ވިދާޅުވެ ވާހަކަ ދެއްކެވީ ދެ ޕެންޓްހައުސް އަށް މެއިންޓެނަންސް ފީ ނުދައްކައިގެން އޭނާގެ ނަން އަމިންގެ ލިސްޓެއްގައި އޮތް ކަމަށް ބުނެ ފީފާގެ ގާނޫނީ ޓީމުން، ސަސްޕެންޝަންގެ ދިފާއުގައި ވާހަކަ ދެއްކުމުންނެވެ. އެކަމަކު އެ ލިސްޓުގައި ބައްސާމްގެ ފުރިހަމަ ނަން ކަމަށްވާ "ބައްސާމް އަދީލް ޖަލީލް" ގެ ބަދަލުގައި "ބައްސާމް އަލީ" އޮތުމުން އެއީ ބައްސާމްކަމަށް ގާނޫނީ ގޮތުން ނުނިންމޭނެ ކަމަށް ބައްސާމްގެ ފަރާތުން އާބިޓްރޭޝަންގައި ބުންޏެވެ. އަދި ފަނޑިޔާރުން ވެސް އެގޮތަށް ބަލައިގަތެވެ.
ނަމަވެސް، އެ މައްސަލަ ނިމިފައިވަނީ ބައްސާމާ ދެކޮޅަށެވެ. ކާސް އިން ނިންމީ ފީފާ އިން ބައްސާމް ސަސްޕެންޑްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
އަޑުއެހުމުގައި "ރިއަލްއެސްޓޭޓް ޕްރޮޕަޓީ" އެއް އަމިއްލަ ނަމުގައި ނޯންނާނެ ކަމަށް ބައްސާމް ވިދާޅުވެފައި ވިޔަސް އަމިން ކޮންސްޓަކްޝަން އިން "އެޕާޓްމަންޓް ގަނެވިއްކުމުގެ އެއްބަސްވުން" ހަދާފައިވާ އޮތީ ބައްސާމްއާ އެކުގަ އެވެ. އެ އެއްބަސްވުމުގައި އަމިން އެވެނިއުގެ ބްލޮކް އޭގެ 1205އޭ އަދި 1206އޭ ގަތުމަށް އެއްބަސްވެ ބައްސާމް ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެ އެވެ. އަދި އެއްބަސްވުމުގައި ބައްސާމްގެ އައިޑީ ކާޑު ވެސް ހިމަނާފައިވެ އެވެ.
އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ނޯޓިސްތައް ފޮނުވާނެ ފަރާތެއްގެ ގޮތުގައި ވެސް އޮތީ ބައްސާމްގެ ނަމާއި އެޑްރެހެވެ.
މި ދެ ޕެންޓްހައުސް މައްސަލައިގެ ތަހުގީގުގެ ތެރެއިން ވަނީ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ. އަދި މި ދެ ތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހެޅީ ވެސް ބައްސާމްގެ ފަރާތުންނެވެ. ޕެންޓްހައުސް ހިފެހެއްޓުމުގެ އަމުރު ބައްސާމަށް ރައްދުވާ ގޮތަށް އޮތުމާއި އެތަން އަލުން ހޯދަން ބައްސާމް އިސްތިއުނާފަށް ދިއުމުން ވެސް އެ ތަންތަން ގާނޫނީ ބާރުވެރިކަން އޮތީ ބައްސާމަށް ކަން އެނގެ އެވެ.
މި މައްސަލައިގެ ތެރެއިން ބައްސާމާއި އަމިން އަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައި ވާއިރު ރިއަލްއެސްޓޭޓް ޕްރޮޕަޓީތައް ގަތުމަށް ފަހު ކޯޓު މެދުވެރިކޮށް މިލްކުވެރިކަން ސާބިތުނުކޮށް ބޭއްވުމަކީ މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ މީހުން ގާނޫނީ ގޮތުން ސަލާމަތްވާން ބޭނުންކުރާ އުކުޅެކެވެ.
ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ބައްސާމް މި ދެ އެެޕާޓްމަންޓް ގަތީ ކޮވިޑްގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ކުރިމަތިވި މާލީ ދަތިކަމުން އަރައިގަތުމަށް ފީފާއިން ދިން އެއް މިލިއަން ޑޮލަރުންނެވެ. ފުލުހުން ބުނީ އަމިން ކޮންސްޓްރަކްޝަނުން ތަރައްގީކޮށްފައިވާ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދެއްކުމަށް ފަހު އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ދައްކަން ލިޔެކިޔުންތަކެއް ހަދާފައިވާ ކަމަށެވެ. އެކަމަކު އެ ޑޮލަރަށްވާ ފައިސާ އެފްއޭއެމަށް ވަދެފައެއް ނުވެ އެވެ.
އެ ފައިސާ ލިބުނުކަމަށް ދެއްކުމަށްޓަކައި ކުންފުންޏަކުން އެފްއޭއެމަށް ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެޕާޓްމަންޓް ގަތުމަށް ދެއްކި އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމުން ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާ ކަމަށެވެ.
މި މައްސަލައިގައި ބައްސާމާއި އަމިންގެ މައްޗަށް ހިޔާނާތުގެ ދައުވާ އާއި އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާސި
03 June 2025
ދޮގުމައްޗަށް ދޮގު. ދޮގުމައްޗަށް ދޮގު. އެކަމަކުވެސް ވަރިހަމަ. ހަމައެއްކަމެއް ނުކުރެވޭ. ނިކަމެތިމީހަކަށްވެއްޖެނަމަ މައްސަލަ ނިމެންދެން ޖަލުގަ ބަންދުގަ. މިމަނިއްޕުޅަށް އުޅުއްވަންބޭނުންފުޅުގޮތަކަށް އެބައުޅުއްވެވޭ. ޒީރޯ ޓޮލަރަންސާއި ހަމަހަމަކުރެވޭނީ މިގޮތަށް. ޝުކުރިއްޔާ ވެރިން. ޝުކުރިއްޔާ ފުލުހުން. ޝުކުރިއްޔާ. ޝުކުރިއްޔާ. ޝުކުރިއްޔާ.
ޖެނީ.
03 June 2025
މީ 3 ނޮވެންބަރަށް ފަހު މިގައުމަށް ދިމާވި އެންމެ ބޮޑު އެއްވަބާ. އެފްއޭއެމަށް ވަދެ އެތަނުން ނޭއްޓޭން ނޭގުނު ގަދަކަމުން ބޭރުކުރަން ޖެހުނީ، ވަގުފައިސާދީފާ ޕެންޓްހައުސްއެއް ގަނެފައި މިހާރު މިބުނަނީ އެއީ ތިމަންނަގެ ނަމުގައި އޮތްތަނެއްނޫގޭ އެކަމަކު މީނަގެ ނަމުގައި އެގްރީމެންޓް. މިނާއާއި ހެދި ކިހާ ބޮޑު މުސީބާތެއް މިލައިގަތީ.
މައިކާލޯ
03 June 2025
ލަދެއް ހާޔާތެއް ނެތް ފިރިނެނުންވެސް ދުނިޔޭގައި އުޅޭ. އެކަމު މިވަރުކަމެއް ނުދެކެން. އާއިލާއަށްވެސް ހުތުރު. ގައުމަށްވެސް ހުތުރު.
ރިޕަބްލިކް އޮފް ޗޯރު
03 June 2025
މިގައުމުގެ ހުރިހާކަމެއް މީނައާއި އަދީބުގެ ސަބަބުން އެތައް އަހަރަށް ފަހަތައް ހިގައްޖެ. އަދިވެސް ދޮގު. ހުސްދޮގު. މޮޅެތި ޔުނިވާސިޓީތަކުން ޑިގްރީނަގައިގެން އައިސް ގައުމު ދިރުވަންވީމާ ގައިމުގެ ފައިސާކޮޅު ދިރުވާލަނީ. ކޯޗެއްތަ ޔުނިވާސިޓިން މިމީހުންނަށް ކިޔަވައިދެނީ.
ނަގިއްޔާ
03 June 2025
މަކަރާއި އޮޅުވާލުން. ވަގުން އިންތިހާއަށް ގިނަވެއްޖެ. ޓައިއަޅައިގެންވެސް ވައްކަން. ދޮގެއް ހެދެން އޮވެއްޖެއްޔާ ތެދެއްނަހަދާ. ކަޓެއްނުނަގާ ކަމެއް ކުރެވޭކަމެއް ނުވޭ. ކަމެއް ކުރަން ހަވާލުކޮށްފިއްޔާ ކަޓިން ކޯނާރސް. އެންޓިކޮރަޕްޝަނުގައި ޓައިއަޅައިގެން އުޅޭ ބޮޑެތި މީހުންގެ މައްސަލަ އެހާގިނަ. މިވަރުން ކިހިނެތް މިގައުމު ހަމަމަގަށް އަޅުވާނީ. ކޯޓުގައިވެސް ދޮގު ހަދަނީ.
ކުސަރަ
03 June 2025
މިފަދަ މީހުން ދުވަހެއްގެ ކޮޅުން ވެސް މިފަދަ އެއްވެސް މަޤާމަކަށް އަޔަދީގެން ނުވާނެ. ރާއްޖޭގެ ފުޓްބޯޅަ އަށާއި ޖުމްލަކޮށް މިއެޅުނީ ބޮޑުހިޔަންޏެއް - ބޭރުމީހުުން ކުރިމަތީގައި ރާއްޖެ މުޅިން ފަލީހަތް ވެއްޖެ!
ޒިންމާ
03 June 2025
މިކަމުގަ ޒިންމާ ވާންޖެހޭ ތިކިޔާ ގޯލްޑް ކައްޕި އައްސަދު، އަލީ އުމަރު، ޑޮކަށް ހެދިގެން އުޅޭ ސްޕޯޓްސް ފިޒިޝަން، ޝަވީދު. މިހިން ގޮސް ބައިވަރު. ދިވެހި ފުޓުބޯޅަ ހަލާކުކޮށްލި މީހުން
ާގައްޔޫމް
03 June 2025
އިންސާނާގެ ޖާހިލުކަން ވަކި ހިސާބަކަށް ދިޔައީމަ ލަދުހަޔާތް ނެތި ކުރައްވާނަ، މި ބުނީ ބައްސާމުގެ ވާހަކައެއް ނޫން އިނގޭ،
އިއްޕަޓޭ
03 June 2025
މިހާރުވެސް މީނަ ޕާޓީއަކަށް ސޮއިކޮށްފަ މެމްބަރުކަމަށް ކުރިމަތިލައިފިއްޔާ ބާރަށް އަތްޖަހަމުން ޖަހަމުންގޮސް ވޯޓުލާނެ މީހުން ހާހުން ގުނާލެވޭނެ.
ބަބުލް
03 June 2025
ދެން ބައްސާމު މިކަމުން ރެކެން އުޅެ ރެކެވިއްޖެއްޔާ ދެން މިގައުމުގަ ނުހުންނާނެ ކަމެއް ސަަބިތުވާނެ މީހެއް. ރަޮމާ ދުވާލު ބޭރުނއ ދިންހާ އެހީތަކެއް އަމިއްލަ އެކައުންޓަށް ގެނެސް ބޯހަރު އުމަރުއާ ދެމީހުންގެ އެކައުންޓްތަކަަށް ވައްދާފަ ހުރިކަން އެބަ އެނގޭ. ބޮޑެތި ގެ ގަނެފަ އެބަހުރި. މިނިސްޓަރު ފެންނަވު ވިޔަސް ނުވާނެ ވަރު ކޮށްފަ ހުރީ. ޖަލަށް ލާބަ ހަވާލުނުވާން އުޅެންޔާ. ކޯޓުތަކާ ޕޮލިސއ ކިހިނެއްވެފަތަ މި ތިބެނީ
ކައުންސެލަރު...
03 June 2025
ބައްސާމު ކަލޭގެ ލަދުކޮބާ؟