17 ޖޫން 2025 - 19:06
މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އަމިއްލަ މަސްލަހަތު އޮތް މައްސަލައެއްގައި، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ މެދު އެއްވެސް ވާހަކައެއް ދެއްކެވުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށް އެ ހާދިސާ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި، އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ގުޅުއްވި ކަމަށާއި އެއީ ދިރިއުޅުއްވާ ގެ ބަލައި ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ދަންނަވަން ކަމަށް އަމީން ވަނީ މީގެ ކުރިން އެއްބަސްވެވަޑައިގެންފަ އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެ ޓެރެސްގައި ކަމަށް އެ ކޮމިޝަނުން ދާދި ދެންމެ އަކު ނެރުނު ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓު އެއްވެސް ކަހަލަ ސެންސަރު ކުރުމެއް ނެތި އާންމު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ރައީސް އޮފީހުން ވަނީ ރިޕޯޓު އޮތް ގޮތަށް އާންމުކޮށްފަ އެވެ.
ޔުމްނުއާ އެއްކޮށް އެ ޓެރެސް މަތީގައި އުޅުނު މީހުންގެ ތެރޭގައި، މި ހާދިސާގައި އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ދާއޫދަކީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމީންގެ ޓީމުގައި ހިމެނޭ މީހެކެވެ.
މީގެ އިތުރުން، އަމީނަށް ބޮޑުބޭބެ ކިޔާ ދެ ކުއްޖަކު ވެސް އެ ޓެރެސް މަތީގައި ޔުމްނުއާ އެކު ޕާޓީ ކުރިކަން އެނގޭއިރު، މިއީ ފުލުހުންގެ ތަހުގީގުން ބަލަމުންދިޔަ ކަންކަން ކަމަށް ވާތީ، މި މައްސަލައާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ލައިވްކޮށް ކުރިއަށް ގެންދަނިކޮށް، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުމަކީ، އާންމު މީހެއްގެ ވިސްނުމުން ބެލިޔަސް، ބަލައިގަންނަން ދަތިކަމެއް ކަމުގައި ރިޔާސީ ކޮމިޝަނަށް ފެންނަ ކަމަށް ބުނެފައިވެ އެވެ.
"ނަމަވެސް، މިނިސްޓަރު މުހައްމަދު އަމީންގެ ފޯނު ކޯލުގެ ސަބަބުން އެކަމާ ގުޅިގެން، މި މައްސަލައިގެ ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް މި ކޮމިޝަނަށް ނުފެނެ އެވެ،" އެ ރިޕޯޓުގައި ބުންޏެވެ.
އަމީންގެ އިތުރުން، ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ ތަހުގީގަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނު ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭތީ އެކަން ހިނގައިދިޔަ ގޮތް ވެސް ކޮމިޝަނުން ތަހުގީގުކޮށް، ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ.
މިގޮތުން، އެ ހާދިސާ ހިނގި ކުށުގެ ވެއްޓަށް އިހުސާން ޒިޔާރަތް ކުރައްވައި، ފޮޓޯ ނަންގަވައި ސީން އޮތް ގޮތް ބެލުމުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، އެއީ ގާނޫނުއަސާސީގެ ދަށުން ވެސް އަދި ފުލުހުންގެ ގާނޫނުގެ ދަށުން ވެސް ހޯމްލޭންޑް މިނިސްޓަރުގެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ނުފެންނަ ކަމަށާއި ކުށުގެ ވެއްޓަށް ވަޑައިގެން، މައްސަލައެއްގައި ގާތުން މަސައްކަތް ކުރުމަށް އެކަމަށް ހާއްސަ އިޖުރާއަތުތަކެއް ކަނޑައެޅުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
ޔުމްނު ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ ރިޕޯޓުގައި އިތުރަށް ބުންޏެވެ.
ރިޕޯޓުގައި ބުނީ، ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށާއި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
އަދި އެ ރޭ ޔުމްނުއާ އެކު އުޅުނު ރައުދު، އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދީފައިވާތީ، އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ، ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.
ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
18 June 2025
މިސަރުކާރުގެ ސިޔާސީ މަގާމުތަކުގަ ކްރެޑިބިލިޓީ ހުރި އެކަކުވެސް އެބައުޅޭތަ؟. ބަލަދުއަރާތީ މަގާމުގަ!!!!!
ހަސަނު
18 June 2025
ތުހުމަތުކުރެވޭ މީހާގެ ފަރާތުން މިނިސްޓަރު ސީޕީއަށް ގުޅުން... ހޯމް މިނިސްޓަރު އިންވެސްޓިގޭޝަންގައި ބައިވެރިވުން.. މީ އެކުދިން މަގުމައްޗަށްނުކުމެ އެ ދައްކާ ވާހަކައަކީ.. މީ ވަރަށް ގޯސްކޮށް ހިނގާފާ ހުރި ކަންކަން... މި އެނގުނު ވަރުން މި އެނގޭ އެއްޗަކީ އަދި ނޭގޭ ލައްކަ ބައިވަރު ކަންކަން ފޮރުވާފައި ހުންނާނެކަން.. ފޮރުވަން އުޅުނުކަން.. ފޮރުވޭނެ ވަރުގެ ބަޔަރު އަމަލީ ގޮތުން މައްސަލާގައި އުޅުނުކަން.. އިތުބާރު ގެއްލިއްޖެ..
އ އަހްމަދު
18 June 2025
އަމީން ސީޕީއަށް ގުޅުން އޯކޭ ފަނޑިޔާރު މަހާޒް ކޯޓްގެ ގާޒީއަކަށް ގުޅުން ގޯސް މިދެންއަރަތެއްނު އަމީން ސީޕީއަށްގުޅީ ދެކޮށްކޮ ސަލާމަތްކުރަން އެނޫން އެއްވެސް ސަބަބެއްނެތް އެއީހަގީގަތަކީ ވަރަށްސާފު
ޓްރަލަލާ
18 June 2025
މީގަ މައްސަލައަކީ ތަހުގީގަށް އަސަރުކުރިތޯ އެއް ނޫން. މިނިސްޓަރެއްގެ އިންޓެގްރިޓީ މައްސަލައެއް މިއުޅެނީ. އެކަމަށް އޭނާ ޖަވާބުދާރީ ކުރުވެންޖެހެނީ. އޭނާގެ އަމަލު ގޯހީ. އޭނާއަށް އެހެން މީހަކަށް ނޫނީ ތަހުގީގަކަށް އަސަރު ފޯރުވުނުތޯ ބަލަން ނުޖެހޭ. އޭނަގެ މަގާމުގެ ގޮތުން އޭނާ ގެންގުޅެންޖެހޭ ޕަބްލިކް ސާވަންޓެއްގެ ސުލޫކީ މިންގަނޑުތަކާ އޭނާ ހިލާފުވީ. އެކަން ބަލާ. މިނިސްޓަރުންގެ ހުންނަންޖެހޭ ސުލޫކީ މިންގަނޑުތައް ބަލައި އެއާ އޭނާގެ އަމަލާ އަޅާކިޔާ!
ތެފައާސާ.
18 June 2025
އެކަމަކު އަޒްމިރަލްޑާ އެހެން މީހަކު މެދުވެރިކޮށް ފަނޑިޔާރަކަށް ގުޅިކަމަށް ތުހުމަތު ކުރެވުނު ހިސާބުން އޮތީ ނުފޫޒު ފޯރާފައި ދޯ؟ ގަދަ!!!!
ވާވާ
18 June 2025
ނެކްސްޓް ޖޯކް ޕްލީޒް!
ޝެލަރީ
18 June 2025
ނުނިދާ މީހާ ދެން ގެއްލުނު ކަނޑުވެސް ހޯދާދީ
ނޫރުﷲ އިސްމާއިލް
18 June 2025
އެއްވެސް މީހެއްގެ ދިފާއުގައި ނެތް ނުކުމެފައި. ކޮމިޝަންގެ ރިޕޯޓް ހަމަ ވަރަށް ފުރިހަމަ.
އަޝްމަލް
18 June 2025
ފަހުގެ ތާރީހެއްގައި ދުއް އެއްމެ ޓްރާންސްޕޭރެންޓް ރިޕޯޓް
ބަޑިތަކުރު
18 June 2025
ޕާޓީކުރުމާއި އެކަމުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރުންފަދަ ހުއްދަނޫން އެތައް ކަމެއް ކުރިކަން އެނގޭއިރު އެކަންކަން ބަލާކަށްވެސް ނުޖެހޭބާވައެވެ. މި މައްސަލައާ ގުޅިގެން ބަލައި ތަހުގީގު ކުރަން މިޖެހެނީ ހަމައެކަނި ވެއްޓުނު މީހާ ވެއްޓުނީތޯ ވައްޓާލީތޯ އެކަނިބާވައެވެ. ދެންހުރި ކަންކަމަކީ ބިރަކާ ނުލާ މަޖާކުރުމުގެ ސިޔާސަތުގެ ތެރޭގައި އެހެން ބަޔަކު ހުއްދަކޮށްފައިވާ ކަންކަމަށްވީހެން މިއަދުގެ ސަރުކާރުންވެސް އެކަން އެގޮތަށް ހުއްދަކުރަނީ ބާވައެވެ.