އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ނަދީމް (މައިލޯ ނަދަމާ) ބަންދުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ބަދަލުކޮށް، އެ މައްސަލާގެ އިސްތިއުނާފް އަޑުއެހުން މިއަދު ފަށައިފި އެވެ.
ނަދީމާއި އިތުރު ބަޔަކު މިދިޔަ މަހު ހައްޔަރުކުރީ 2017 ވަނަ އަހަރުން ފެށިގެން އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތައް މިލިއަން ރުފިޔާއެއް ދައުރުކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ނަދީމްގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ހިތަދޫ ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.
ނަދީމް ބަންދުކުރަން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފްކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ކުރިން ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް އެ މައްސަލަ މިހާރު ބަލައިގަނެ، އެ މައްސަލާގެ އަޑުއެހުން ހައި ކޯޓުގައި މިއަދު ވަނީ ފަށައިފަ އެވެ.
ހައި ކޯޓުގެ ގަވާއިދު އޮންނަ ގޮތުން އެ ކޯޓުގެ ރަޖިސްޓްރާ މައްސަލައެއް ބަލައިނުގަތުމަށް ނިންމައިފި ނަމަ އެ ނިންމުން ބަދަލު ކުރެވޭނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.
ނަދީމްގެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އެ ކޯޓު ހިންގުމާ މިހާރު ހަވާލުވެ ހުންނެވި ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރެވެ.
ނަދީމް ހައްޔަރު ކުރުމާ ހަމައަށް އޭނާ ހުރީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.