ސްކޫލެއްގެ ޓީޗަރުންތަކެއް.--
22 ޖޫން 2025 - 11:22
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މިނިސްޓަރުގެ ވާހަކަ ބޮޑަށް އަމާޒު ކުރެއްވީ ޓީޗަރުން ލިބުމުގެ ދަތިކަމުގެ މައްޗަށެވެ. އެގޮތުން އެއް ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެއްވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ނުލިބޭ މައްސަލައަށެވެ.
"ސެން ޓީޗަރުން މިހާރު ވެސް ގާތްގަނޑަކަށް 600 ޓީޗަރުން ބޭނުންވޭ. ޕްރައިމަރީ ދާއިރާ އަށް ގާތްގަނޑަކަށް 200 އެއްހާ ޓީޗަރުން ބޭނުންވޭ. އެކިއެކި ރަށްރަށުގައި ދިވެހި އިސްލާމް ކިޔަވައިދޭ ޓީޗަރުން ލިބުމުގައި ދަތި،" އިސްމާއިލް ވިދާޅުވި އެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ 10 ގައި ހިމެނުނު ކުއްޖަކާ މިނިސްޓަރު އިސްމާއިލް މިއަދު ހެނދުނު ދަންފަޅީގައި އެވޯޑް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެހެންވެ އެކަން ހައްލު ކުރުމަށް ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާފަންނު މަދުރަސާ އަށް 40 އަހަރު ފުރުމާ ގުޅިގެން މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ސެން ޓީޗަރުން އުފައްދަން މުޅިން އާ ކޮންސެޕްޓެއްގައި ޕްރޮގްރާމެއް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީނުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި ސެން ޓީޗަރުންނަށް ރިސްކު އެލަވަންސް އަލުން ހަމަޖައްސައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އޭރު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy