ރައްޔިތުންގެ މަޖިލިސް: ފައިސާ ނުލިބެނީސް ޖީއެސްޓީ ދައްކަން ޖެހޭތީ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައި.
16 ޖޫން 2025 - 15:52
ވިއްކާ މުދަލަށް ނުވަތަ ދޭ ހިދުމަތަކަށްވާ ފައިސާ ނުލިބެނީސް، ވިޔަފާރިތަކުން ދައުލަތަށް ޖީއެސްޓީ ދައްކަން ޖެހޭތީ ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައިވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ އަންނަ ކަމަށެވެ.
އެ ގަރާރުގައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. ގައި ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށެވެ. އެގޮތަށް އޮތުމުގެ ސަބަބުން އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވި ނަމަވެސް އެ މުދަލެއްގެ ނުވަތަ ހިދުމަތުގެ އަގު ވިޔަފާރިތަކަށް ނުލިބި އޮތުމަކީ އާންމު ކަމަކަށްވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރުހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.
ގަރާރުގައި ވަނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އޭގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކޮށް އެތަންތަނަށް ހުށަހެޅިޔަސް، އެ އިންވޮއިސްތަކަށް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށެވެ. އަދި ފައިސާ ނުލިބިގެން ޓެކްސް ނުދައްކާ އޮތަސް އެ ވިޔަފާރިތަކަކީ ދައުލަތަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކެއް ކަމަށް ދައުލަތުން ކަނޑައަޅާ ކަމަށް އެ ގަރާރުގައިވެ އެވެ.
އޭގެ ސަބަބުން ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ވިޔަފާރިތަކާ މަސައްކަތް ހަވާލުކުރުން ހުއްޓާލުމަކީ ދައުލަތުން ހިންގާ އިގްތިސާދީ ޖަރީމާއެއް ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެހެންވެ، އެ ގަރާރުގައިވަނީ އޭގެ ސަބަބުން ވިޔަފާރިތައް ހުއްޓި، އެތައް ބައެއްގެ ވަޒީފާތައް ގެއްލި އަދި ރާއްޖޭގެ އިގްތިސާދު ހީނަރުވެ، މީހުންގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމަށް ފެންނާތީ، މަޖިލީހުގައި އެ މައްސަލާގައި ބަހުސް ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިހާމް އަލީ
17 June 2025
އެމްޑީޕީ ވެރިކަމުގައި ސުޕަރ މެޖޯރިޓީ އޮވެ ނުކުރި ކަމެއް ދެން ކީއްކުރަން ކުރަނީ. ތީ އިނގޭ ހަމަ ޖެއްސުމަށް ކުރާ ކަންކަން
ތުއްތޮންބެ
17 June 2025
އެމް.ޑީ.ޕީ އިން ދެން އިތުރަށް މަޖުލިސްތެރޭގަ ޑުރާމާކުޅުއްވަން ނޫޅުއްވާ.
ޝަހުމް އާދަމް
17 June 2025
އެމްޑީޕީގެ ޒައާމަތުގައި މިކަން ނުކުރީ ކީއްވެ؟ ދެން ކޮން ވާހަކައެއް ދައްކާކަށް؟
ފޯޅަވަހި
17 June 2025
މީރާއިން އަބަދުވެސް ބަލަނީ ވިޔަފާރިތަކަށް އިންޒާރުދީ އަދަބު ދޭން. ކުދި އަދި މެދު ފަންތީގެ ބައިވަރު ވިޔަފާރިތައް އިނދަޖެހި ފުނޑުމުގެ މައިގަނޑު ސަބަބަކީ މީރާ. ރިއަލިޓީއަކީ ރާއްޖޭގެ އިގުތިސޯދު ދާނީ ދަށަށް ވިޔަފާރިތައް ފުނޑޭ ވަރަކަށް. އެމެރިކާގެ ރައީސް އަދި ބިލިއަނަރު ޓުރަންޕު ބުނާ ގޮތުން ގައުމެއްގެ އިގުތިސޯދު ކުރިއަރާނީ ވިޔަފާރިތަކަށް ޓެކުސުން ލުއި ދީގެން! މި ކުޑަ ދޫނިރާއްޖޭގެ ރަސްގެފާނުގެ ވިސްނުން ހުރީ އޭގެ އަނެއް ކޮޅަށް.
ގެސްޓުހައުސް
17 June 2025
ސަރުކާރު ހިންގަނީ ސީދާ ވިޔަފާރިތަކުން ދައްކާ ޓެކުސުން. އާސަންދަ އެއްޗިސް ދެނީ ވެސް ރައްޔިތުންނާ ވިޔަފާރިތަކުން ސަރުކާރަށް ދައްކާ ޓެކުސް ފައިސާއިން. އެހެނަސް، ސަރުކާރާ ސަރުކާރުގެ ދަށުގައި އޮންނަ މީރާއިން ސިޔާސަތުތަކާ ގަވައިދުތައް ހަދަނީ ސީދާ ވިޔަފާރިތައް އިނދަޖައްސާ ފުނޑާލާ ޒާތަށް. ލުއި ދެވެން ހުއްޓަސް ލުއި ނުދިނުމާ، ލުއި ދިނުމުގައިވެސް ރިސޯޓު މަހުޖަނުންނާ އެހެން ވިޔަފާރިތައް ތަފާތުކުރުމާ، ނުލިބޭ ފައިސާއިން ޓެކުސް ދައްކަން މަޖުބޫރުކުރޭ.
މާލު
17 June 2025
ޖީއެސްޓީ އަކީ ވިޔަފާރިވެރިންގެ ޖީބުން ދައްކާ އެއްޗެއްނޫން، އެއީ ރައްޔިތު މީހާ ދައްކާ އެއްޗެއް، ވިޔަފާރި ވެރިޔާ އަކީ އެ ރައްޔިތުމީހާ އަތުން ނަގާ ދައުލަތަށް ރައްދުކުރާ މެދުވެރިޔާ، ކުއާޓާލި ޓެސްދައްކާ ވިޔަފާރިވެރިޔާ ރައްޔިތުމީހާ އަތުން ނަގާ ޓެކްސް 3 ނަސްވަންދެން އޭނާގެ ވިޔަފާރި ޓާންއޯވާ ތެރޭ އެބަގެންގުޅޭ މީވެސް ކިހާބޮޑު ފައިދާއެއް މިކަމުން ވިޔަފާރިވެރިޔާއަށް ލިބޭ
ނިލް
17 June 2025
ކަލޯ މާބޮޑަށް އެނގިފަ ތިހުރީ
ޓެކުސް ސަރުކާރު އައުޓް
17 June 2025
މާލު، ވިޔަފާރިތަކުން އެބުރަ މަސައްކަތް ނުކުރާނަމަ ތިބުނާ އެއްޗެއް ސަރުކާރަކަށް ނުލިބޭނެ ދޯ؟ އަނގަ އެއް އޮތީމަ ހާ ކުރާތި ކަލޭވެސް
ވިޔަފާރިވެރިޔަ
17 June 2025
ކިތަންމެ ވަރަކަށް ވިޔަފާރިތަކުން ދިޔަފެލައިގެން ޓެކުސް ނެގިޔަސް / ޓެކުސް ބޮޑުކުރިޔަސް އާއްމު މީހާއަށް ވާކަމެއް ހަރާން! އޭގެ ބަދަލުގައި އެފައިސާ ތަޅާ އެބުރުވަނީ 2000 އެތަކެއް ސިޔާސީންގެ މުސާރައާއި އެކަހަޔަ ސިޔާސީ ކަންކަމަށް. އޭން ކޮންމެ ސިޔާސީއެއްގެ މުސާރަ އެވްރެޖުކޮށް އުޅެނީ މަހަކު 35000 ރ ގައި. 50 ހާސް މަހަކު ލިބޭ ސިޔާސީން ވެސް އުޅޭ. އެއީ އަހަރަކު ބިލިއަން ބިލިއަން ރުފިޔާ. އަދި ކޮބަ ރިބަން ކެނޑުމާ ކަޑަޖެހުމުގެ ހަފުލާތަކާ ދަތުރުތަކުގެ ހަރަދުތައް؟
ސަރުކާރަށް ދައްކާ ޓެކުސް ފައިސާދަނީ ކަނޑަށްތަ؟
17 June 2025
މުއިއްޒު ވެރިކަމަށް އަރާ ޓެކުސް ބޮޑުކޮއްގެން ސަރުކާރަށް ލިބޭ އާމުދަނީ ބޮޑުވިއިރު އާއްމު ރައްޔިތުމީހާއަށް ރަނގަޅުވީ އެއްކަމެއްވެސް އެބައޮތްތޭ؟ ކުރިންސުރެ އެސްޓިއޯއިން ލިބުނު އާއްމު ބޭސްތައް ހުއްޓުމާ، ބޮޑެތި ސިއްހީ މައްސަލަތައް ދިމާވެގެން ސަލާން ޖަހާ މީހުންނާ ފަންޑު ފޮށި ބަހައްޓަން ޖެހުނު މީހުން ވީ އިތުރު، މަގުމަތީގައި ގިނަވެ ބިއްޖެހުނު ޒުވާނުންވީ އިތުރު!. ވަޒީފާނެތް ޒުވާނުން ވީ އިތުރު. އެއްޗިހީގެ އަގު ދިޔައީ މައްޗަށް. ޑޮލަރެއް މިހާރު 20 ރ އަށް!
