21 ޖޫން 2025 - 09:25
އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ގެންނަން ފެޑެރޭޝަނުން ސީރިއަސްކޮށް ވިސްނި ކަމަށާއި، އެކަންނުވި މައިގަނޑު ސަބަބަކީ ޓީމުގެ އިސްވެރިޔަކަށް ހަމަޖައްސާފައިވާ ކުރީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ދެކޮޅު ހެދުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުން ނޯވޭ އަތުން 3-0 އިން އިޓަލީ ބަލިވުމުން އޭރުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ މަގާމުން ވަކިކުރުމަށް ފަހު އިޓަލީން ކޯޗަކަށް ހަމަޖެއްސީ ކުރީގެ މިޑްފީލްޑަރު ޖެނާރޫ ގަޓޫސޯ އެވެ. އެކަމަކު ގަޓޫސޯ ހަމަޖެއްސުމުގެ ކުރިން އިޓަލީން ވަނީ، ތަޖުރިބާކާރު ކޯޗު ކްލައުޑިއޭ ރަނިއޭރީ ގެންނަން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އަދި އޭރު ބައެއް ނޫސްތަކުން ވަނީ އިޓަލީން މޮރީނިއޯ ވެސް ޝޯޓްލިސްޓުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
އެ ގައުމުގެ ލަ ރިޕަބްލިކާ އިން ބުނި ގޮތުގައި މޮރީނިއޯ އަކީ ހަމައެކަނި ހިޔާލެއް ނޫން ކަމަށާއި، އޭނާ ގެންނަން އެއަށް ވުރެ ސީރިއަސްކޮށް އިޓަލީން ވިސްނި ކަމަށެވެ. އަދި މޮރީނިއޯގެ މުސާރައިގެ އެއް ބައި ދޭން، އިޓަލީގެ ކިޓް ސްޕޮންސަރު އެޑިޑާސް އިން ވެސް އޮތީ ތައްޔާރަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ އެންމެ ބޮޑަށް ދެކޮޅު ހެދީ، އިޓަލީ ޓީމުގެ ހެޑް އޮފް ޑެލިގޭޝަން ބުފޮން ކަމަށާއި، އަނެއް ހުރަހަކަށްވީ މޮރީނިއޯ މިހާރު ކޯޗުކޮށްދޭ ތުރުކީގެ ފެނަބާޗޭ އިން އޭނާ ރިލީޒްކުރަން އަގެއް ކިޔުން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
މޮރީނިއޯ ވަނީ އިޓަލީގެ އިންޓަ މިލާނަށް ކުރިން ކޯޗުކޮށްދީ، އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ. ފަހުން އިޓަލީގެ އޭއެސް ރޯމާ އަށް ވެސް ކޯޗުކޮށްދިނެވެ. އޭނާ ވަނީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި، އިންގްލެންޑުގެ ޗެލްސީ އާއި، މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކޯޗުކޮށްދީފަ އެވެ.
ބުފޮން ބޭނުންވީ، އިޓަލީ ޓީމު، އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑާ ހަވާލުކުރާށެވެ. ގަޓޫސޯ ގެނައުމަކީ އޭނާގެ ހިޔާލެއް ކަމަށްވެ އެވެ. އޭސީ މިލާނާއި، ނަޕޯލީ ހިމެނޭހެން ގަޓޫސޯ ބޮޑެތި ޓީމުތަކަށް ކޯޗުކޮށްދީފައިވީ ނަމަވެސް، އޭނާ އަކީ އަދިވެސް އެންމެ މަތީ ފަންތީގެ ކޯޗެއް ނޫނެވެ. ބެލެވޭ ގޮތުގައި އިޓަލީން ގަޓޫސޯ ގެންނަން ނިންމީ، މިވަގުތު އެ ޓީމަށް ބޭނުންވަނީ ޓެކްޓިކަލީ މޮޅު ކޯޗަކަށް ވުރެ، ކުޅުންތެރިންގެ ރޫހު ރަނގަޅު ކުރެވޭ ފަދަ ކޯޗަކަށްވާތީވެ އެވެ.
ޖެހިލުން ކުޑަ، ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ގަޓޫސޯ އަކީ، ކުޅުންތެރިން މޯޓިވޭޓްކުރުމުގައި ވެސް ފާހަގަކުރެވޭ ކޯޗެކެވެ. އޭނާގެ އާ މަސްއޫލިއްޔަތަކީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކުރުމެވެ. އިޓަލީ މިދިޔަ ދެ ވޯލްޑް ކަޕަށް ވެސް ކޮލިފައިނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy