"ޖުރެސިކް ވޯލްޑް ރީބާތު"ގައި ލީޑު ރޯލުތައް ކުޅޭ އެކްޓަރުން ކަމަށްވާ ސްކާލެޓް ޖޮހާންސަން އާއި ޖޮނަތަން ބެއިލީ.
06 ޖުލައި 2025 - 09:51
މިހާތަނަށް ނެރުނު ހޮލީވުޑްގެ އެންމެ ވަރުގަދަ ފިލްމު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޖުރެސިކް ވޯލްޑް"ގެ އާ ފިލްމު "ޖުރެސިކް ވޯލްޑް ރީބާތު"އަށް ފުރަތަމަ ހަފުތާ ބަންދުގައި ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ "ޑެޑްލައިން" އިން މިއަދު ބުނީ މިދިޔަ ބުދަ ދުވަހު ރިލީޒްކުރި "ޖުރެސިކް ވޯލްޑް ރީބާތު"އަށް، ދުނިޔޭގެ ބޮކްސް އޮފީހުގައި އެންމެ ހަތަރު ދުވަހުގެ ތެރޭގައި 312.5 މިލިއަން ޑޮލަރު ލިބިފައި ކަމަށެވެ. ފުރަތަމަ ހަފުތާ ބަންދުގައި އެ ފިލްމަށް ލިބޭނެ ކަމަށް އަންދާޒާކުރީ 260 މިލިއަން ކަމަށާއި އެހެންވެ، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެ ނޫހުން ބުންޏެވެ.
"ޖުރެސިކް ވޯލްޑް ރީބާތު"އަކީ 180 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
ފުރަތަމަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި މި އަހަރުގެ ދެވަނަ ފިލްމަށް ވެސް "ޖުރެސިކް ވޯލްޑް ރީބާތު" ވަނީ ވެފަ އެވެ. އެއްވަނައިގައި އޮތީ މިދިޔަ އެޕްރީލް މަހު ނެރުނު "އަ މައިންކްރާފްޓް މޫވީ" އެވެ. އެ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި، ފުރަތަމަ ހަފުތާ ބަންދުގައި ވަނީ 313.2 މިލިއަން ޑޮލަރު ލިބިފަ އެވެ.
ޑެޑްލައިން އިން ބުނި ގޮތުގައި، "ޖުރެސިކް ވޯލްޑް ރީބާތު"އަކީ އެ ފްރެންޗައިޒްގެ ފިލްމުތަކުގެ ތެރެއިން ވެސް، ފުރަތަމަ ހަފުތާ ބަންދުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފްރެންޗައިޒްގެ ފިލްމުތަކުގެ ތެރެއިން އެއްވަނައިގައި އޮތީ، 525 މިލިއަން ޑޮލަރުގެ އާމްދަނީއެއް ފުރަތަމަ ހަފުތާ ބަންދުގައި ހޯދައި، 2015 ވަނަ އަހަރު ނުކުތް "ޖުރެސިކް ވޯލްޑް" އެވެ.
"ޖުރެސިކް ވޯލްޑް ރީބާތު"އަށް އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ލިބިފައި ވަނީ ޗައިނާ މާކެޓުންނެވެ. ޗައިނާގެ ސިނަމާތަކުގައި ދައްކައިގެން މި ފިލްމަށް މިހާތަނަށް 33.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
"ޖުރެސިކް ވޯލްޑް ރީބާތު"ގައި ލީޑު ރޯލުތައް ކުޅެނީ އިނގިރޭސި އެކްޓަރު ޖޮނަތަން ބެއިލީ އާއި އެމެރިކާގެ އެކްޓަރުން ކަމަށްވާ ސްކާލެޓް ޖޮހާންސަން އާއި ލޫނާ ބްލެއިޒީ އާއި މަހަރްޝާލާ އަލީ އާއި ޒާވީ ޑޮބްސް އެވެ. އަދި އިނގިރޭސި އެކްޓަރު އެޑް ސްކީރެއިން ވެސް މުހިންމު ރޯލެއް ކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy