20 ޖޫން 2025 - 14:18
އެޓްލާންޓާ (ޖޫން 20) - މެސީ ކާމިޔާބު ކޮށްދިން ހިލޭ ޖެހުމަކުން 2-1 އިން ޕޯޗުގަލްގެ ޕޯޓޯ ބަލިކޮށް، އިންޓަ މަޔާމީ ފުރަތަމަ މޮޅު ހޯދި އިރު، އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ބަލިވެއްޖެ އެވެ.
ޕީއެސްޖީ ބަލިވީ ބްރެޒިލްގެ ބޮޓަފޮގޯއާ ވާދަކޮށް 1-0 އިންނެވެ. ފުރަތަމަ ހާފުގައި މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބޮޓަފޮގޯގެ އީގޯ ޖީސުސް އެވެ.
މި މެޗުގައި ވެސް ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ކުޅެފައެއް ނުވެ އެވެ. އޭނާ އަންނަނީ ޔޫއެފާ ނޭޝަންސް ލީގުގެ މެޗެއްގައި ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ.
ބޮޓަފޮގޯ ވަނީ ގުރޫޕް ބީގައި ދެ މޮޅާ އެކު، ހަ ޕޮއިންޓް ހޯދައި، ނޮކައުޓް ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތް ޕީއެސްޖީ އާއި ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އެތުލެޓިކޯ ވަނީ ރޭ 3-1 އިން ސީޓްލް ސައުންޑާސް ބަލިކޮށްފަ އެވެ. އެތުލެޓިކޯގެ ލަނޑުތައް ޖަހައިދިނީ ޕަބްލޯ ބަރިއޯސް އާއި އަކްސެލް ވިޓްސެލް އެވެ. ބަރިއޯސްގެ ގޯލަކުން އެތުލެޓިކޯ ލީޑު ކުރަނިކޮށް އެލްބާޓް ރުސްނާކް ވަނީ ސީޓްސް ސައުންޑާސް އަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. އެތުލެޓިކޯ އަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދިނީ ވެސް ބަރިއޯސް އެވެ.
އިންޓަ މަޔާމީގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން ޕޯޓޯއަށް މެޗުގެ ވަރަށް ކުރީކޮޅު ލީޑު ލިބިފައި ވަނިކޮށް އިންޓަ މަޔާމީ އެއްވަރު ކުރީ ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގަ އެވެ. މި ގޯލު ޖަހައިދިނީ ޓެލަސްކޯ ސެގޯވިއާ އެވެ. އަދި މެސީ އެ ޓީމަށް ލީޑު ހޯދައިދިން ގޯލު ޖަހައިދިނީ އޭގެ ހަތް މިނިޓު ފަހުންނެވެ.
މި ނަތީޖާއާ އެކު އިންޓަ މަޔާމީ އާއި ގުރޫޕް އޭގައި ހިމެނޭ ބްރެޒިލްގެ ޕަލްމެއިރާސް ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ޕޯޓޯ އާއި މިސްރުގެ އަލް އަހްލީ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ޕަލްމެއިރާސް ވަނީ ރޭ އަލް އަހްލީއާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަށި ހައްޖަ
20 June 2025
ޕޯޓޯ ލީޑްނެގީ ޕެނެލްޓީ އަކުން ނޮޓް އޯން ގޯލް