ރައުދު އަދި އޭނާގެ ބޭބެ ދާއޫދު: ތަހުގީގަށް ދޮގު ބަޔާން ދީފައިވާ ކަމަށް ކޮމިޝަނުން ބުނި
17 ޖޫން 2025 - 20:00
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ދާއޫދު އަހްމަދު ދީފައިވަނީ ދޮގު ބަޔާނެއް ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް އޭނާ ގުޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ދާއޫދަކީ، ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ޔުމްނުއާ އެކު އެ ރޭ އުޅުނު ފިރިހެން މީހާ ކަމަށްވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ. އެ ހާދިސާ ހިނގައި، އެ މައްސަލައިގެ ތަހުގީގާ މެދު އާންމުން ސުވާލު އުފައްދަމުންދަނިކޮށް ރައީސް އޮފީހުގެ މަގާމުން ދާއޫދު ސަސްޕެންޑްކުރި އެވެ.
ފުލުހުންގެ ތަހުގީގަށް ދާއޫދު ނުފޫޒު ފޯރުވާފައިވާ ކަމަށް އޭރު ބޭއްވި އެއްވުންތަކުގައި ތުހުމަތުކޮށްފައިވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދާއޫދު ވެސް ވަނީ ބަޔާން ދީފަ އެވެ. އޭނާ ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށާއި ޔުމްނު ވެއްޓުމާ ގުޅޭ އެއްވެސް ވާހަކައެއް ރައުދު އޭނާ ކައިރީގައި ބުނެފައިނުވާ ކަމަށެވެ.
ނަމަވެސް، ހާދިސާ ހިނގި ދުވަހުގެ އެކި ވަގުތުތަކުގައި ހޯމް މިނިސްޓަރު އިހުސާންއާ ދާއޫދޫ މުއާމަލާތުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޝަނުން މިއަދު ނެރުނު ރިޕޯޓްގައި ބުންޏެވެ. އަދި، ހާދިސާއަަށް ފަހު ރައުދު ގެއަށް ގެނައުމުން އޭނާ ބަލައި ފޭބީ ދާއޫދު ކަމަަށް ވެސް ރިޕޯޓްގައިވެ އެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނީ ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ދާއޫދާއި އެ ދުވަހު ރައުދުއާ ދިމާވި ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަމަށާއި އެހެންވެ އެމީހުން ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. ޔުމްނު ވެއްޓުނު ފަހުން އޭނާ ހޯދަން ރައުދު މަސައްކަތްކޮށްފައިވާ ކަން ފުޓޭޖުތަކުން އެނގޭ ކަމަށާއި ނަމަވެސް، އޭގެ ފަހުން ދާއޫދާއި އޭނާގެ ރައްޓެހިންނާ ރައުދު ދިމާވި ފަހުން އެ ރޭގެ އެއްވެސް ކަމެއް ހަނދާން ނެތް ކަމަށް ރައުދު ބުނަމުން ގޮސްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ރިޕޯޓްގައި ބުނީ ހާދިސާއަށް ފަހު ރައުދު، ދާއޫދާ ބައްދަލުވެ ވާހަކަ ދައްކާފައިވާއިރު، ޔުމްނުގެ ވާހަކަ ވެސް ދައްކާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް، އެކަން އިދާރާތަކަށް އަންގާފައިނެތް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޔުމްނު ފުރާޅުމައްޗަށް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ނުލިބި އޮންނަން ޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުންޏެވެ.
އެހެންވެ، ރައުދުއާ އެއްވަރަށް އެކަން ކަމާ ބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދާއި ރައްޓެހިންގެ ބައިވެރިވުން ހިމެނޭކަމަށް ފެންނާތީ، އެ ކަން އިދާރާތަކުން އިތުރަށް ތަހުގީގު ކުރަން ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިއަދު ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށެވެ. އަދި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދިނެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.
ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ.
ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
19 June 2025
ޙޫމް.
ޢަބްޑޫޅް +
19 June 2025
އޭތް، މިއީ އެއްކަލަ، ތުއްތު ދޮންބެޔާ ތިމާގެ ބަޔަކޭ ބުނާ އަޑު އެބަ އިވޭ. އެއީ ތެދެއްބާވަ؟
ޒަރީރު
18 June 2025
މާލޭގެ ޢިއްޒަތްތެރިންގެ ދަރިން އުޅޭ ގޮތް މީ. ކީއްކުރާނީ. އެ އިއްޒަތްތެރިން މި ގައުމުގަ އެންމެ ގަދަރުވެރިންނަކީ
ޢަބްޑޫޅް +
19 June 2025
ގަދަރުވެރީންނަށް ވަނީ ގަދަރު ކުރީމަޔޭ. އަހުރެން ގަދަރެއް ނުކުރަން. ނުވެސް ކުރާނަން.
ލޮލްބެ
18 June 2025
ތި ކޮމިޝަންގެ މުޅި ރިޕޯޓްގައިވެސް ތިއޮތީ އެކައްޗެއްވެސް ނޭނގޭކަމަށް. އޭނަ ބުނިއެތި މީނަބުނިއެތި.
ޔުމްނު
18 June 2025
ވެއިޓިންގ ފޯ ޔުމްނުސް އާއިލާސް ޑްރާމާ
އުސޫލު
18 June 2025
މަތީ މަގާމުތަކުގެ މީހުން ކަންކަން ކުރާނީ ހެޔޮކޮށްތާ
އަހައްމަދޫ
18 June 2025
2 ވެރީ ހޭންޑްސަމް ބޯޔީސް. ދުއާ އަކީ އިސްލާހްވެގެން ގައުމުގެ ޚިދުމަތަށް ނިކުތުން.
ޙަަން
18 June 2025
ޙޫމ ކަލޭ މިތާވެސް ހޭންޑްސަމް ކިޔާ. ރާއްޖޭގަ މިވައްތަރުގެ ފިރިހެނުންވެސް ހާދަ ގިނައޭ
އަހަދު.
19 June 2025
ބޭރަށް ފެންނަނީ ހޭންޑްސަމް ކޮށް. އެކަމަކު ހިތަކީ ވަރަށް ޖަނަވާރު އެއްޗެއްކަން އަމަލުން އެގިހާމަވޭ.
ހައްނާން
18 June 2025
މިއީ އެމްޑީޕީގެ ވެރިކަމެއްގައި ހިނގި ކަމެއްނަމަ ދާއޫދަކަސް ހުންނާނީ ހަމަ ގަދަކޮށް ވަޒީފާގައި. އަދި ދައުލަތުންވެސް އޭނަ ދިފާއުކުރަން މިނިސްޓަރުންނަށް ދަންދެންވެސް އުޅޭނެ.
އާޝޯހު
18 June 2025
މިހާރު އޭނާ އޮތީ ޖަލުގޮޅީގަތަ؟
ނިއުޝާދްް
18 June 2025
މޫނަކަށް ކަނދުރާއަކަށް ރައީސް މުއިއްޒު ނުބައްލަވާނެ. މިއީ އަހަރެމެން ބޭނުންވާކަހަލަ ވެރިން.
އަރްޔާންް
18 June 2025
މީގަ ދާއޫދް ކަންކުރީ އެ މަގާމްގެ ހައިސިއްޔަތުން ކަންކޮށްގެންވާނެ ގޮތަކަށް ނޫން. މިކަމުގެ ފުރިހަމަ ޒިންމާ ނަގާ އޭނައަށް އަދަބު ދޭންޖެހޭ.