އައްޑޫގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ ނަދީމް.
18 ޑިސެމްބަރ 2025 - 08:09
އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދު ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ ނަދީމް މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ތަހުގީގުގެ ބޭނުމަށް އޭނާ 30 ދުވަހަށް ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރި އެވެ.
އެ އަމުރުގެ މައްސަލަ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހައްޔަރުކުރުމާ ހަމައަށް ހުރި ނަދީމްގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު ހައި ކޯޓަށް ހުށަހެޅިއިރު، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
އައްޑޫ ހިތަދޫގެ ޑްރަގް ބޮޑުން
އޮޕަރޭޝަން އަލިމަގުގެ ދަށުން ހިންގި އޮޕަރޭޝަންގައި ނަދީމްގެ އިތުރުން އެހެން ހަތަރު މީހަކު ވެސް އައްޑޫން ހައްޔަރުކުރި އެވެ. އެއީ ސ. ހިތަދޫ، ފަލާހު، ހާފިޒު ފައުޒީ، 31 އާއި ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހިމް ސިރާޖު، 43 އާއި ސ. ހިތަދޫ، ދޮރުފޮތިމާގެ، ހަސަން އަލްފާފް، 28 އަދި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުހައްމަދު، 23 އެވެ.
ފުލުހުން ބުނީ، ފަސް މީހުން ހިމެނޭ އެ "ނެޓްވޯކް" ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގު މިދިޔަ މާޗު މަހު ފަށާފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް" ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިންނަ
18 December 2025
ހައިކޯޓުގެ ގާޒީން ބަދަލު ކުރާނެ. އިންސާފު ވެރިިންނަކަށް މި ގައުމުގައި ފުުރުސަތެއް ނެތް.
މައިލޯބޯ
18 December 2025
ތިފަދަ މުޖުރިމުން މުޖުތަމައު ތެރެއަށް ދޫވެވިގެން ނުވާނެ.
ބާލިދީ
18 December 2025
" ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް" ... ގޭނގް ތަކުގެ ލީޑަރުންނަށް ބޮޑެތި މަގާމުތަށް ދީފައި.
އަންދަލޫސިޔާ
18 December 2025
ކަމެއް ނުކުރާ މީހުން އެކައުންޓްގައި 19 މިލިޔަން ރުފިޔާ ދައުރުކުރީމައި ވެސް ބޭންކުތަކާ އެމްއެމްއޭ ނިދާފަ؟