މާދަމާ އަރަފާތު ބިމަށް ހައްޖާޖީން ޖަމާވެ ޓެންޓުތަކުގައި ތިބެން ވަނީ އެދިފައި. -- ފޮޓޯ: އޭއެފްޕީ
04 ޖޫން 2025 - 07:38
ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް، ހައްޖު ދުވަހު ހައްޖާޖީން ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އެ ބަޔަކަށް ހާއްސަކޮށްފައިވާ ޓެންޓުތަކުގައި ތިބެން އިލްތިމާސްކޮށްފި އެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގު އަލް ރާބިއާ ވަނީ މިގޮތަށް އިރުޝާދު ދެއްވައިފަ އެވެ.
އަލް ރާބިއާ ވިދާޅުވީ މިއީ ހައްޖާޖީންގެ ސިއްހަތު ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަރަފާތު ދުވަހު، މައްކާގެ ބޭރުގައި އޮންނަ 70 މީޓަރު (230 ފޫޓު) އުސް އަރަފާތު ފަރުބަދަ އާއި އެ ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދަށް ޖަމާވެ އެތައް ގަޑިއިރެއްވަންދެން އެކި އަޅުކަމުގައި ދެމިތިބެ އެވެ.
"އަރަފާތު ދުވަހު ފަރުބަދަތަކަށް ނުވަތަ އުސް ތަންތަނަށް އެރުމަކީ ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ބަލިވެ، ހޫނުގެ ސަބަބުން ވަރުބަލިވުމުގެ ފުރުސަތު ބޮޑުވާ ކަމަކަށް ކަމަށްވާތީ، ފަރުބަދަތަކަށް ނުވަތަ އުސް ތަންތަނަށް ނާރަން އިލްތިމާސްކުރަން،" ހެލްތު މިނިސްޓްރީން އެސްޕީއޭ މެދުވެރިކޮށް ނެރުނު ވަކި އިއުލާނެއްގައި ބުނެފައިވެ އެވެ.
މާދަމާ ހައްޖާޖީން އަރަފާތު ޖަމާވާއިރު ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ހޫނުމިން 51.8 ޑިގްރީ ސެލްސިއަސް (125.2 ފެރެންހައިޓް) އަށް އުފުލުމުގެ ސަބަބުން ދިމާވީ ހާދިސާތަކުގައި 1،301 ހައްޖުވެރިން މަރުވި އެވެ. އެހެންވެ އެކަން ތަކުރާރުވިޔަ ނުދިނުމަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މިއަހަރު ކަމާބެހޭ އިދާރާތަކުން ވަނީ ހޫނު މަޑުކުރުމާއި ހޫނުގެ ސަބަބުން ދިމާވެދާނެ ކަންކަމަށް، ސަރުކާރުގެ 40 އަށްވުރެ ގިނަ އިދާރާތަކާއި 250،000 އޮފިޝަލުން ހިދުމަތަށް ނެރެފަ އެވެ.
ހިޔާކޮށްފައިވާ ސަރަހައްދުތައް މިފަހަރު 50،000 އަކަ މީޓަރު (12 އޭކަރު) އަށް ބޮޑުކޮށް، އިތުރު އެތައް ހާސް މެޑިކަލް މުވައްޒަފުން ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށާއި، 400 އަށް ވުރެ ގިނަ ކޫލިން ޔުނިޓް ބޭނުންކުރާނެ ކަމަށް އަލް ރާބިއާ މިދިޔަ ހަފުތާގައި އޭއެފްޕީއަށް ވިދާޅުވި އެވެ.
އާދީއްތަ ދުވަހާ ހަމައަށް 1.4 މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy