މޯލްޑިވިއަންގެ އާ އިންޖިނިއަރިން ސާވިސް ބިލްޑިން -- ފޮޓޯ | މޯލްޑިވިއަން
07 ޖުލައި 2025 - 11:03
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ކުންފުނީގެ އިންޖިނިއަރިން ސާވިސް ބިންޑިން ހުޅުވައިފި އެވެ.
އެ އިމާރާތް ރަސްމީކޮށް އިއްޔެ ހުޅުވީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނެވެ.
ތިން ބުރީގެ އިންޖިނިއަރިން ސާވިސް ބިލްޑިން އިން ބޯޓުތަކުގެ އިންޖިނިއަރިންނާ ގުޅޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އެ އިމާރާތުގައި އެއާކްރާފްޓްތަކަށް ބޭނުންވާ ސްޕެއާ އާއި އޮފީސް ސްޕޭސްގެ އިތުރުން ކޮލިޓީ އާއި ސޭފްޓީ އާއި ސެކިއުރިޓީ ގުޅޭ ހިދުމަތްތައް ދޭނެ އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް -- ފޮޓޯ: މޯލްޑިވިއަން
އާ އިމާރާތަށް ނަން ދީފައި ވަނީ، އެ އެއާލައިންގެ ޑިރެކްޓާ އޮފް އިންޖިނިއަރިން މަގާމު ފުރުއްވި އަލްމަރުހޫމް އަލީ ފިރާގުގެ ނަމުންނެވެ. ކުރިން އިންޖިނިއަރިންނާ ގުޅޭ ހިދުމަތްތައް ދިނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކި އިމާރާތްތަކުގެ އެކި ޖާގަތަކުގަ އެވެ.
އެއެއާލައިނުން ބުނީ، އެއް ފުރާޅެއްގެ ދަށުން މަތިންދާ ބޯޓުތަކާ ގުޅޭ ޓެކްނިކަލް ހުރިހާ ހިދުމަތެއް ދޭން ފެށުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، އެ ބޭނުންވާ ހިދުމަތެއް ފަސޭހައެއް ދެވޭނެ ގޮތްތައް ފަހިވާނެ ކަމަށެވެ.
އެ އެއާލައިނުން ބުނީ، އާ އިމާރާތާ އެކު އިންވެންޓްރީ އާއި ލޮޖިސްޓިކްސް ޕްރޮސެސް ވެސް ފަސޭހަވާނެ ކަމަށެވެ.
މޯލްޑިވިއަން އިން އަންނަނީ އެ އެއާލައިންގެ މަތިންދާބޯޓުތަކުގެ އިތުރަށް އެހެން އެއާލައިންތަކުގެ މަތިންދާބޯޓުތަކަށް ވެސް މެއިންޓަނެންސް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy