ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މެއި 2025 - 16:26
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފެއިލް ކޮށްލައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.
އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
އޭނާ ވަނީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އިތުބާތު ނެތްކަމުގެ މައްސަލާގައިވާ ގޮތުން އެ ހާދިސާގައި އަމީންގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައިކަން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް، ފުލުހުން އެ މައްސަލައިގައި މައުލޫމާތު އާންމުކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރުކޮށްފައިވާ ކަމަށް މައްސަލައިގައިވެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލާގައިވާ ގޮތުން، މައްސަލައިގައި ހިމެނޭ އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން ބަރީއަކުރުމަށް މިނިސްޓަރު އަމީން ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވާފައިވާކަން އެ ކަންކަމުން ހާމަވާ ކަމަށެވެ.
އަދި އެއީ މިނިސްޓަރުގެ ހައިސިއްޔަތުން ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަމަށް ވެފައި މިނިސްޓަރު އަމީން ގާނޫނާ ހިލާފުވެފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
އަމީން ވަނީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކޮށްފައިވާ އެއްވެސް ތުހުމަތެއްގައި ޒައްރެއްގެ މިންވަރު ވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އަމީން ވިދާޅުވީ މައްސަލައާ ގުޅިގެން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި ފޯރުވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވާއިރު، އެއީ ކޮން ނުފޫޒެއް ކަމެއް ވެސް ބުނެދެވިފައިނުވާ ކަމަށެވެ.
އަމީން ވިދާޅުވީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާގެ އާއިލާ މީހަކާ ގުޅުމެއް އޮތް ކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، އޭނާ ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ އޭނާގެ ދަރިއެއް، އަންބެއް ނުވަތަ މައިންބަފައިން ނޫން ކަމަށާއި އެއީ އަމިއްލަ ޒިންމާ ނެގޭ ވަރުގެ މީހުން ކަމަށް އަމީން ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް މިހާރު ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެ ގެ ފުލުހުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަލައި ފާސްކޮށްފައި ވާއިރު އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު އަމީންއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.
ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދުގައި ކޮންމެ ރެޔަކު ސިލްސިލާ އެއްވުންތައް ބާއްވަމުންދާއިރު، އަމީންގެ އިސްތިއުފާއަކީ އެ އެއްވުމުގެ ބައިވެރިންގެ ޑިމާންޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
#މޑޕވެސް ކުރި
16 May 2025
ބަލަ ކޯޓު އަމުރު ހޯދަން ޖެހެނީ ހަމައެކަނި ޕޮލިސް ކޮމިޝަނާ ނުދަންނަގެއަކަށް ވަންނަންޖޭހޭތީއެއް ނޫނޭ! އަދި އަމީންގެ އަމިއްލަ ގެއެއްވެސް ނޫނެއްނު، ތިމާގެ ދެންތިބި ބެއިންނައްވެސް ތިގޭގެ ކަންކަމުގާ ގޮތް ކިޔޭނެނު؟
ތަރިކަ މުދާ
15 May 2025
މިނސްޓްރީތަކާ، ޓެނިސްކޯޓުތަކާ، ރިސޯޓުތަކާ،ޕައިލެޓުން ތަމްރީންކުރުމާ މިމީހުނަށް ދީގެން ގައުމަށްވީފައިދާއެއްނެތް.
ފަހުދު.
15 May 2025
އިތުބާރު ނެޔްކަން ދައްކާނީ 2028 ގައި ރައްޔިތުން ނުކުމެ.
ފަހަރި.
15 May 2025
ލަދެއްގެ ކަން ފުޅެއް ވެސް ނެތް ދެ ލޯ ފުޅާ
ލޮލްޒ
15 May 2025
އިތުބާރު ނެތް މީހުންނަށް އިތުބާރު ދިނުން. ފަނޑިޔާރުން ވަކިކުރުން. މިލިޔަނުން ބުޅަލަށް ހަރަދުކުރުން. ރައީސް އޮފީހުން ބޮޑު މުސާރަ ނަގައިގެން ތާރޒްޑޭ ނައިޓު ޕާޓީ ކުރުން. އައްސަރިބަހާ ސާބަސް އިނގޭތޯ. ފަހަތުގަ ތިބި ބޭފުޅުންވެސް ހޫނު ތަރުހީބެއް ދެއްވާ އިނގޭތޯ. ސާބަހޭ!!
އަހޫމް
15 May 2025
އިތުބާރު އޮތްކަމަށް ވޯޓް ނުލާ ނުތިބެވޭނެ މެންބަރުގެ ފެހި ސިގްނަލް ސަރުކާރުން ވަނީ ގަނެފަ..މެންބަރުން އެއީ ސަރުކާރުގެ ޕަޕެޓުން..
ކަށިމާ
15 May 2025
މޭންއެއް ސަހާދެއް
އެހާ އުނދަގޫ ކަމެއް ނޫނެއްނު!
15 May 2025
ތިގޮތަށް ޔުމްނު ފުންމާލީ ކަމަށް ވެސް ފާސްކޮށް ނިންމާލަމާ.
ތޮސްބެ
15 May 2025
އޭނާ ފުންމާލީ ކަމަށްވާނަމަ އޭނަ ފުންމާލީ.. މިހާތަނަށް ފެންނަ ހުރި ހެކިތަކުން ފުންމާލީކަމަށް ބެލެވެން އޮތީ. އެނގިދާނެތާ
ނެތް
15 May 2025
އަހަރެމެންގެ އިތުބާރެއްނެތް
ފާތިމަތު ޝަހީދާ
15 May 2025
މިނާ އާއި އެކީ އުޅެން ދަސްކުރަންވީ!