20 ޖޫން 2025 - 14:15
ފްލޮރިޑާ (ޖޫން 20) - ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ރެއާލް މެޑްރިޑް ސްކޮޑްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ހުން އައުމުގެ ސަބަބުން އުމުރުން 26 އަހަރުގެ އެމްބާޕޭ އަށް މިދިޔަ އަންގާރަ ދުވަހު ތަމްރީނުތަކުގައި ބައިވެރި ނުވެވުނު އިރު، ރެއާލް ކުޅުނު ފުރަތަމަ މެޗުގައި އަލް ހިލާލާ ދެކޮޅަށް ވެސް ނުކުޅެވުނެވެ.
މީގެ އިތުރުން "ގޭސްޓްރޯއެންޓަރައިސިސް"ގެ މައްސަލައަކާ ގުޅިގެން ފަރުވާ ދިނުމަށް އެމްބާޕޭ އެޑްމިޓް ކުރި ކަމަށް ޕީއެސްޖީން އިއްޔެ ބުންޏެވެ.
ގޭސްޓްރޯއެންޓަރައިޓިސް އަކީ ގޮހޮރުގައި އުފެދޭ އިންފެކްޝަނެއް ކަމުން ހޮޑުލުމާއި ބޭރަށް ހިންގުން ފަދަ ކަންކަން އޭގެ ސަބަބުން މެދުވެރިވެދާނެ އެވެ.
ނަމަވެސް ގަޑިއިރުތަކެއްގެ ފަރުވާ އަށް ފަހު، އެެމްބާޕޭ ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
"ހާއްސަ ފަރުވާތަކަކާ އެކު އެމްބާޕޭ މަސައްކަތް ކުރާނީ މަޑުމަޑުން ކުޅުމުގެ ތެރެއަށް އަންނަން،" ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައިވެ އެވެ.
އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެފައިވާ އިރު، ރެއާލްގެ ދެވަނަ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށެވެ. އެ މެޗުގައި އެމްބާޕޭ އަށް ނުކުޅެވުނަސް ފަހު ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރެޑްބުލް ސަލްޒްބާގާ ދެކޮޅަށް ކުޅެވޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޕީއެސްޖީން ހިލޭ ޓްރާންސްފާގައި މިދިޔަ ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވެ، އެމްބާޕޭ ވަނީ ފުރަތަމަ ސީޒަންގައި 56 މެޗު ކުޅެދީ 46 ގޯލު ޖަހައިފަ އެވެ. އެމްބާޕޭ ވަނީ ފުރަތަމަ ސީޒަންގައި ރެއާލާ އެކު ޔޫއެފާ ސުޕަ ކަޕާއި ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްފަ އެވެ.
މިއީ މިދިޔަ ސީޒަންގެ ސްޕެނިޝް ލީގަށް ފަހު ރެއާލް މެޑްރިޑް ދޫކޮށްލި ކޯޗު ކާލޯ އަންޗެލޮޓީގެ ބަދަލުގައި ހަވާލުވި ޒަބީ އޮލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭ ފުރަތަމަ މުބާރާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy