27 ޖޫން 2025 - 11:34
ފިލަޑެލްފިއާ (ޖޫން 27) - މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ވެސް ގުރޫޕް ސްޓޭޖުގެ ފަހު މެޗު ކާމިޔާބު ކޮށްގެން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
މެންޗެސްޓާ ސިޓީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި އިރު ރޭ ވަނީ 5-2 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. މިއާ އެކު، ހަ ޕޮއިންޓް ހޯދި ޔުވެންޓަސް އަށް ލިބުނީ ގުރޫޕް ޖީގެ ދެވަނަ އެވެ.
ސިޓީ އަށް މެޗުގައި ލަނޑުތައް ޖަހައިދިނީ ޔެރެމީ ޑޯކޯ އާއި އާލިން ހާލަންޑްގެ އިތުރުން ފިލް ފޮޑެން އާއި ސަވީނިއޯ އެވެ. އެ ޓީމުގެ ދެވަނަ ލަނޑަކީ ބައިކޮޅަށް ވަން ލަނޑެކެވެ. ޔުވެންޓަސްގެ ލަނޑުތައް ޖެހީ ޓެއުން ކޫޕްމެއިނާސް އާއި ޑޫސާން ވްލަހޯވިޗް އެވެ.
މި ގުރޫޕްގެ ތިންވަނަ ލިބުނީ ރޭ މޮރޮކޯގެ ވައިދާދް އޭސީ 2-1 އިން ބަލިކުރި ޔޫއޭއީީގެ އަލް އައިންއަށެވެ.
ފުރަތަމަ މެޗުން އެއްވަރުވި ރެއާލް މެޑްރިޑް މިވަނީ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު ކާމިޔާބު ކޮށްގެން ހަތް ޕޮއިންޓް ހޯދައިގެން ގުރޫޕް އެޗްގެ އެއްވަނަ ހޯދައިފަ އެވެ.
އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާ ވާދަކޮށް ރެއާލުން 3-0 އިން ރޭ މޮޅުވި މެޗުގައި ލަނޑުތައް ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އާއި ފެޑެރީކޯ ވެލްވާޑޭ އަދި ގޮންޒާލޯ ގާސިއާ އެވެ.
މި ގުރޫޕްގެ ދެވަނަ ހޯދި އަލް ހިލާލަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ހިލާލުން ވަނީ 2-0 އިން ރޭ މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފަ އެވެ.
މިއާ އެކު، ގަދަ 16 ގައި ރެއާލް މެޑްރިޑް ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ސިޓީ ކުޅޭނީ އަލް ހިލާލާ ދެކޮޅަށެވެ.
ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމިފައި ވާއިރު، ގަދަ 16 ގެ މެޗުތައް މާދަމާ ރޭ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy