ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އަތުން 2-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ފޯވާޑް ކީލިއަން އެމްބާޕޭ ލަނޑު ޖަހައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑާ އެއްވަރުކޮށްފި އެވެ.

އެމްބާޕޭ ހަމަހަމަކުރީ ރެއާލަށް 2013 ވަނަ އަހަރު 59 ގޯލް ޖަހައިގެން ރޮނާލްޑޯ ހަދާފައިވާ، އެއް އަހަރު ތެރޭ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑާ އެވެ. ރޮނާލްޑޯ 69 މެޗުން ހެދި ރެކޯޑާ އެމްބާޕޭ އެއްވަރުކުރީ 58 މެޗުންނެވެ.

އެމްބާޕޭ ބުނީ ރެއާލުގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަދި އޭނާގެ ވެސް ހީރޯ ހެދި ރެކޯޑެއް ހެދުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އޭނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރީ ވެސް ރޮނާލްޑޯ އުފާފާޅުކުރާ ގޮތަށެވެ.

މިއީ މި އަހަރު ރެއާލް ކުޅޭ ފަހު މެޗު ކަމުން ރޮނާލްޑޯގެ ރެކޯޑް މުގުރާލުމުގެ ފުރުސަތު އެމްބާޕޭ އަށް ނޯންނާނެ އެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލް 38 ވަނަ މިނެޓުގައި ޖެހީ ޖޫޑް ބެލިންހަމް އެވެ. އެމްބާޕޭ ގޯލް ޖެހީ 86 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އޭގެ ކުރިން 68 ވަނަ މިނެޓުގައި ސެވިއްޔާގެ މާކޯސް ޑޮސް ނަސިމެންޓޯ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

މި މޮޅާ އެކު، ދެ ވަނައިގައި އޮތް ރެއާލް ވަނީ 42 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓަށް ކައިރިކޮށްފަ އެވެ. އެކަމަކު 43 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ މި ހަފުތާގައި ކުޅޭ މެޗުން މިރޭ ވިޔަރެއާލް އަތުން މޮޅުވެއްޖެ ނަމަ ލީޑު ފުޅާކުރެވޭނެ އެެވެ.

ރޭގެ މޮޅަކީ ހުރިހާ މުބާރާތެއްގައި ރެއާލް ޖެހިޖެހިގެން މޮޅުވި ތިން ވަނަ މެޗެވެ. އޭގެ ކުރިން ކުޅުނު 8 މެޗުން މޮޅުވީ ދެ މެޗުންނެވެ. އޭރު ކޯޗު ޒަބީ އޮލޮންސޯ އަށް އޮތް ޕްރެޝަރު މިހާރު ވަނީ ކުޑަވެފަ އެވެ.

އޮލޮންސޯ ބުނީ ތިން ޕޮއިންޓާ މެދު ހިތްހަމަޖެހޭ ކަމަށާއި، ދެން މަސައްކަތްކުރާނީ އާ އަހަރުގެ ކުރިން ލިބޭ ވަގުތުކޮޅުގައި ޓީމުގެ ކުޅުން އެނަލައިޒްކޮށް އިތުރަށް ރަނގަޅުކުރަން ކަމަށެވެ.