ސުހާނާ
16 June 2025
މަސައްކަތްކުރުވާފައި ފައިސާ ނުދިނުމުގެ ކަންތައް އެންމެބޮޑަށް ހިންގަނީ ދައުލަތުގެ ތަންތަނުން .މިހާރުވެސް އަމިއްލަ ފަރާތްތައް ލައްވައި މަސައްކަތް ކުރުވާފައި އަހަރަށްވުރެ ގިނަ ދުވަސްވީ ބިލްތަކަށް އެތައް ބަޔަކަށް ފައިސާނުދީ ހުރިކަމަށް ބުނޭ. އެކަމަކު ބިލްހުށަހެޅި މީހުން ބިލް ހުށަހެޅުމާއެކު ޖީއެސްޓީ ދައްކަންޖެހޭ. މީރާއިން ހަދަންވީގޮތަކީ މަސައްކަތްކުރުވާފަރާތަށް ބިލް ލިބުމާއެކު މަސައްކަތްކުރުވާފަރާތުން އެބިލަށްވާ ޖީއެސްޓީ މީރާއަށް ދައްކަން އަންގަންވީ.
ވަޒީރު
17 June 2025
މަސައްކަތް ކުރުވާ ފަރާތާ ހިދުމަތް ހޯދާ ފަރާތްތަކުން ޖީއެސްޓީ ދައްކާ ގޮތައް ބަދަލުކުރަންވީ. މިހާރު ވާ ގޮތުން މަސައްކަތާ ހަވާލުވާ ފަރާތް ނުވަތަ ސާވިސް ދޭ ފަރާތުން އިންވޮއިސް ހަދާ ހިސާބުން ފައިސާ ލިބުނަސް ނުލިބުނަސް މީރާއަށް ޖީއެސްޓީ ގެ ގޮތުގައި ފައިސާ ދައްކަން ޖެހޭ. އިންވޮއިސް ހަދާ އެފޮނުވައިން އާދޭސް ދަންނަވާ ހެދިޔަސް ޕޭމަންޓު ނުލިބި އެތައް ވިޔަފާރިތަކެއް އިނދަޖެހިފަ ތިއްބާ އަނެއްކާ މީރާއިން ނުލިބޭ ރުފިޔާ ދައްކަން ޑިމާންޑްކުރަނީ.
މަންދީރު
16 June 2025
ވިޔަފާރިވެރިން މުއްސަދި އިތުރަށް ކުރެވޭނެ ގޮތެއް އޮތްތޯބަލާ...އެމްޕީން މިތިބެނީ އެމީހުންގެ ޕޮކެޓްގަ...ސަރުކާރާއި ސިޔާސީ މީހުން ޕޮކެޓްގަ...ދެންވާނީ މިހެންތާ....އާންމު ރައްޔިތުމީހާ ތަނަވަސްވެދާނެތީ ބިރުން ޖެމްކިއުއާހެދި ތެޅިބާލަނީ...
ކިޔާށޭ ބަލައިގެން
17 June 2025
އޭ އޭ. ނުލިބޭ ފައިސާ އިން މުއްސަދިވޭތަ؟؟ ފައިސާ ނުލިބޭ ވާހަކަ އެޔޮތީ. ނުލިބޭ ފައިސާއިން ޓެކުސް ދައްކަންޖެހޭ ވާހަކަ. އެންޑީޕީ އަށް ވުރެ މުއިއްޒު ގެ ކަންތައް ތިޔާކަމުގައި 100 ޕަސެންޓު ގޯސް
މަންދީރު ދެބަން ދިހާރުތޯ؟
17 June 2025
ވިޔަފާރިވެރިންނަކީ ރައްޔިތުންނެއް ނޫންތަ؟ ބޭފުޅާގެ ދަރިންނަށް ހިލޭ ތައުލީމު ލިބި، އާސަންދަ ލިބި، ބޭފުޅާ އާއިލާގެ މުސްކުޅިންނާ އެކަނިވެރި މައިންނަށް އިނާޔަތް އެދެނީ ވިޔަފާރިވެރިންނާ ރައްޔިތުން ދައްކާ ޓެކުސުން. ސަރުކާރުން އެއްވެސް ކޮއްގެން ހޯދާ ރުފިޔާއަކުން ނޫން. ވިޔަފާރިތަކުން ނަގާ ޓެކުސާ އެއްވަރަށް ސަރުކާރުން ހިދުމަތް ދޭބާ؟ ދެން ތިކިޔާ ސިޔާސީން އެތިބީ ސަރުކާރުގައި. އެމީހުންގެ ޕޮކެޓަށް އަޅާ ބައި ގިނަވީމަ ރައްޔިތުންނަށް ޓެކުސްގެ އަސްލު ފައިދާ ނުވޭ!
އައްބެ
16 June 2025
ފައިސާ ނުދައްކަނީސް ބޮޑެތި ގިނަ ވިޔަފާރިތަކުން ޓެކްސް އިންވޮއިސްއެއް ދުލެއްނުކުރޭ. އަހަރެންގެ ރީޓެއިލް ފިހާރައަށް ކުރެޑިޓަށް ގެންނަ މުދަލަށް ޓެކްސް އިންވޮއިސް ދޫކުރަނީ ފައިސާދެއްކާފައި އާދޭސްކޮށްގެން. ބައެއް ފަހަރު އިންވޮއިސް ނުލިބިގެން އިންޕުޓް ސްޓޭޓްމަންޓަށް ނުލެވޭ.