އިޒްރޭލުން އަވަހާރަކޮށްލި ހިޒްބުﷲގެ ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އާއި އެ ޖަމާއަތުގެ އިސް ބައެއް ބޭފުޅުންގެ ޖަނާޒާއަށް މީހުން އެއްވެފައި: ހިޒްބުﷲ އިން ބުނަނީ ބިރު ދެއްކިޔަސް ހަތިޔާރު ނުބަހައްޓާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2025 - 07:31
ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ލުބްނާންގެ ހިޒްބުﷲ ޖަމާއަތަށް ފިއްތުން އިތުރުކުރަމުން ދާއިރު އިޒްރޭލުން ދައްކާ ބިރަކަށް އެ ޖަމާއަތް ތަބާނުވާނެ ކަމަށް ލީޑަރު ނާއިމް ގާސިމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައި މި ވަނީ މިއަދު އެމެރިކާގެ މަންދޫބު ތޯމަސް ބަރަކް ލުބްނާނަށް ވަޑައިގެން ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވާއިރު، މި އަހަރު ނިމުގެ ކުރިން ހިޒްބުﷲގެ ހަތިޔާރު ބެހެއްޓުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އޮފިޝަލުން ވިދާޅުވެފައި ވަނިކޮށެވެ.
"އިޒްރޭލުން ދައްކާ ބިރަކަށް އަހަރެމެން އަމާން ދޭކަށް ނެތިން،" އާޝޫރާ ދުވަސް ފާހަގަކުރުމަށް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ގާސިމް ވިދާޅުވި އެވެ.
މިދިޔަ އަހަރު އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގެ ސަބަބުން ހިޒްބުﷲ ޖަމާއަތް ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނިކޮށް ވެރިކަމާ ލުބްނާނުގެ ވެރިކަމާ ހަވާލުވި ބޭފުޅުން ގެންދަވަނީ ދައުލަތުގެ ސިފައިންނަށް ނޫނީ ހަތިޔާރު ނުގެންގުޅޭވޭނެ ގޮތް ހަދާނެ ކަމަށް ބުނަމުންނެވެ. އަދި ހިޒްބުﷲ އާއި އިޒްރޭލުގެ ކުރިމަތިލުން ނިމުމަކަށް ގެނައި އެއްބަސްވުމަށް އިޒްރޭލުން ވެސް ކަމޭހިތުމަށް ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ކުރީގެ ލީޑަރު ހަސަން ނަސްރުﷲ އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލުމުން ޖަމާއަތާ ހަވާލުވެ ވަޑައިގަތް ގާސިމް ވިދާޅުވީ އޭނާގެ ޖަމާއަތުގެ މެންބަރުން ހަތިޔާރު ނުބަހައްޓާނެ ކަމަށާއި އެންމެ ފުރަތަމަ ޖެހޭނީ އިޒްރޭލުގެ އަނިޔާވެރިކަން ހުއްޓާލަން ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނޮވެމްބަރު މަހުން ފެށިގެން އޮތް ނަމަވެސް އިޒްރޭލުން މިހާރުވެސް ގެންދަނީ ލުބްނާންގެ އެކި ތަންތަނަށް ހަމަލާ ދެމުންނެވެ. އިޒްރޭލުން ބުނަނީ މިއީ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ދޭ ހަމަލާތައް ކަމަށާއި ހަމަލާ ދެނީ ހިޒްބުﷲ ގެ ހަތިޔާރު އަތުލަން ލުބްނާން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.
ލުންބާން ސަރުކާރުން ބުނަމުންދަނީ ދެކުނުގައި، އިޒްރޭލު ބޯޑަރު ކައިރީގައި ހުރި ހިޒްބުﷲގެ އިންފްރާސްޓްރަކްޗާ ނައްތާލުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy