ރިޕޯޓް / މަގުމަތީގެ އެކްސިޑެންޓް

"މަރުން" ސަލާމަތްވުމަށް އެންމެންގެ ޒިންމާ ވެސް އެބައޮތް؛ އެ އަދާކުރަމާ!

ލިންކް ރޯޑްގައި އެކްސިޑެންޓްވި ސަރަހައްދެއްގައި ފުލުހަކު ހަރަކާތްތެރި ވަނީ.

އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ދުވަހަކަށް އިރު އަރައިފައި އޮއްސޭ އިރު، ހަތަރު ފަސް އެކްސިޑެންޓް ނުހިނގާ ދުވަހެއް ނާދެ އެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، ބައެއް މީހުންނަށް ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެކްސިޑެންޓްތަކުގައި އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ޒިންމާ ވާނީ ކޮން ބައެއް ހެއްޔެވެ؟ މިއީ، ހަމަ އެކަނި ކަމާ ބެހޭ ފަރާތްތަކުން އެކަނި ޒިންމާ ނަގަން ޖެހޭ ކަމެއް ހެއްޔެވެ؟ ނޫނެކެވެ؛ ދުއްވާ މީހުންގެ ވެސް ޒިންމާތަކެއް އެބައޮތެވެ. ކަމާ ބެހޭ ފަރާތްތަކުގެ ވަރަށް ބޮޑު ޒިންމާތަކެއް ވެސް އެބަ އޮތެވެ.

މިކަން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްމެޓް އަޅަން ގާނޫނަކުން މަޖުބޫރު ކުރެވިއްޖެ އެވެ. ތާރު އެޅި މަގުތަކުގައި ސްޕީޑް ބްރޭކަރުތައް އެޅިއްޖެ އެވެ. ދުއްވާ އިރު ސަމާލުކަން ދިނުމަށް ޓްރެފިކް ސައިންތައް، އެތައް ބެނާއެއް، ބިލްބޯޑެއް ބެހެއްޓިއްޖެ އެވެ. ހޭލުންތެރިކަމުގެ ތަފާތު އެތައް ޕްރޮގްރާމެއް ހިންގިއްޖެ އެވެ. އެވަރުން ނުވެގެން ފުލުހުން ޓްރެފިކް އީދަށްހެން މިދިޔަ އަހަރުގެ ތެރޭގައި އައްޑޫގައި "ރައްކާ" ގެ ނަމުގައި އެކި ފަންތީގެ މީހުންނަށް އަމާޒުކޮށްގެން ބޮޑު ޕްރޮގްރާމެއް ވެސް ހިންގައިފި އެވެ. އެކަމަކު މިއިން އެއްވެސް ކަމަކުން ނިކުތް އެދެވޭ ބަލަދަލެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. ލިބުނު ފިލާވަޅެއް ނެތެވެ.

ހިތަދޫ ލިންކް ރޯޑްގައި ސްޕީޑްބްރޭކަރެއް އެމްއާރްޑީސީގެ މުވައްޒަފުން ހަރުކުރަނީ. ފޮޓޯ: އެމްއާރްޑީސީ

އައްޑޫގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި ގިނަ ހާދިސާތަކަށް ބަލާ އިރު، ގިނަ އެކްސިޑެންޓްތައް ހިނގާފައި ހުރީ ބާރު ސްޕީޑްގައި ދުއްވައިގެންނެވެ. ފުރާނަ ދިޔަ އެތައް ބަޔަކު ދުނިޔެއާ ވަކިވެގެން ދާން މެދުވެރިވެފައިވާ މައިގަނޑު އެއް ސަބަބަކީ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ ގެއްލުމެވެ. ހެލްމެޓް އަޅަން ޖެހެނީ އެ ސަބަބާ ހުރެ އެވެ.

"ބައެއް މީހުން ހަމަ ނަމަކަށް ހެލްމެޓް އަޅަނީ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހެލްމެޓް އަޅާ ނަމަ، ބޮލަށް ރައްކާތެރިކަން ލިބޭ ކަހަލަ ހެލްމެޓެއް އަޅަން ވާނީ. އެކަމަކު ވަރަށް ގިނައިން ފެނޭ ހެލްމެޓަކަށް ނުފުދޭ ޒާތުގެ އެއްޗެހި އަޅައިގެން ދުއްވާ ތަން،" އައްޑޫގައި މަސައްކަތް ކުރާ ފުލުހަކު ބުންޏެވެ.

ހެލްމެޓް އަޅައިގެން މީހަކު ލިންކް ރޯޑްގައި ސައިކަލް ދުއްވާފައި ދަނީ.

ލިންކް ރޯޑްގައި 60 ކިލޯ މީޓަރަށް ދުއްވަން ހުއްދަ ދީފައި އޮންނަ ސަރަހައްދުގައި ދުއްވާ އިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ. އެގޮތަށް އަމަލު ނުކޮށްފި ނަމަ ޖޫރިމަނާ ވެސް ކުރެވެ އެވެ.

އެކަމަކު ބައެއް އާންމުންގެ ސުވާލަކީ ހެލްމެޓް އަޅައިގެން ދުއްވާތޯ ކިހާ ވަރަކަށް ބެލޭތޯ އާއި ދުއްވާ ސްޕީޑް ކޮންޓްރޯލް ކުރަން ފުލުހުންނަށް ވެސް އެކަށީގެންވާ މަސައްކަތެއް ކުރެވޭތޯ އެވެ؟

"މީގައި ވަކި ބައެއްގެ ޒިންމާގެ ވާހަކަ ދައްކާނެ ކަމެއް ނެތް. މަގު ބޭނުން ކުރާ މީހުންނަކީ އާންމު ރައްޔިތުން. އެހެންވީމަ މަގަށް ދޭން ޖެހޭ ސަމާލު ކަމާއި ދުއްވާ އިރު ތިމާގެ ރައްކާތެރިކަމާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް ދުއްވާ މީހުން ޖެހޭނެ ސަމާލުކަން ދޭން،" އެކްސިޑެންޓްތަކާ މެދު ކަންބޮޑުވުން ފާޅު ކުރި މީހަކު ބުންޏެވެ. "މީގައި ދުއްވާ މީހުން ޒިންމާދާރުވެގެން ނޫނީ، އެއްވެސް ބަޔަކަށް ނެތް ރައްކާތެރި ކަމެއް. އަހަންނަށް މީގައި ގޯހީ ހަމަ ދުއްވާ މީހުން."

އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ ބޮޑު މަގުތަކާއި އެ ނޫން ވެސް ބައެއް މަގުތައް ތާރު އަޅައިގެން ހެދި ފަހުން، މިހާރު މާ ނުރައްކަލެވެ. ބައެއް މީހުން މުއްގަނޑު ފެލާލައިފައި ދުއްވާ ތަން ފެނުމުން ބިރުން ފިތްކަނޑައިގެންދާ ވަރުވެ އެވެ.

ފޭދޫ ބޮޑު މަގުގައި ހިނގި އެކްސިޑެންޓެއް: އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ގިނަ.

އައްޑޫގެ ހުރިހާ މަގުތަކެއްގައި ވެސް ސައިކަލް ދުއްވާ އިރު، ހެލްމެޓް އަޅަން މަޖުބޫރު ކުރުމަކީ ކުރަންވެފައި އޮތް ކަމެކެވެ. ހަމަމިއާ އެކު، ޓްރެފިކް ފުލުހުންގެ ދައުރު ވެސް މިހާރަށް ވުރެ ބޮޑު ކުރަން ޖެހެ އެވެ. ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި ލައިސަންސް ނެތި ދުއްވުން ފަދަ ގާނޫނާ ހިލާފު ކަންކަން ހުއްޓުވޭނީ ވެސް އޭރުންނެވެ.

އެކްސިޑެންޓްތައް ގިނަވެ، އެތައް ބައެއްގެ ފުރާނަ މިހާތަނަށް ގެއްލިފައިވާ އިރު، އައްޑޫގެ މަގުތަކުގެ ހާލަތަކީ ކޮބައިތޯ ވެސް ބަލަން ޖެހެ އެވެ. ލިންކް ރޯޑަށް ބަލައިފި ނަމަ، މި މަގުގެ ވާހަކަ ދައްކައި ކޮޅަކުން ނުލާނެ އެވެ. މަގުގެ ހާލަތު ވަރަށް ދަށެވެ. މި ފަހަކަށް އައިސް މަގުގައި ވަޅުގަނޑު ހެދޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. އެހެން ދިމާވަނީ މަގުގެ ތާރުގަނޑުގެ ފެންވަރު ދަށްވެގެންނެވެ. އެހެންވެ އަބަދު ވެސް އޮންނަނީ ޕެޗް އަޅަން ޖެހިފަ އެވެ.

މަރަދޫ ލިންކް ރޯޑްގައި ބޮޑު ވަޅުގަނޑެއް ހެދިފައި: މި މަގުގެ ހާލަތު ވަރަށް ދަށް.

"އަސްލު މަގުގައި ވަޅުގަނޑުތައް ހެދިފައި ހުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް. ވާރޭ ވެހި ވަޅުގަނޑުތަކުގައި ފެން ހެދިފައި ހުއްޓައި، ނޭނގި ބައެއް މީހުން ސައިކަލާ އެކު ވެއްޓި ބޮޑެތި އަނިޔާތަކެއްވެފައި އެބަހުރި،" ލިންކް ރޯޑްގައި ހުންނަ ވަޅުގަނޑުތައް ވަރަށް ގިނައިން ފޮޓޯ ނަގައި، ފޭސްބުކަށްލާ މީހަކު ބުންޏެވެ. "އޭގެ އިތުރަށް ލިންކް ރޯޑްގެ ބައެއް ސަރަހައްދުގައި ހުންނަ ލައިޓްތައް ރޭގަނޑު ނުދިއްލޭތީ އެ ވެސް ނުރައްކަލެއް."

އައްޑޫގެ މަގުތައް މަރާމާތު ކުރުމުގެ ޒިންމާއާ ހަވާލުވެގެން މިހާރު ތިބެނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ. އެ މަސައްކަތް އެ ކުންފުނިން ކުރަނީ ހައުސިން މިނިސްޓްރީން އަންގާ ގޮތަކަށެވެ.

"މިނިސްޓްރީން އަންގާ ގޮތަކަށް، އަޅުގަނޑުމެންނަށް ވީ ވަރަކުން މަގުތައް މަރާމާތުކޮށް ބަލަހައްޓަމުން އަބަދު ވެސް މި އަންނަނީ،" އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިންކް ރޯޑަކީ އަބަދު މަރާމާތު ކުރަން ޖެހޭ ފަދަ ހާލަތެއްގައި އޮތް މަގަކަށްވުމަކީ ވެސް ގޮންޖެހުމެއް ކަމަށެވެ.

ލިންކް ރޯޑްގައި ހުރި ވަޅުގަނޑެއް މަރާމާތު ކުރަނީ.

"އެ މަގުގައި ވަޅުގަނޑުތައް ގިނަ ވާހަކައަކީ ހަމަ ތެދެއް. ހަމަ ކަންބޮޑުވުމެއް. އަހަރެމެންގެ މުވައްޒަފުން މެދުކެނޑުމެއް ނެތި ކުރާ އެއް މަސައްކަތަކަށްވެފައި މިއޮންނަނީ ހަލާކުވެފައި ހުންނަ ތަންތަނުގައި އަލުން ތާރު އެޅުން،" އޮފިޝަލް ވިދާޅުވި އެވެ.

އެހެން ނަމަވެސް ބައެއް މީހުންގެ ޝަކުވާއަކީ މިއެވެ؛ ވަޅުގަނޑުތައް މަރާމާތު ކުރަން ދުވަސް ނަގާތީ އެވެ.

"ބައެއް ދިމަދިމާލުގައި ހެދޭ ވަޅުގަނޑުތައް ބޮޑެތިވެ، ފުންވެ އެންމެ ނުރައްކާ ހިސާބަށްދާ އިރު ވެސް އެބަ ހުރޭ މަރާމާތު ނުކުރެވި ލަސްވެފައި،" ސޯޝަލް މީޑިއާގައި ލިންކް ރޯޑަށް ހޭލުންތެރިކަން އުފައްދާ މީހަކު ބުންޏެވެ.

ދެން އޮތް އަނެއް މައްސަލައަކީ މަގުތައް އަބަދު ކޮންނަން ޖެހިފައި އޮތުމެވެ. ކޭބަލް ވަޅުލުމާއި އެ ނޫން ވެސް އެކި ބޭނުންތަކަށް މި ފަހަކަށް އައިސް މަގުތައް ކޮނުން ވަރަށް އާންމެވެ.

އެހެންވެ ބައެއް ފަހަރު މަސައްކަތް ނިންމާލައިފައި ވެސް، އަތުން ދޫވެފައި ހުންނަ ބައެއް ކަހަލަ ކަންކަމާ ހެދި އެކްސިޑެންޓްތައް ހިނގަން މެދުވެރިވެ އެވެ. މިއީ އެފަދަ މަސައްކަތްތައް ކުރާ މީހުން ވިސްނަން ޖެހިފައި އޮތް ކަމެކެވެ.

ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓެއް.

އެކްސިޑެންޓްތައް ގިނަވެގެން އެ ވާހަކަ ދެއްކުމަކުން ކަންކަން ހައްލެއް ނުވާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ވެސް ކުރެވިދާނެ ކަންކަން ހުންނާނެ އެވެ. ބާރުތައް މިނިސްޓްރީ އަށް ނެގީއޭ ކިޔާފައި، ސިޔާސީ މޭރުމަކުން ވާހަކަ ދެއްކުމުގެ ބޭނުމެއް ހަގީގަތުގައި ނެތެވެ. އެއް ކަމަކަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަކީ ކައުންސިލަށް ގައިމު ވެސް ކުރެވިދާނެ ކަމެކެވެ. އެއީ އަދިވެސް މުހިއްމުކަން ބޮޑުވެފައި އޮތް ދާއިރާއެކެވެ.

އައްޑޫގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންނެވެ. ހާއްސަކޮށް ދުއްވާ މީހުން އެ މީހުންގެ ޒިންމާއާ ދޭތެރޭ ސީރިއަސްކޮށް ވިސްނައިގެންނެވެ.

21 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 80%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޭނުން ނެތް ޕޮލިސް

21 March 2017

ބުނެފާނަން ހަގީގީ ވާހަކައެއް. މި ރާއްޖޭގަ ގިނަ މީހުންނަށް ފުލުހަކު ފެންނަން ނެތިއްޔާ ކޮންމެ ކަމެއްވެސް ހުއްދަ. ކޮންމެ ކަމެއްވެސް ހުއްޓާނީ ފުލުހަކަށް ފެނިގެން ގޮސް އެކަމެއް ހުއްޓާލަން ބުނީމަ. އަދި އެހެން މީހަކަށް ވެސް ނުކެރޭނެ އެކަން ހުއްޓާލަން ބުނާކަށް. ހުރިހާ އެންމެން ކައިރީގަ ފުލުހަކު ބެހެއްޓޭނީ ކިހިނެއް. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފުލުހުން ލެވޭނެ ހިޔާލެއް އޮތިއްޔާ ދީބަލަ.

The name is already taken The name is available. Register?

ބުނާތި

21 March 2017

އައްޑޫގައި އެކްސިޑެންޓް ގިނަވަނީ އެއީ އައްޑޫ މީހުން ކުރާ ކަންކަމުން ކަން އެމެންނަށް އެގިގެން އެމެން އަމިއްލަ އަށް އިސްލާހު ވާން މަސައްކަތް ނުކުރާނަމަ ދުވަހަކު ވެސް މިކަމަށް ހައްލެއް ނާންނާނެއެވެ. މަމެން ރަށުމީހާ އަށް ވީމާ ކަމެއް ގޯސް ކޮށް ކުރި ނަމަވެސް ނުފެންނަ ކަމަށް ހަދައިގެން ނުވާނެއެވެ. ވައްކަން ކުރާނަމަ ވައްކަން ކުރެއޭ ބުނަންވާނެއެވެ.

The name is already taken The name is available. Register?

އައިޝަތު

21 March 2017

ނޫނޭ ތިކަމުގައި ޒިންމާވާން ޖެހޭނީ ސަރުކާރު. ހުރިހާ ކަމެއް ސަރުކާރަށް ފޫޅުކަޑައިފަ ތިބީމަ އޯކޭވާނެ.

The name is already taken The name is available. Register?

ނާއިލާ

21 March 2017

ތިކަން ހައްލުކުރަން އެންމެ ފަސޭހަވާނީ ޓްރާންސްޕޯރޓް މިނިސްޓްރީއަށް ހެން ހީވަނީ އައްޑުއަށް ގެންދާ ހުރިހާ އެއްގަމު އުޅުދުގެ ދުވެލި ވަކިވަރަކަށް ވުރެ ދައްކޮށްފައި ބަހައްޓަންވި އެއަށް އަރާތިބޭމީހުންނަށް ސްޕީޑް ކޮންޓްރޯލްކުރުމުގެ ކުޅަދާނަކަން ހުންނަހެން ހީނުވާތީ މިހެން މިބުނީ ދާންވާ ތަނަކަށް ދެވޭލެއް ތަންކޮޅެއް ލަސްވުމަށް ވުރެ މިހާރު މިޖެހޭ އުދަގޫ އަދި ބޭކާރު ގޮތުގައި ކުރަންޖެހޭ ޚަރަދު މާބޮޑު

The name is already taken The name is available. Register?

ޢަލީ

21 March 2017

އައްޑުގެ މަގުތަކައް ވެލިއަޅަންވީ ތާރު އަޅާނިކަމެއްނެތް ތާރު އެޅީމަ މާގޯސް

The name is already taken The name is available. Register?

ޒީރޯ

21 March 2017

މިއީ ހުރިހާ އެންމެންގެ ޒިންމާ އޮތްކަމެކެވެ. އެންމެ ބޮޑު ޒިންމާ އޮތީ ދުއްވާ މީހާގެއެވެ. މި ލިޔުމުގައާއި ކޮމެންޓްތަކުގައި ފާހަގަ ކޮށްފައިވާ އެހެނިހެން ކަންކަން އެހެން ހުރިކަން ނެ އެނގޭ ހަމަ އެކަކުވެސް ނެތެވެ. ދުއްވާ ކޮންމެ މީހަކަށް، މަގުގެ ހާލަތު، ފުލުހުން އަބަދުނުތިބޭނެކަން، މަގުގައި އަޑިގުޑަން ތަންތަން ހުންނަކަން، އަދި މި ނޫނަސް ހީނުކުރާފަދަ ކަމެއް މެދުވެރިވެދާނެކަން، ކުއްލިއަކަށް އެއްޗެއް ނިކުމެދާނެކަން، މީހަކު މަގުމަތީގައި ހިނގަހިނގާ ހުރެދާނެކަން، އެއްޗެއް ހަލާކުވެގެން މަގުމަތީއޮވެދާނެކަން ރުކަކުން ކާއްޓެއްފަދަ އެއްޗެއް ވެއްޓިފަ އޮވެދާނެކަން މިފަދަ އެތައްކަމެއް ސިކުޑީގައި ބަހައްޓައިގެން ހުއްދަކުރާ ދުވެލީގަ އެންމެން ދުއްވަންޏާ އެކްސިޑެންޓް ހިނގާވަރު ވަރަށް ވަރަށް މަދުވާނެއެވެ. އަދި ގަވާއިު ހުއްދަނުކުރާ ވަރަށް ބާރަށް ދާމީހާއަކީ ފުރިހަމަ ތަޖްރިބާ ހުރި މީހެއްނަމަ އޭނަ ދުއްވާ އެތި ކޮންޓްރޯލުން ބޭރުވާވަރު ވުމުން އެނގޭނެއެވެ. އަދި ބާރު ދުވެލީގަ ގޮސްގޮސް ހުރެފަ ކުއްލިއަކަށް މަޑުކުރަންޖެހުނަސް ހުނަރުހުރެއްޖެނަމަ ހާސްނުވެ އެ އެއްޗެއް މަޑުކުރެވިދާނެއެވެ. މިފަދަ ހާލަތުގައި ތަޖުރިބާ ހުންނަ މީހާ އަނެއް ކޮޅުން އަންނަ މީހާގެ ތަޖުރިބާ މަދުވުމުން ހާދިސާއެއްގެ ޝިކާރަކަށްވެދާނެއެވެ. މިއީ ދުއްވާ މީހާނޫން މީހަކަށް ރިއާޔަތްކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންވީމާ އެންމެ ބޮޑު ޒިންމާ އުފުލަންޖެހޭނީ ދުއްވާ މީހާއެވެ.

The name is already taken The name is available. Register?

ކޮށްބަލަ

21 March 2017

ތިޔާ އައްޑޫ ގައި އެހާ ބޮޑަށް އެކްސިޑެންޓް ގިނަވެ ވައްކަން ގިނަވެ މާރާމާރީ ގިނަވާ ތީވެ ތަމެން އެބަޖެހެއެއް ނޫން މިކަމަށް ސަލަވާތް ފުޅު ކިޔަވައިގެން ނަމަވެސް މިފަދަ ކަންކަމުން އަރައިގަންނަން މަސައްކަތް ކުރަން ދޯ.

The name is already taken The name is available. Register?

މަ

21 March 2017

އަސްލު ވެސް ހަމަ ބަލާ ނުލާ ދުއްވޭތީ ވާ ގޮތް..ހުރިހާ ބޭފުޅުންވެސް އެމީހެއްގެ ޒިންމާ އަދާ ކުރީމަ ހުންނާނީ ރަނގަޅަށް..

The name is already taken The name is available. Register?

ކަލޯ

21 March 2017

ކެމެރާ، ޕޮލިސް ޕޯސްޓް ފަދަ ތަކެތި ދުނިޔޭގެ އެހުން ގައުމު ތަކުގަ ހުރޭ... ހުރިހާ ޓެކްސް ތައް އެހާ ބޮޑު، ސިފައިންނާ ޕޮލިހުން ގެމުސާރަ އެހާބޮޑު ސަލާމަތާއި އަދުލް އިންސާފު ނެތް....

The name is already taken The name is available. Register?

ތަކުރު

21 March 2017

ގޮތެއްފޮތެއް ހަމައެއްލަމައެއް ނެތް މީހުން ގިނަވާވަރަކަށް ނުސިޔާނު ކަންކަން ދާނީ ގިނަވަމުންގިނަވަމުން އިތުރުވަމުންނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454