ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު.
16 ޖޫން 2025 - 15:08
ލާ މަރުކަޒީ ނިޒާމު މިހާރު އޮތީ ދައުލަތަށް މާލީ ބުރަ ބޮޑުވާ ގޮތަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ޕީއެންސީގެ މެމްބަރުން ތާއީދު ކުރެއްވިއިރު، އެ ގަރާރަށް އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މެމްބަރުން ހިޔާލު ހޯދުމަށް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ގޮތްތޯ އާންމުން ސުވާލުކުރާ ކަމަށެވެ.
ކައުންސިލަރުންނަށް އެތައް ހޭދައެއް ކުރިޔަސް، އެތަންތަނުގެ ސަބަބުން ފައިދާއެއް ކުރާތަން ނުފެންނަ ކަމަށް ބުނެ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުމަށް ޝުޖާއުގެ ގަރާރުގައި ހުށަހަޅާފައިވެ އެވެ.
އެކަމަކު ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ކައުންސިލަރުން މަދުކުރުމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ރަށެއްގައި ނިންމަން ޖެހޭ ކަންކަން ނިންމުމަށް ފަސް މެމްބަރުން ތިބުމަކީ ބަޔަކު އަޖައިބުވާން ޖެހޭ ވަރު ކަމެއް ނޫން ކަމަށާއި ކުދި ރަށްރަށުގައި ވެސް ކުރަން ބައިވަރު ކަންކަން އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަފޫރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ އިތުރުން ރަށްރަށުގައި ކުރަން މަސައްކަތްތައް ހުރެ އެވެ. އަދި 2024 ވަނަ އަހަރާ ހަމައަށް ކައުންސިލް މެމްބަރުންނަށް ލިބެނީ 12،000ރ. ގެ މުސާރައެއް ކަމަށާއި އެއީ ދައުލަތުގެ އެހެން އޮފީސްތަކާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުސާރަ ބޮޑުވެގެން ވާހަކަ ދައްކަނީ ނިޒާމު ފުނޑާލައި ބާރުތައް އަތަށް ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހަރަދު ބޮޑުވެގެން މި ދައްކަނީ އެ ވާހަކަ. މިއީ ނިޒާމުތައް ފުނޑާލައި ބާރުތައް އަތަށް ނެގުމަށްޓަކާ ހިންގަމުންދާ ސިލްސިލާ ޕްރޮގްރާމެއް. މިކަން ކުރަމުން އައި ސަރުކާރުތައް ފެނިއްޖެ. އޭގެން ކޮން ނަތީޖާއެއްތޯ ނެރެވުނީ،" އޭނާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވި ގޮތުގައި ކައުންސިލަރުންނަށް ކުރާ ހޭދައަށް ވުރެ ބޮޑު ހޭދައެއް މިހާރު ވެސް ސިޔާސީ މުވައްޒަފުންނަށް ސަރުކާރުން ކުރެ އެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވާ ކަމަށް ވިދާޅުވެ، އޭނާ ފާޑު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މެމްބަރު ޝުޖާއު ވިދާޅުވީ އެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައި ވަނީ އެ ނިޒާމު ތަޖުރިބާ ކޮށްފައި ކަމަށެވެ.
"ސިޓީސް މިނިސްޓްރީން ހެދި ސާވޭ އިން ދައްކާ ގޮތުގައި 98-99 އިންސައްތަ މީހުން އެބަ ތާއީދު ކުރޭ މި ނިޒާމަށް. މި ނިޒާމު ގޯސްވެގެނެއް އަޅުގަނޑުމެން ނުދައްކަން އެއްއިރަކު ވެސް... އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން، މި ނިޒާމު އުފެދުނީ މާލޭ މައި ސަރުކާރުން ރަށުގެ ވެރިން އައްޔަންކުރުން. އެއީ އޭ ގޯސްވުން،" އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިވަގުތު އުފައްދަން ޖެހޭ ސުވާލަކީ ރަށުގެ ރައްޔިތުން އައްޔަންކުރާނީ އެކަކުތޯ ނުވަތަ ދެ މީހުންތޯ އުފެދޭ ސުވާލު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުތަކުގައި އޮންނަ ސިވިލް އޮނިގަނޑު އިސްލާހު ނުކޮށް އެ ނިޒާމު އިސްލާހު ނުކުރެވޭނެ އެވެ. އަދި އިންތިހާބީ ކައުންސިލަރުންނަށް 325 މިލިއަން ރުފިޔާ އަދި ކައުންސިލުތަކުގައި ތިބޭ ސިވިލް މުވައްޒަފުންނަށް 975 މިލިއަނަށް ވުރެ ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް މިހާތަނަށް 15 އިސްލާހެއް ގެނެސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުވާލާ
17 June 2025
ބޭކާރު ބައެއް ތިޔަ ކައުންސިލް ތަކަކީ. ހަރުދަނާ އެއްވެސް ކަމެއް ނުކުރެވޭތާ ތީ ދައުލަތަަށް އޮތް ބޮޑު ބުރައެއް. ރައްޔިތުންގެ ފައިސާއިން ކުރާ ބޮޑު އިސްރާފެއް. ހެޔޮވަރުގެ ތައުލީމަކާ ތަޖުރިބާއެއް ނެތް، ވޯޓްން ހޮވާ ބަޔަކު ނެތަސް ރަށްރަަށް ހިންގޭނެ. ކައުންސިލްތައް މިހާރު ހީވަނީ ޕްރައިވެޓް ކުންފުނިތަކެއްހެން. އަހަރު ދެކޮޅު ރައްޔިތުންގެ ފައިސާއިން ޓީޝާޓް ބައި ހަދައިގެން ތިއްތި ދެއްކުންވެސް އިންތިހާވެފަ އޮތީ. އެއްވެސް ރަސްމީ ސިފައެއްވެސް ނެތް.
މަކަރުވެރިޔާ
17 June 2025
ކީއްކުރަން ބައިތިއްބާހާ ބައެއްބާވޭ މަހިތައް އަރާ ހަރާމުން ހަރާން ކުރާކަމެއް އަބަދުވެސް ދަތުރު ކުރުމުގަ އުޅެނީ ކާޕެޓް ސާޑުހެން ލޮލް
ބުޅާ ފެސިލިޓީ
17 June 2025
ބުޅާ ފެސިލިޓީ ހަދާ 30 ބުޅަލައް 50 ސިޔާސީ މަޤާމު، ކޮންމެ ރަށަކަށް ޔޫތު އޭ ކިޔާފަ 6 މީހުން ، ކޮންމެ ހެލްތު ސެންޓަރަކަށް ސިޔާސީ 2 މީހުން، ފެނަކަ އަށް ކެމްޕޭނު އިސކޮށް އުޅުނު 3 މީހުންނަށް މެނޭޖަރުކަން. ސަރުކާރުގެ ނިޔަތް ޚަރަދު ކުޑަކުރަން ހުރި ނަމަ މިގޮތައް އަމަލެއް ނުކުރާނެ، މި އުޅެނީ މަޖިލީސް ނައިބް ރައީސް ކެމްޕޭނުގަ އެދާއިރާގެ ރަށްރަށުގެ ކައުންސިލަރުން ސަޕޯޓް ނޮކޮށްގެން ފިލުވާލާ ޒާތީ ހަސަދައެއް.
ސިއްބަތް އަޒީޒް
17 June 2025
ހަމަ މަދުކުރަންވީ. އެއްވެސް ގޮތަކަށް ގިނަކޮށްގެން ނުވާނެ. ކުރާނެ ކަމެއް ނެތިވެފައި ތިބޭ ބަޔެއް.
ޢަޒްރާ
17 June 2025
ޚައުންސިލަރުން ބައިތިއްބާފަ ގަރުދިޔަ ކައްކަން އުޅޭ
ހަސަން ނިހާމް
17 June 2025
މިއަދު މިކަން މިކުރަނީ ރަނގަޅަށް. ހަމަ ހަގީގަތުގައިވެސް ލާމަރުކަޒީގެ ދަށުން މިހާ ގިނަ ކައުންސިލަރުން ތިބޭކަށް ނުޖެހޭ. މަދުކުރަން ޖެހޭ.
މުފިދު މުހައްމަދު
17 June 2025
އެމްޑީޕީ ގެ ލަދުކޮބާ؟ ލާމަރުކަޒީ އޭ ކިޔާފަ ހަމަ މުޅި ގައުމު ހަލާކުކޮށްލި މީހުން އެއީ.
ކޮން
17 June 2025
އާންމުން ދެކޭގޮތް ބެލުމަކީ އެއްވެސް މައްސަލައެއްނޫން. އެއީ ތި ނިޒާމަށް އެންމެ ރަނގަޅުގޮތަކީ
ލޭނާރު
17 June 2025
އެހެން މީހަކު ކުރާކަމެއް ތިމީހުންބަލާނެ ހުއްޓުވާލެވޭނެ ގޮތެއް އޮތްތޯ. ކިތަންމެ ވަރަކަށް ދެކޮޅެސް ކައުންސިލަރުން މަދުކުރަންޖެހޭ ތަންތަނުން މަދުކުރަން ޖެހޭނެ. ބޭކަަރު ތަންތަން އެބަހުރި. މައްލައެއް ބަލަން ނުލިބޭތާ އަހަރު ވެފައިހުރި ކޯޓުތައްވެސް އެބަހުރި. ޤާޟީން މަދުކުރަންވީ. މިސަރުކާރުން ދޭ މަސައްކަތެއްނެތް ވަޒީފާތައްވެސް ހުސްކުރަންވީ.
ޒައިކް23
17 June 2025
އަދި ތިޔަ އަތޮޅު ކައުންސިލޭ ތޮޔަ ކިޔަނީ 1000 ޕަސެބްޓު ބޭކާރު އިސްރާފު ތަނަކަށް.. ކުޅިވަރު މުބާރާތް ބާއްވައިގެން ޖަގަޑާ ހެދުމުމާ ތަޖުރިބާ ދަތުރު ދިއުން ނޫންކަމެއް ނުކުރޭ..އުވާލާފަ ސިވިލް މުވައްޒަފުން އަތޮޅުގެ އެހެން މުވަްސަސާތަކަށް ބަދަލު ކުރަންޖެހޭ..