އައްޑޫގެ ޑްރަގް ނެޓްވޯކް އަތުލައިގަންނަ އޮޕަރޭޝަންގައި އެންމެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރި ނަޒީފް
06 ޑިސެމްބަރ 2025 - 09:26
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުރާ ތަންތަނާއި މީހުން ހޯދުމަށް މިހާރު ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ފުލުހުން ބުނީ އެ 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒު ކޮށްގެން ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އިއްޔެ ކޯޓަށް ހާޒިރުކުރި ކަމަށް ފުލުހުން ބުންޏެވެ.
އެއީ ސ. ހިތަދޫ، ގުލްކަނދުގޭ، ހަސަން ނަޒީފް، 36، އެވެ. ތަހުގީގުގެ ބޭނުމަށް އޭނާ އިތުރު ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައްޑޫގެ ޑްރަގް ބޮޑުން ހޯދުމަށް ފުލުހުން ފެށި އޮޕަރޭޝަންގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އިއްޔެ ރޭ ވަނީ އާންމުކޮށްފަ އެވެ. އެ އެންމެން ވެސް ނިސްބަތް ވަނީ އައްޑޫގައި އެންމެ އާބާދީ ބޮޑު އަދި މަސްތުވާތަކެތީގެ މައްސަލަ ހައްދުން ނެއްޓިފައިވާ ހިތަދުއަށެވެ.
އެއީ:
1- އަލީ ނަދީމް، 30، ކޮންމުލި، ސ. ހިތަދޫ
2- ހާފިޒު ފައުޒީ، 31، ފަލާހް، ސ. ހިތަދޫ
3- އިބްރާހިމް ސިރާޖު، 43، ވެޔޮފެހެބުރުގެ، ސ. ހިތަދޫ
4- ހަސަން އަލްފާފް، 28، ދޮރުފޮތިމާގެ، ސ. ހިތަދޫ
5- އަމީން މުހައްމަދު، 23، ކެކުރިމާގެ، ސ. ހިތަދޫ
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ.
އެ އެންމެންނަކީ ވެސް ހިތަދޫ "މައިލޯ" ގުރޫޕަށް ނިސްބަތްވާ މީހުން ކަމަށް ވާއިރު އެންމެ އިސް މީހަކީ ނަދީމް ކަމަށް ވެ އެވެ.
ފުލުހުން ބުނީ، އެ ފަސް މީހުން ހިމެނޭ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު ފެށީ މި އަހަރުގެ މާޗު މަހުން ފެށިގެން ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި، އެ މީހަކު މަރުވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް ބަދަލުކުރަން ވެސް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަކީ
06 December 2025
ޙެހެ ހަސަން ނަޒީފު ވަޒީފާ އަދާކުރަނީ ހިތަދޫ ޕޯޓްގަ ހުސްމިކަހަލަ މީހުންނަށް ވަޒީފާ ދީފަހުރީ ހެހެ މިސަރުކާރުގެ ވަރަށް މަތީ މީހުންނާ ގުޅުން އޮންނަ އެހާމެ ބާރުގަ އުޅޭމީހެއް ނުކެރޭނެ ހައްޔަރުކުރާކަށް
ކޮރަލް
06 December 2025
ރެޑް ހޭންޑް ކޮށް ފުލުހުން ހައްޔަރު ކޮށް ކޯޓް އަށް ގެންގޮސް ދޫކުރާ ގާޒީން ގެ މައްސަލަ ސީރިއަސް ކޮށް ބަލަން ޖެހެ އެވެ. ވަޒީފާ އިން ވަކި ކޮށްފަ ވެސް މައްސަލަ ބަލަން ޖެހެ އެވެ. ޑްރަގް މައްސަލަ އަކީ ގައުމީ ސަލާމަތައް ނުރައްކާ އޮތް މައްސަލަ އެކެވެ. މުޖުތަމައު އަށް ނުރައްކާ ވެފަ އޮތް މައްސަލަ އެކެވެ.
އެމްސް
06 December 2025
ދެކޮޅުޖެހޭ އާމްދަނީގެ ހުރިހާ ވަޒީފާތަކެއް ބޭރުމީހުނަށް ޚާއްސަ ޤައުމެއްގަ، އެތަނެއްގެ ރަޢިއްޔަތުންނަށް އޮންނާނީވެސް ގޭންގް ހިންގުމާއި ޑްރަގް ވިއްކުމެއް ނޫންތޯއެވެ!
ޔެމްސް
06 December 2025
ބޭރު މީހުންނަށް ހާއްސަ ވަޒީފާއެއް ނޯވޭ! ދިވެހިން ކަންނެތްކަމުންނާއި ފޮނިބޮޑު ކަމުން ކުރަން ބޭނުން ނުވާ ވަޒީފާ އެމީހުން އަދާކުރަނީ! ދެން ބަނޑަށް މަރުވިއަސް ނުޖެހޭ ގޭންގަކާގުޅިގެން ޑުރަގު ވިއްކާކަށް! ތިކަހަލަ އިޔަހޫދު ވިސްނުމާހެދި ގައުމު ހަލާކު މިވަނީ!
ކުޑަ އަލީ
06 December 2025
ޑްރަގް ކާޓެލް ތަކާއި ކުޅުމަކީ އުނދަގޫ ކަމަކަސް ވިއަސް އެއީ ނުވާނެ ކަމެއް ނޫން. ދުނިޔެ ދުއް އެންމެ ވަރުގަދަ، އެންމެ އަނިޔާވެރި އެއް ޑްރަގު ޓްރެފިކަރ ޕަބްލޯ އެސްކޮބާ ވެސް ހަމަބިމަށް ތިރިކުރެވުނު. މިމީހުންގެ ލިކް އޮވޭ ސަރުކާރުތަކުގެ ވެރިންނާ ހަމައިގައި. އެހެންކަމުން ކުރަން ފަސޭހަ ކަމެއްނޫން.