ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 މެއި 2025 - 09:51
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލަ ތަހުގީގުކުރަން ހެދި ރިޔާސީ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ކުރާ މުޒާހަރާގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ގޮވާލާތީ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް އިއްޔެ ޕްރެސް ކޮންފަރެންސްގައި ޖަވާބު ދެއްވަމުންނެވެ.
އެ މައްސަލައަށް އަމީން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއް ކުރިއަށް ދަނިކޮށް އޭރުގެ ކޮމިޝަނަ އޮފް ޕޮލިސް އަލީ ޝުޖާއުއަށް ގުޅުއްވިކަން ހާމަވެފައި ވެސް ވަނިކޮށެވެ.
އެހެންވެ، އަމީން މަގާމުން ވަކިކުރުމުގެ ވިސްނުން ގެންގުޅުއްވާތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މައްސަލައަކީ ފެށުނީއްސުރެ ވެސް ޝައްކު އުފެދޭ ކަންތައްތަކެއް ފެންމަތިވި މައްސަލައެއް ކަމަށެވެ. އެހެންވެ، އެއްވެސް ނުފޫޒެއް ނެތް ގޮތަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ވެސް މައްސަލައިގެ ހެކިތައް ހޯދައިގެން ބެލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ނިންމާ ކޮންމެ ގޮތަކަށް ވެސް އަމަލުކުރައްވާނެ އެވެ.
"މި ކޭސް ވަރަށް ޝައްކު އުފެދޭ ގޮތަކަށް ނޫންތޯ މިއަދާ ހަމައަށް ވެސް މި އައީ. އެހެންވީމާ އަޅުގަނޑު އެވަނީ ރިޔާސީ ކޮމިޝަނެއް މިކަން ބަލަން އެއްވެސް ނުފޫޒެއް ނެތި، ވަރަށް އޮބްޖެކްޓިވްލީ މުޅި މައްސަލައިގެ ހެކިތަކާއި ގަރީނާތަކާ ހޯދައިގެން ބަލަން އުފައްދާފައި،" ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް މިދިޔަ އަންގާރަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ނޯޓިސް ވެސް މަޖިލީހުން ވަނީ މިހާރު ފޮނުވައިފަ އެވެެ.
ހ. ފެންޓެނޯއީގެއަށް ވަނުމުގެ ކުރިން ޔުމްނުއާ އެކު އުޅުނު މީހުން ވަނީ މިނިސްޓަރު އަމީންގެ މއ. މާންދޫގެ ދެކުނުގެ ގައި ވެސް ގިނަ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.
އެ މައްސަލައިގައި މީގެ ކުރިން އަމީން ވިދާޅުވީ އެ ގެއަކީ އޭނާގެ އަަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށެވެ. އަދި ޔުމްނު ހިމެނޭހެން ބަޔަކު ގޮސް އެ ގޭގައި އުޅުނީ އަމީންގެ ބާރު ފޯރާ ތަނެއްގައި ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ޔުމްނު ވެއްޓުނު ރޭ އޭނާ ރާއްޖެއަކު ނޫޅުއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގަތަރުގެ ދޯހާގައި އޮތް ރަސްމީ ބައްދަލުވުމަކަށް ފަހު ރާއްޖެ ވަޑައިގަތީ އެ ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ.
ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަމީނަށް ކުރާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވާފައި ވާއިރު، ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން މާންދޫގޭ ދެކުނު ގެޔަށް ބަޔަކު ވަދެ ކުރި ކަންކަމާ ގުޅޭ ތަހުގީގަށް ބޭނުންވާ ސީސީޓީވީ ފުޓޭޖް ވަނީ ލިބޭ ގޮތް ނުވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެންވެ ބެލި އިރު ފުޓޭޖް ނެތް ކަމަށެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މާންދޫގޭ ދެކުނުގޭގެ ޓެރަސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
05 May 2025
ކޮމިޝަނުން ނިންމާނީ އޭނާ އަމިއްލައަށް ފުންމާލީކަމަށް.
އަލްޖިބްރރާ
04 May 2025
ފިރެހެން ކުއްޖާއާއި އާއިލީ ގޮތުން ގުޅުންހުރި ފަރާތެއް ފުރަތަމަވެސް ތިޔަ ކޮމިޝަނަށް ލުމުން ރިޕޯރޓް އަންނާނެގޮތް ވަރަށްބޮޑަށް ސާފުވޭ. މަކަރުވެރިންނާއި ހީލަތްތެރިން ކޮންމެވެސް ދުވަހަކުން ފަޅާއަރާނެ. އެދުވަހުންވެސް އެމީހުން ބުނާނީ ތިޔައީ ތިމަންނަ ބުނި ބަހެއް ނޫނޭ.
ބަބްސް
04 May 2025
ފުލުހުންނަށް ބަޔަކު ނުފޫޒް ފޯރުވިކަމާ ، ފުލުހުން އަވަސް އަވަހަށް މިމައްސަލަ މަތިއަޅަން މަސަތްކަތް ކުރިކަން ވަނީ ވަރަށް ސާފުކޮށް އިނގިފަ. މިބަލަނީ މަހެއްހާ ދުަވަސް ތެރޭ ތިކޮމިޝަނުން ތިމައްސަލަ ބަލާ ނިންމާނެ ކަމަށް. ފުލުހުންގެ މުއައްސަސާ އަކީ އެއްވެސް ވެރިޔަކަށް ސާފު ނުކުރެވުނު ތަނެއް. 2012 ގެ ފަހުން އެމީހުން ވަނީ ބިރު ކެނޑިފަ. ގެންގުޅެން ޖެހެނީ ރަންއިލޮށިން ކަދުރު ކާންދީގެން.
ދޮން ބެއްޔާ
04 May 2025
ކަމާއި ބެހޭ އިދާރާ ތަކުގެ ނުކުޅެދުން ތެރިކަމުން ދޯ ކަމިޝަނެއް ހަދަން ޖެހުނީ! އެކަމަކު އެމީހުންނަށް އެންމެ 1 އެއް ހާސް ޑޮލަރު ހަމަނުވާވަރުގެ އެތި ކޮޅެއްދީގެން ވާނީ ކަރަފުޝަނަށް ދޮރެއް ހުޅުވުން ދޯ! އެހެންވީމާ މައްސަލަ ނިމޭނެ ގޮތް ވަރަށް ސާފު
ޒަވިޔަނި
04 May 2025
ނުކުރާނެ އެއްކަމެއްވެސް. ބޮޑެތި އަދަދުން ފައިސާދީފަ ނުން އެތިބީ. ތި ނިމުނީ ތިހިސާބުން. މީ މިރާއްޖޭގެ ކަންހިގާގޮތް.
ކުސުރި
04 May 2025
ކުރީ ރައީސުން ތިގޮތައް ކަންކަން ކޮށްފަ ހުއްޓަސް މިރައީސް އެހެންހައްދަވާނޭ ހީކުރުމަކީ ވަރަށް ބޮޑު ކުށްހީއެއް
ގެދާނޯމޮސް
04 May 2025
ކޮމިޝަނުން އެގޭގެ ހުރިހާ ސީސީޓީވީ ފްޓޭޖްތަށް އާންމުންނަށް ނުދެއްކިއްޖެނަމަ ތިޔަ އިނާޔަތް ތަކަކަކީ ކޮރަޕްޝަނަށް މަނިކުފާނު ޑިގިޓަލް ކުރައްވާ ފުރަތަމަ ސްޓެޕެވެ.
ގެދާނޯމޮސް
04 May 2025
ތިޔަކޮމިޝަނެކޭ ރައީސްއަށް ދަންނަވާ ސިޓީއެކޭ ޖެހޭނީހަމަ އެއްތާކުއެވެ.! ގާނޫނާއި ގަވައިދާވެސް ޚިލާފަށް ޖެންޑާމިނިސްޓްރީ ތެރޭގައި ހިންގާ ކަމެއް ރައީސް އަށް ލިޔުއްވީމާ އެކަން ބަލަން ސިޓީ އަނބުރާ ފޮނުވާލަނީ ވެސް ހަމައެތާކަށެވެ! ހެހޭ! މިގޮތަށް ކޮމިޝަނުން ޕޮލިހުގެ އިހްމާލެއް އޮތްތޯ ބަލަންވެސް ޕޮލިސްއިންޓިގްރިޓީ އަށް ފޮނުވީމާ އެކަން ބަލާނީ އިހްމާލްވި މީހުންނާ ގުޅިގެން ނެވެ. އެލަވަންސް އިންކުރާ ފައިދާނޫން ކަމެއްކޮމިޝަނަށް ލިބިގެން ނުވޭ : ސާބަސް !
ހައްޖަ.
04 May 2025
ތި ރިޕޯރޓް ނިމޭނީ މަތީފަރާތުން އަން ގަވާ ގޮތަށް .
ޢަލްޓިކޯ
04 May 2025
ޕޮލިހުން މަތިޖަހަން އުޅޭ ކަމެއްގަ އެމީހުން ކައިރީގަ އަހަން 5000 15000 ދެމެދު މުސާރަދީގެން 6 މީހުން މޭޒެއްގެ ދަށުގަ ބޭންދީމަ އެވީތަ ތިބުނާ ކޮމިށަނަކަށް އެމީހުން ކުރާކަމެއް ކުރެވޭނެ ކަމެއްވެސް ނޫސް ވެރިންނަށް އަދި އަދަށް ދާދެންނުބުނެވުނު ކޮބާ ބޭނުމެއް
ޗޫޤީ
04 May 2025
އެއީ ވަރަށް ފާޑެއްގެ ކޮމިސަނެއް. އެކޮމިސަނުން ނިންމަފާނެ މަނިކުފާނު އިސްތިއުފާ ދިނުމަކީ ބުއްދިވެރި ކަމެއްކަމަށްވެސް. ކޮމިސަނާމެދު ވަރަށް ސަމާލުވާންވާނެ އެހެންވީމަ.