މެޑްރިޑް (ޖުލައި 5) - ރެއާލް މެޑްރިޑް ދޫކޮށް ކްރިސްޓިއަން ރޮނަލްޑޯ ދާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ އިރު އެތަން ފޫބެއްދުމަށް ޕީއެސްޖީގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ސްޕޭނުގެ ބައެއް ނޫސްތަކުން ބުދަ ދުވަހު ބުނި ގޮތުގައި އެމްބާޕޭ ގަތުމާ ބެހޭ ގޮތުން ރެއާލުން ދަނީ ޕީއެސްޖީއާ ވާހަކަ ދައްކަމުންނެވެ. އުމުރުން 19 އަހަރުގެ ފޯވާޑަށް ރެއާލުން ވަނީ 272 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފައި ކަމަށް ސްޕޭނުގެ އޭއެސް ނޫހުން ބުންޏެވެ.

އެކަމަކު ރެއާލުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި ޕީއެސްޖީ އަށް އެއްވެސް ބާވަތެއް ބިޑެއް ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މޮނާކޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ އޮގަސްޓް މަހު އެމްބާޕޭ ޕީއެސްޖީ އަށް ބަދަލުވީ 166 މިލިއަން ޕައުންޑަށެވެ. ވޯލްޑް ކަޕުގައި އެމްބާޕޭ ދައްކަމުންދާ މޮޅު ކުޅުމަށް ގިނަ ކްލަބުތަކަކުން ދަނީ އޭނާ އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެމްބާޕޭ ވަނީ މިހާތަނަށް ވޯލްޑް ކަޕުގައި ތިން ގޯލް ޖަހައިފަ އެވެ.

އަންނަ ސީޒަނުގައި ރޮނާލްޑޯ އެންމެ ބޮޑަށް ފެންނާނެ ކްލަބީ އިޓަލީ ޔުވެންޓަސް އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 33 އަހަރުގެ ރޮނާލްޑޯ ގެންދަން 100 މިލިއަން ޔޫރޯ ރެއާލަށް ދިނުމަށް ޔުވެންޓަސް އިން ވަނީ އެއްބަސްވެފަ އެވެ.

ރޮނާލްޑޯ މި ވަގުތު ރެއާލުގެ ކޮންޓްރެކްޓުގައި ހުރީ އަހަރަކު 18.5 މިލިއަން ޕައުންޑް ލިބޭ ގޮތަށް 2021 ވަނަ އަހަރުގެ ނިޔަލަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ދެން އެންމެ ބޭނުންވާ ކުޅުންތެރިއަކީ ޗެލްސީގެ އެޑެން ހަޒާޑެވެ. ޕީއެސްޖީ އާއި ބްރެޒިލްގެ ފޯވާޑް ނޭމާ ހޯދަން ރެއާލުން މަސައްކަތް ކުރާ ކަމަށް ދާދި ފަހުން އާއްމު ކުރި ރިޕޯޓްތައް ވެސް އެ ކްލަބުން ވަނީ ދޮގުކޮށްފަ އެވެ.